ކ. މާލެ
|
18 މެއި 2023 | ބުރާސްފަތި 12:43
ޤާސިމް އާއި ރައީސް ނަޝީދު
ޤާސިމް އާއި ރައީސް ނަޝީދު
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
ހުރިހާވެސް އެއްޗަކީ "ބޮޑުވަޒީރުކަން"
ފިކުރެއްގެ ދިރުމުން ޖޭޕީއަށް ހުށަހެޅި ހުށަހެޅުމުގެ މައިގަނޑަކީވެސް ބޮޑުވަޒީރުކަން

ރައްޔިތުން ބޮޑުކޮށް ބުނީ ނޫނެކެވެ. ބޭއްވި ޚިޔާލު ހޯދުމުގެ ވޯޓުގައި ރައްޔިތުން ނިންމީ ބާއްވާނީ ރިޔާސީ ނިޒާމެއް ކަމަށެވެ. ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރާކަށް އެއްބަހެއް ނޫނެވެ. އެމަގުން ޤާނޫން އަސާސީވެސް ހަދާ ނިންމީއެވެ. އެޤާނޫން އަސާސީގެ ދަށުން އިންތިޚާބުތަކެއް ބާއްވައި ވެރިކަމުގެ ދައުރުތަކެއްވެސް ފުރިހަމަ ކޮށްފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅަކީ ބަރުލަމާނީއެވެ. ޤައުމު ހިންގަން ބޮޑުވަޒީރަކު ހުރުމެވެ. އެންމެންވެސް އިއްތިފާގުވާގޮތުގައި ނަޝީދުގެ ބޭނުންފުޅަކީ ބޮޑު ވަޒީރުކަމަށް ވަޑައިގެންނެވުމެވެ.

ރައީސް ނަޝީދަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހުވެސް ގޯސްވި މައިގަނދު ސަބަބަކީ އެއީއެވެ. ކޯލިޝަނޭ، އެމްޑީޕީގެ ރޫހެއް ނޫނޭ، ކޮރަޕްޝަނޭ ވިދާޅުވަނީ އެކަމަށް މަގުފަހި ކުރެއްވުމަށެވެ. ސަރުކާރު ލައްވައި، ޚާއްޞަކޮށް ރައީސް ސާލިހު ލައްވައި އެކަން ކުރެއްވުމެވެ. މަޖިލީހުން އެމްޑީޕީއަށް ލިބިދީފައި އޮތް ބޮޑު މެޖޯރިޓީ ބޭނުން ކުރައްވައިގެން އެކަން ކުރެއްވުމެވެ. ޖެހިގެން އުޅޭ މައްސަލައަކީ އެއީއެވެ. ދެވަނަ ދެކަމެއް ނޫނެވެ. ރައީސް ސާލިހު އެކަމަށް އެއްބަސްވެވަޑައި ނުގެންނެވުމެވެ. ވެރިކަން ކުރާ ކޯލިޝަނުން ވެސް އެކަމަށް ތާއީދުނުކުރުމެވެ.

އެހުރިހާ ހާސަރެއް ދަންމަވަމުން ވެސް އެމްޑީޕީގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވީއެވެ. އެ އިންތިޚާބު ކާމިޔާބުވެއްޖެނަމަ އަނެއްކާ ވެސް ރިޔާސީ ނިޒާމުން ވެރިކަން ކުރެއްވުމަށް ބާއްވާ ރިޔާސީ އިންތިޚާބަށެވެ. ރިޔާސީ ޕްރައިމަރީގައި ބޮޑުތަނުން ބަލިވެވަޑައިގެންނެވުމުން ވެސް އަނެއްކާ ވެސް އެކުރައްވަނީ ފެންނަ ފެނުމަށް ބަރުލަމާނީގެ މަސައްކަތެވެ. ބޮޑުވަޒީރުކަން ހޯއްދެވުމުގެ މަސައްކަތެވެ. އަމިއްލަ ޕާޓީގެ އެތައް މެންބަރުންގެ ނިންމުމާ ދެކޮޅު ހައްދަވައި ގާސިމް އިބްރާހީމް ވެރިކަމަށް ގެންނެވުމަށް ޖުމްހޫރީ ޕާޓީއާވެސް ފުރަތަމަ އައްވަލަށް ވެސް ދައްކަވަން ފެށްޓެވީ ހަމަ އެވާހަކައެވެ. ބަރުލަމާނީ ނިޒާމުގެ ވާހަކައެވެ. ބޮޑުވަޒީރުގެ ވާހަކައެވެ. ހުށަހެޅި ހުށަހެޅުމުގައިވެސް ދެވަނަ ދޭއްޗެއް ނެތެވެ. ބޮޑުވަޒީރުކަމެވެ. އިންތިޚާބު ކާމިޔާބުވެ ހުވާކުރުމުގެ ކުރިން ވެސް ބޮޑުވަޒީރު ނެގުމުގެ ވާހަކައެވެ.

