ކ. މާލެ
|
27 މެއި 2023 | ހޮނިހިރު 21:53
ރައީސް ފ. މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވަނީ
ރައީސް ފ. މަގޫދޫ ފެނާއި ނަރުދަމާގެ ނިޒާމު އިފްތިތާހުކޮށްދެއްވަނީ
ރައީސް އޮފީސް
ފ. މަގޫދޫ
މަގޫދޫ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް އިފްތިތާހު ކޮށްފި
މި މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ސަރުކާރުން ހަވާލު ކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ
މިއީ 31,496,840.00 ރުފިޔާގެ މަޝްރޫއެއް
ރައީސްއަކީ މަގޫދޫގެ ތަރައްގީގެ ބާނީ ކަމަށް އެ ރަށު ކައުންސިލް ރައީސް ވިދާޅުވި

ސަރުކާރުން ގާއިމުކުރި ފ. މަގޫދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ނިޒާމު އިފްތިތާހު ކޮށްދެއްވީ މިހާރު ފ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަގޫދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހުއެވެ. އެމަނިކުފާނުގެ އިތުރުން މި ރަސްމިއްޔާތުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އާއި ދައުލަތުގެ ވަޒީރުންނާއި ފެނަކައިގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މަގޫދޫގައި ގާއިމު ކުރި ފެނުގެ ނިޒާމަކީ "އިންޓަގްރޭޓެޑް ވޯޓާ ރިސޯސް މެނޭޖްމަންޓް“ އާއި އެއްގޮތަށް ޑީސެލިނޭޓެޑް ފެނާއި ވާރޭފެން އެއްކުރެވިގެން ފެނުގެ ހިދުމަތް ދެވިގެން ދާނެ ނިޒާމެއްކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ. މި ނިޒާމުގެ ދަށުން ދުވާލަކަށް 35 ޓަނުގެ ފެން އުފައްދާ ދެ އާރުއޯ ޕްލާންޓާއި ފެން ރައްކާ ކުރުމަށް 230 ކިއުބިކް މީޓަރުގެ 2 ޓޭންކު ވަނީ ބަހައްޓާފައެވެ. އަދި ނަރުދަމާ ނިޒާމުގެ ދަށުން ދެ ޕަންޕިންގ ސްޓޭޝަނާއި 4.2 ކިލޯމީޓަރުގެ ފެނުގެ ވިއުގައެއް ވެސް ވަނީ މި މަޝްރޫއުގެ ތެރެއިން ގާއިމްކޮށްފައެވެ.

މަގޫދޫ ކައުންސިލް ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ސުނާމީއަށް ފަހު އެ ރަށުގެ ފެން ފަށަލަ އެއްކޮށް ހަލާކުވެފައިވާ ކަމަށާއި އޭގެ ފަހުން ރައްޔިތުން ތާހިރުވަމުން އަންނަނީ ނަޖިސް ފެނުން ކަމަށެވެ. އެހެންވެ ރައްޔިތުން އެދެމުން އައީ ރަނގަޅު ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމުވެގެންދިއުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ހަގީގަތަކަށް ހައްދައިދެއްވީ ރައީސް ޞާލިހު ކަމަށާއި އެމަނިކުފާނަކީ މަގޫދޫގެ ތަރައްގީގެ ބާނީ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގޫދޫ ފެނާއި ނަރުދަމާގެ މަސައްކަތް ޑިޒައިން އެންޑް ބިލްޑް އުސޫލުން ސަރުކާރުން ހަވާލު ކުރީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާ މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 31,496,840.00 ރުފިޔާއަށެވެ.

މި މަސައްކަތް އަލްޓެކް އިން ކުރި ނަމަވެސް ފެނާއި ނަރުދަމާގެ ނިޒާމު ބަލަހައްޓަން ހަވާލު ކޮށްފައިވަނީ ފެނަކަ ކޯޕަރޭޝަނާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް