ކ. މާލެ
|
29 މެއި 2023 | ހޯމަ 07:39
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު
ރައީސް އޮފީސް
މަސްވެރިކަން ތަރައްގީކުރުން
ވެރިކަމަށް އައުމަށްފަހު މަސްވެރިންނަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެންނަން ފަށައިފިން - ރައީސް
މަހުގެ އަގަށް ވެސް އިރާދަކުރެއްވިއްޔާ ރަނގަޅު ހެޔޮ ބަދަލެއް ލަސްތަކެއްނުވެ ގެނެވޭނެ
މިފްކޯ ތަރައްޤީ ކުރުމަށްޓަކައި މާބޮޑު މަސައްކަތެއް ކުރެވިފައި އޮތް ތަނެއް ފެނިވަޑައިނުގަންނަވާ

ވެރިކަމަށް އައުމަށްފަހުގައި، މަސްވެރިންނަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ފ. ފީއަލީގައި އަލަށް އިމާރާތް ކުރެވުނު އިންޖީނުގެއާއި، އޮފީސް އިމާރާތް އަދި އައިސް ޕްލާންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަމަށް އައުމަށްފަހުގައި، މަސްވެރިންނަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެންނަން ފަށާފައިވާ ކަމަށާއި، އެތައް ދުވަހެއް ވެގެންދިޔައިރުގައި ވެސް މިފްކޯ ތަރައްޤީ ކުރުމަށްޓަކައި މާބޮޑު މަސައްކަތެއް ކުރެވިފައި އޮތް ތަނެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ހަމައެކަނި މިފްކޯގެ އުޅަނދުތަކުގައި ހުރި މަސް ރައްކާކުރެވޭ ކެޕޭސިޓީއަށް އެކަނި ބަލައިލިނަމަވެސް، އެކަން ފާހަގަވިކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި އިރު، އެ ކެޕޭސިޓީއަކީ 1727 މެޓްރިކް ޓަން ކަމަށާއި، މިއީ މުޅި ރާއްޖޭގައި ހުރި މިފްކޯގެ އުޅަނދުފަހަރަށް ކިރޭވަރު ކަމަށެވެ.

އެހެން ނަމަވެސް، މިހާރު އެ ޢަދަދު ވަނީ 5027 މެޓްރިކް ޓަނަށް ބަދަލުކުރެވިފައި ކަމަށާއި، މަސް ފިނިކޮށް ގަނޑުކުރުމުގެ ކެޕޭސިޓީއަށް ބަލާއިރުގައިވެސް، އޭރު ހުރީ އެންމެ 80 މެޓްރިކް ޓަނުގެ ކެޕޭސިޓީ ކަމަށެވެ. ޖަޒީރާ 103، މަސައްކަތަށް ނެރުމާ އެކީގައި މި ކެޕޭސިޓީ 500 މެޓްރިކް ޓަނަށް ބަދަލުކުރެވިއްޖެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މުސްތަޤްބަލުގައި ތިން ބޯޓު ގެންނަކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއާއެކީގައި، މި ކެޕޭސިޓީ ވެސް ބޮޑުތަނުން އިތުރުވެގެންދާނެ ކަމަށެވެ.

މަސްވެރިންގެ އަތުން މަސްގަނެ، ދައުލަތުގެ ބަޖެޓުން ހޭދަކުރެވުނު އަދަދަށް ބަލާއިރުގައި، މިއިން ދުވަހަކު ނުކުރެވޭވަރަށް އަޅުގަނޑުމެންނަށް އެކަން ކުރެވިއްޖެ. 3.58 ބިލިއަން ރުފިޔާގެ މަސް، އަޅުގަނޑުމެން ރައްޔިތުންގެ އަތުން ގަނެފިން. އެހެންކަމުން، މަސްވެރި އިންޑަސްޓްރީއަށް، ޞިނާޢަތަށް މި ގެނެވޭ ބަދަލުތައް ދުވަހުން ދުވަހަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރިއަށްގެންދާނަން. މީގެ ނަތީޖާ މި އަހަރު ނިމޭއިރުގައި، ތަފާތު ބޮޑުކޮށް މަސްވެރިންނަށް ފެނިގެންދާނެ. މަހުގެ އަގަށްވެސް އިރާދަކުރެއްވިއްޔާ ރަނގަޅު ހެޔޮ ބަދަލެއް ލަސްތަކެއްނުވެ ގެނެވޭނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު

ރައީސް ވިދާޅުވީ ރާއްޖެއިން މަސް އެކްސްޕޯޓް ކުރާ ދެ މާކެޓަކީ، އިނގިރޭސިވިލާތާއި، ޔޫރަޕިއަން ޔޫނިއަން ކަމަށެވެ. އަދި އެ ދެފަރާތާ އެކީގައި މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށާއި، ލަސްތަކެއްނުވެ އިރާދަކުރެއްވިއްޔާ، އެ މަޝްވަރާތަކުގެ ނަތީޖާ ލިބި، ރާއްޖެއިން ޔޫރަޕަށް ބޭރުކުރެވޭ މަހުގެ އަގަށް ރަނގަޅު އަގުލިބި، މިހާރު ނަގަމުންއެދާ ޑިއުޓީ ކަނޑާލުމުން، މަސްވެރިންނަށް ސަރުކާރުން ދޭ އަގު ބޮޑުތަނުން އިރާދަކުރެއްވިއްޔާ ރަނގަޅު ކުރެވިގެންދާނެ ކަމަށެވެ.

Advertisement

Advertisement
- ކޮމެންޓް