ރައީސް ނަޝީދުއާ ކުރިން ވަރަށް ގާތް ސިޔާސީ އިސްބޭފުޅަކު ވިދާޅުވީ ރައީސް ނަޝީދު ޤާސިމާ ވާހަކަ ދެއްކެވީކީ ވެސް ކޮންމެހެން ޤާސިމް ވެރިކަމަކަށް ގެންނެވުމަކަށް ނޫނެވެ. ބޭނުމަކީ ޤާސިމްގެ މޯހިރުން ބޮޑުވަޒީރުކަމަށް ވަޑައިގެންނެވުމެވެ. ނޫންނަމަ ފަހުވަގުތު ސިދާ ރައީސް ނަޝީދު ޖޭޕީ ކޯލިޝަން ތެރެއިން ވެރިކަމަށް ކުރިމަތިލެއްވުމެވެ. ރައީސް ނަޝީދާއި ޖޭޕީއާ ދެމެދު ހިނގާ ވާހަކަތަކުގައި މާބޮޑު ކުރިއެރުމެއް ނުލިބިގެން އުޅެނީވެސް އެހެންވެގެން ކަމަށެވެ.

ގާތްގަނޑަކަސް އެވާހަކަތައް ކޮޅެއްގައި ނުޖެހިދާނެކަން ހީވުމާއެކު މިހާރު އެވަނީ މުޅިން އެހެން މިސްރާބަކަށް ބަދަލު ކުރައްވާފައެވެ. އެމްޑީޕީން ވަކިވެ މުޅިން އެހެން ޕާޓީއެއް ހައްދަވައިގެން އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާށެވެ. ފިކުރެއްގެ ދިރުމުން އެވަނީ އެކަން އިއުލާނުކޮށްފައެވެ. އޭގައި އިސްކޮށް އުޅޭ ރައީސް ނަޝީދުގެ ސަޕޯޓަރުން އެވަނީ އެމްޑީޕީން ވަކިވެފައެވެ.

ކޮންމެއަކަސް ރައީސް ނަޝީދު އެ ފެއްޓެވީ މުޅިން އެހެން މިސްރާބަކުންނެވެ. ބައެއް މީހުން ބުނާގޮތުންނަމަ ބޮޑުވަޒީރުކަން ލިބޭނޭ މަގެއް ނުވަތަ އަނެއްކާ ވެސް ވެރިކަމަށް ވަޑައިގެންނެވިދާނެކަމުގެ އެހެން އުއްމީދެއްގައި މުޅިން "އެހެން ކުޅިއެއް" ކުޅުއްވަނީއެވެ. އެކަމަކު ތަފާތެއް އެބައޮތެވެ. ޑިމޮކްރަސީގެ ބައްޕަގެ ނަމުން ބަޔަކު މަޝްހޫރުކުރި ރައީސް ނަޝީދުގެ ކިބައިން އެކަމެއް ނުފެނުނެވެ. ބައްޔެއް ޤަބުލުފުޅެއް ނުކުރެއްވުނެވެ. ވެރިކަން ނޫން އެހެން އެއްޗެއް ބޭނުން ނޫނޭ ހީވާވަރަށް ބައެއް ޢަމަލުތަކުން ހެކިދޭން ފަށައިފިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް