ކ. މާލެ
|
30 މެއި 2023 | އަންގާރަ 15:41
މަޑުއްވަރީ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުން
މަޑުއްވަރީ ޕޮލިސް ޕޯސްޓް ރަސްމީކޮށް ހުޅުވުން
ޕޮލިސް
ޕޮލިސް ޕޯސްޓް
މ. މަޑުއްވަރީ ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފި
ރާއްޖޭގެ ޖިއޯގްރަފީ އޮންނަގޮތުން ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމުގައި ގޮންޖެހުންތައް އެބަހުރި

މ. މަޑުއްވަރީ ރައްޔިތުންނާ ގާތުން ފުލުހުންގެ ޚިދުމަތް ދިނުމަށްޓަކައި އެރަށުގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ރަސްމީކޮށް ހުޅުވައިފިއެވެ.  

މިކަމަށްޓަކައި މަޑުއްވަރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް، އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.  

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ދެއްކެވި ވާހަކަފުޅުގައި، ދާއިމީ ގޮތެއްގައި ފުލުހުން ގާއިމުކޮށްގެން ޚިދުމަތް ދިނުމަކީ ޚަރަދު ބޮޑު ކަމެއް ކަމަށާއި، ރާއްޖޭގެ ޖިއޯގްރަފީއާއި ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާގޮތަށް ބަލާއިރު، ރާއްޖޭގައި ފުލުހުންގެ ޚިދުމަތްދީ ތަރައްގީކުރުމުގައި ބޮޑެތި ދަތިތަކާއި ގޮންޖެހުންތައް ހުރިކަމުގައި ވިދާޅުވިއެވެ. އަދި އެ ގޮންޖެހުންތަކަކީ ހަމައެކަނި ފައިސާއާއި ވަސީލަތްތަކުގެ ސަބަބުން އަންނަ ދަތިތައް ނޫންކަން ފާހަގަކުރައްވައި އިންސާނީ ވަސީލަތުގެ ދަތިކަމާއި މަސައްކަތްތަކަށް ބޭނުންވާ ހުނަރު ހުރި، އަދި ޝައުގުވެރި ފަރާތްތައް ހޯދުމުގެ ދަތިކަން ހުރިކަންވެސް ފާހަގަކުރެއްވިއެވެ.  

އަދި ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާގެ މައްޗަށް ފުލުހުންގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ފުލުހުންގެ ޚިދުމަތުގެ ގާނޫނުން ފުލުހުންގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށާއި، މި ފަލްސަފާގެ މައްޗަށް ބިނާކޮށް ފުލުހުންގެ ޚިދުމަތްދޭއިރު، ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އެގޮތަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ރައްޔިތުންނަށް، އަދި ރައްޔިތުން ފުލުހުންނަށް އިތުބާރުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އަދި އެކުވެރި މާހައުލެއްގައި ކަންކަމާމެދު މަޝްވަރާކޮށް މައްސަލަތަކަށް ހައްލު ހޯދުމުގެގޮތުން، މ. އަތޮޅުގައިވެސް އަވައްޓެރި ފުލުހުންގެ ޚިދުމަތުގެގޮތުގައި ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމެއް އެކުލަވާލާފައިވާކަން ފާހަގަކުރެއްވިއެވެ. ހަމަ އެއާއެކު ފުލުހުންގެ ޚިދުމަތެއް ރަށެއްގައި އަލަށް ފެށުމަކީ އެރަށެއްގެ ރައްޔިތުންނާ ފުލުހުން ގުޅިގެން މަސައްކަތްކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށާއި، އަދި ފުލުހުން ތިބުމުން އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީއަށާއި ރަށުގެ ރައްޔިތުންގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

އެ ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު މުހައްމަދު، ސައުތު ސެންޓްރަލް ޕޮލިސް ރީޖަން ކޮމާންޑަރ، ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހުސައިން ރަޝީދުގެ އިތުރުން ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި މުލަކަތޮޅު ކައުންސިލްތަކުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް