ރައްޔިތުންގެ މަޖިލީހުގެ ނައިބްރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެމްޑީޕީގެ ޕީޖީ ގްރޫޕުން ފާސްކޮށްފިއެވެ.
އެމްޑީޕީ ޕީޖީ ގްރޫޕުން އެގޮތަށް ފާސްކޮށްފައިވަނީ ބުރާސްފަތި ދުވަހުއެވެ.
އީވާގެ އިތުބާރު ނެތްކަމަށް ފާސްކޮށްފައިވަނީ ޕީޖީ ގްރޫޕުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާޤުންނެވެ.
އީވާ ހިމެނިވަޑައިގަންނަވާ ގޮތަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ 12 މެންބަރަކު ބުދަ ދުވަހު ވަނީ އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އަދި އައު ސިޔާސީ ޕާޓީއެއް އުފައްދަވައި، ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން ވަނީ އިއުލާނުކޮށްފައެވެ.
ބުދަ ދުވަހު ފިކުރެއްގެ ދިރުމުގެ މެމްބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އީވާ ވަނީ މަޖިލީހުގެ ނައިބްރައީސްކަމުން އަމިއްލަފުޅަށް އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނައިބްރައީސް ކަމުގެ މަޤާމު މުހިއްމު ނޫންކަމަށްވެސް މި ބައްދަލުވުމުގައި އީވާ ވަނީ ވިދާޅުވެފައެވެ.
އޭގެ އިތުރުން، މަގާމު ދިފާއު ކުރުމަށް "ސިޔާސީ ބޮޑު ކަސްތޮޅެއްގައެއް" ނުހުންނަވާނެކަމަށް ވިދާޅުވި ނަމަވެސް އީވާ ވަނީ މަޤާމުން އިސްތިއުފާ ނުދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ.
އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ހުންނެވިއިރުވެސް އީވާ ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވާހަކަ ދައްކަވާފައެވެ. ނަމަވެސް ވައުދުތައް ފުއްދުމަށް މަޖިލީހުގައި ތިބެންޖެހޭނީ ސަރުކާރުގެ ވައުދުތަކަށް ތާއީދު ކުރައްވާ ބޭފުޅުން ކަމަށާއި، ނަޒާހަތްތެރި މަޖިލީހެއް ޤާއިމު ކުރަން ޖެހޭނެކަމަށް އީވާ މީގެ ކުރިން ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މުޅި މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެހެންކަމަށްވާނަމަ މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮއި ބޭނުންވާނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެކަމަށް ޤާނޫނުއަސާސީގައި ވަނީ ބަޔާންކޮށްފައެވެ. މަޖިލީހުގެ އަދަދުތަކަށް ބަލާއިރު، އެއީ 43 މެންބަރުންނެވެ.