ކ. މާލެ
|
22 މެއި 2023 | ހޯމަ 16:00
ކުރީގެ ރައީސް މައުމޫނު ފޮރިން މިނިސްޓަރާއި، މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއެކު
ކުރީގެ ރައީސް މައުމޫނު ފޮރިން މިނިސްޓަރާއި، މިނިސްޓްރީގެ ބައެއް މުވައްޒަފުންނާއެކު
ފޮރިން މިނިސްޓްރީ
ފޮރިން މިނިސްޓްރީގެ މުވައްޒަފުންގެ މަސައްކަތް
ފޮރިން މިނިސްޓްރީގެ މުވައްޒަފުން ރައްޔިތުންނަށް ކޮށްދެމުންދަނީ އަގުހުރި ޚިދުމަތްތަކެއް: މައުމޫން
މައުމޫނު އަލްމަރުހޫމާ އާބިދާގެ ހަނދާނުގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރެއްވި
މައުމޫނުގެ މި ޒިޔާރަތުގައި ވަނީ ފޮރިން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވާފައި

ފޮރިން މިނިސްޓަރާއި ފޮރިން މިނިސްޓްރީގެ މުވައްޒަފުން ދިވެހި ސަރުކާރާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވަނީ އަގުހުރި ޚިދުމަތްތަކެއް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

މައުމޫން މިހެން ވިދާޅުވެފައިވަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިމާރާތް، ފަތުޙުﷲ ޖަމީލް ބިލްޑިންގ އަށް އެމަނިކުފާނު އާދިއްތަ ދުވަހު ކުރެއްވި ޒިޔާރަތުގައި އިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވަމުންނެވެ.

މައުމޫނު ވިދާޅުވީ އިމާރާތުގެ ރީތިކަމަށް ވުރެ މުހިންމީ އިމާރާތުގައި މަސައްކަތްކުރައްވާ މިނިސްޓަރ އާއި އެންމެހައި މުވައްޒަފުން ދިވެހި ސަރުކާރާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ އަގުހުރި ޚިދުމަތް ކަމަށެވެ. އަދި އެމަނިކުފާނު ވަނީ މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް ތަހުނިޔާ ވިދާޅުވެ މުބާރަކުބާދީ އަދާކުރައްވާފައެވެ.

މައުމޫނު ފޮރިން މިނިސްޓްރީއަށް ޒިޔާރަތް ކުރައްވާފައިވަނީ ސަރުކާރަށް 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި އަލްމަރުހޫމާ އަލްފާޟިލާ އާބިދާ އަޙުމަދުގެ ހަނދާނުގައި ފޮރިން މިނިސްޓްރީގައި ހުޅުވާފައިވާ ތައުޒިޔާގެ ދަފްތަރުގައި ސޮއިކުރެއްވުމަށެވެ.

މައުމޫނު ފޮރިން މިނިސްޓްރީއަށް ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވާފައިވަނީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އަބްދުﷲ ޝާހިދު އާއި ފޮރިން މިނިސްޓްރީގެ އިސްވެރިންނެވެ.

މައުމޫނުގެ މިޒިޔާރަތުގައި ވަނީ ފޮރިން މިނިސްޓްރީގެ އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އަދި އަލްމަރުހޫމާ އާބިދާ އަހުމަދު ނިޔާވުމާ ގުޅިގެން މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނަށް އެމަނިކުފާނު ތައުޒިޔާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް