ކ. މާލެ
|
24 މެއި 2023 | ބުދަ 15:31
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު
މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު
ރާއްޖެއެމްވީ
މޭރީ ގްރޭސްގެ މަރުގެ މައްސަލަ
ލަމްހާ 100 ދުވަހަށް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލަން އެދިއްޖެ
 
މައްސަލަ ބައްލަވާ ގާޒީ ނިންމެވީ، މިހިނދަށް ލަމްހާގެ ބަންދަށް ލުއިދޭންޖެހޭ ސަބަބެއް ނެތް ކަމަށް
 
މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތީ ކޮން ބައެއްގެ މައްޗަށްތޯ ވަޒަންކޮށްދިނުމަށް އެދިފައިވޭ
 
ބަންދު މުރާޖައާއާ ގުޅޭގޮތުން ހުށައަޅާފައިވާ ނުކުތާތައް އިތުރަށް ދިރާސާ ކުރައްވާނެ

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސް.ވައި ވާރގަސްއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުމުގައި ފުރަތަމަ ކުރިއަށް ގެންދިޔައީ ހެކިބަސް ނެގުމުގެ ބައެވެ. އެއަށްފަހު ލަމްހާގެ ބަންދު މުރާޖައާ ވަނީ ކުރިއަށް ގެންގޮސްފައެވެ.

ލަމްހާގެ ފަރާތުން ވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތްކަމަށް ބަލާއިރު، އެ ނުރައްކާ އޮތީ މުޖުތަމައުގެ ކޮން ބައެއްގެ މައްޗަށްތޯ ވަޒަންކޮށްދިނުމަށް އެދިފައެވެ. އެގޮތުން އޭނާ ބަންދުން ދޫކޮށްލައިފިނަމަ ހަގީގަތުގައިވެސް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް އޮތްތޯ ނުވަތަ ނޫންޠޯ އިތުރަށް ވަޒަން ކޮށްދިނުމަށްވެސް ދިފާއުން އެދިފައިވެއެވެ.

މިހާރު އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވާފަދަ ކުށެއް އަނެއްކާވެސް މީހަކާ ބައިވެރިވެގެން އޭނާ ކޮށްފާނެ ކަމުގެ އިހްތިމާލު އޮތީ ކިހާ ވަރަކަށްތޯ ވަޒަން ކޮށްދިނުމަށްވެސް ދިފާއުން އެދިފައިވެއެވެ.

ދިފާއުން ވަނީ ލަމްހާ ޝަރުުތުތަކާއެކު 100 ދުވަހަށް ބަންދުން ދޫކޮށްދިނުމަށް އެދިފައެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު ވިދާޅުވީ، ކޯޓުން މީގެ ކުރިން ލަމްހާ ޝަރީއަތް ނިމެންދެން ބަންދުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ އޮތް މިންވަރު ވަޒަން ކުރުމަށްފަހު ކަމަށެވެ. އޭރު އެގޮތަށް ނިންމެވި ސަބަބުތައް އަދިވެސް ދެމިއޮތްކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ދެފަރާތުން ދެއްކެވި ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ، މިހިނދަށް ލަމްހާގެ ބަންދަށް ލުއިދޭންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

އަދި ބަންދު މުރާޖައާއާ ގުޅޭގޮތުން ހުށައަޅާފައިވާ ނުކުތާތައް އިތުރަށް ދިރާސާ ކުރެއްވުމަށްފަހު ނިންމަވާ ގޮތެއް ދެން އޮންނަ އަޑުއެހުމެއްގައި އަންގަވާނެކަމަށްވެސް ގާޒީ ހުސައިން ފާއިޒް ރަޝާދު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
9%
23%
0%
14%
5%
50%
ކޮމެންޓް