ކ. މާލެ
|
26 މެއި 2023 | ހުކުރު 07:59
އިސްލާމިކް މިނިސްޓްރީ
އިސްލާމިކް މިނިސްޓްރީ
ރާއްޖެއެމްވީ
ޒަކާތު ފަންޑު
ޒަކާތު ފަންޑުން މި އަހަރު ބޭސް ފަރުވާ އަށް އެކަނި 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފި
2021 ވަނަ އަހަރު 1700 މީހުންނަށް އަދި 2022 ވަނަ އަހަރު 3000 މީހުންނަށް އެހީ ފޯރުކޮށްދިން
ދުވާލެއްގެ މައްޗަށް 40 އަށް ވުރެ ގިނަ ފޯމު އެހީ އަށް އެދި ހުށަހަޅާ

ޒަކާތު ފަންޑުން މި އަހަރު ބޭސް ފަރުވާ އަށް އެކަނި 6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީގެ ފަންޑް މެނޭޖަރު އަބްދުﷲ އަލީ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ފަލަ ސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އަބްދުﷲ އަލީ ވިދާޅުވީ ޒަކާތު ފަންޑުގެ ތެރެއިން ތަފާތު 8 ބަޔަކަށް ހޭދަކުރައްވާ ކަމަށެވެ. އޭގެ ތެރެއިން ބޭސް ފަރުވާ އަށް ބޭނުންވާ މީހުން އެހީ އަށް އެދޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން މިހާރު ދުވާލެއްގެ މައްޗަށް 40 އަށް ވުރެ ގިނަ ފޯމު އެހީ އަށް އެދި ހުށަހަޅާ ކަމަށް އޭނާ ވިދާޅުވިއެވެ.

ބޭސް ފަރުވާ އަށް އެހީ ދިނުމުގެ ކަންކަން ބަލަހައްޓަނީ ޚާއްސަ ކޮމިޓީއަކުން ކަމަށާއި އެ ފަންޑުން ބޭސްފަރުވާ އަށް ކުރާ ހޭދަ އަހަރަކަށް ވުރެ އަހަރެއް މަތިވަމުންދާ ކަމަށް އަބްދުﷲ އަލީ ވިދާޅުވިއެވެ. އެގޮތުން 2019 ވަނަ އަހަރު 1400 މީހުންނަށް އެހީ ފޯރުކޮށްދިން ކަމަށާއި ޖެހިގެން އައި 2020 ވަނަ އަހަރު ކޮވިޑްގެ ސަބަބުން ބޭސް ފަރުވާ އަށް އެހީ އަށް އެދުނު މީހުންގެ އަދަދު ދަށްވި ކަމަށް ވިދާޅުވިއެވެ. މީގެ އިތުުރުން 2021 ވަނަ އަހަރު 1700 މީހުންނަށް އަދި 2022 ވަނަ އަހަރު 3000 މީހުންނަށް އެހީ ފޯރުކޮށްދިން ކަމަށް އޭނާ ވިދާޅުވިއެވެ. މި އަހަރު މިހާތަނަށް 1500 މީހުންނަށް އެހީ ފޯރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޒަކާތު ފަންޑު މެދުވެރިކޮށް އެހީދޭ އިތުރު ކަންކަމުގެ ތެރޭގައި ދީނީ ކަންކަމާއި، އިކޮނޮމިކް މިނިސްޓްރީ އާއި، އިސްލާމިކް މިިނިސްޓްރީން ގުޅިގެން “ޒަކާތު ނަފާ” ގެ ނަމުގައި ޒަކާތު ފަންޑު މެދުވެރިކޮށް ގަފީރުންނަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ހާއްސަ ޕްރޮގްރާމެއް ހިންގުން ފާހަގަކޮށްލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް