ކ. މާލެ
|
17 މެއި 2023 | ބުދަ 20:25
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ރައީސް މައުމޫން އަބްދުލްޣައްޔޫމް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އާއި ރައީސް މައުމޫން އަބްދުލްޣައްޔޫމް
ޓްވިޓަރ
ޗާގޯސް މައްސަލަ
އިޓްލޮސްގެ ނިންމުން އިސްތިއުނާފުކުރުމަށް އެމްއާރުއެމް އިން ގޮވާލައިފި
މިއީ ސިޔާސީ މައްސަލައަކަށް ނުވާ ނަމަވެސް ސިޔާސީ މައްސަލައަކަށް ހެދުމަށް ބަޔަކު މަސައްކަތް ކުރަމުން އަަންނަ ކަމަށް އެމްއާރްއެމުން ބުނޭ

ރާއްޖެ އާއި މޮރިޝަސްއާ ދެމެދު އުފެދުނު ކަނޑުގެ އިމުގެ މައްސަލަ ސިޔާސީ ނުކޮށް، އެ މައްސަލަ އިސްތިއުނާފު ކުރަން ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމް އިން ގޮވާލައިފިއެވެ.

ކަނޑުގެ އިމުގެ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ސީ (އިޓްލޮސް) އިން ނިންމާފައި ވަނީ މައްސަލަ އުފެދުނު ސަރަހައްދު ދެ ގައުމުގެ މެދުގައި ބަހާލާށެވެ. އެ ނިންމުމުގެ ސަބަބުން ރާއްޖޭގެ ކަނޑުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ އިދިކޮޅު ސިޔާސީ ޕާޓީތަކުން އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެކަމާ ގުޅިގެން އެމްއާރްއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ނިންމުމަކީ ޒަމާނުއްސުރެ ދިވެހިންނަށް ލިބެމުންދިޔަ އިގްތިސާދީ އެތައް ފައިދާތަކަކަށް އުނިކަން ލިބިގެން ދާނެ ނިންމުމެއް ކަމަށެވެ. އަދި އޭގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށާއި އެހެންވެ، އިޓްލޮސްގެ ނިންމުން އިސްތިއުނާފްކޮށް، ރާއްޖެއަށް ފައިދާވާނެ ގޮތަކަށް މައްސަލަ ހުށަހެޅުމަށް ގޮވާލާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

މިމައްސަލާގައި ވަކި ބަޔަކު ސިޔާސީ މަގުސަދު ހާސިލް ކުރުމަށް މަސްލަހަތު ގެއްލޭ ގޮތަށް ވާހަކަ ދައްކަމުންދާ ކަމަށް އެ ބަޔާނުގައިވެއެވެ. އަދި މިއީ ސިޔާސީ މައްސަލައަކަށް ނުވާ ނަމަވެސް ސިޔާސީ މައްސަލައަކަށް ހެދުމަށް ބަޔަކު މަސައްކަތް ކުރަމުން އަަން ކަމަށް އެމްއާރްއެމްގެ ބަޔާނުގައިވެއެވެ.

ރާއްޖޭގެ އާކިޕެލެޖިކް ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަހައްދެއް ހާއްސަ އިގްތިސާދީ ސަރަހައްދުގެ ގޮތުގައި ލިބިދީފައިވެއެވެ. އަދި މީގެކުރިން ދިވެހި ދައުލަތުން މި ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަކަށް އެއްވެސް ފަރާތަކާ އެއްބަސްވެ ސޮއިކޮށްފައެއް ނެތްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައިވާ ގޮތުން މޮރިޝަސްއަށް ޗާގޯސް އައިލެންޑްސް ދިނުމާ ދެކޮޅަށް ރާއްޖެއިން ވޯޓު ދިނުމަށްފަހު އެ ސިޔާސަތު ބަދަލުކޮށް، ދިވެހި ސަރުކާރުން މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީގެ ހަގީގަތް ރައްޔިތުންނަށް ހާމަ ނުކުރުމަކީ ފޮރުވިފައިވާ ކަންތައްތަކެއް ވާނެކަމަށް ރައްޔިތުން ދެކޭނެ ކަމެކެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގެ ދެކުނު ސަރަހައްދުން ވަގަށް މަސްވެރިކަން ކުރުން އިތުރުވެގެން ދިއުމާއެކު، މުޅި ރާއްޖޭގެ މަސްވެރިކަމުގެ ސްޓޮކް ހީނަރުވެގެން ދިއުމުގެ ފުރުސަތު ބޮޑުވާނެ ކަމަށެވެ. މި މައްސަލަ ނިމިގެން ދިޔަ ގޮތުން ވާދަވެރި ހަރަކާތްތައް އިތުރުވެ ސަރަހައްދު ބެލެހެއްޓުމުގެ އަގު ބޮޑުވެ، އެ ސަރަހައްދުގެ ކަނޑާއި ބިމުއަޑީ ތަހުލީލުތައް ކުރުމާއި ކަނޑުވެށި މޮނިޓަރުކުރުމުގެ ފުރުސަތުވެސް ރާއްޖެއަށް ގެއްލޭ ކަމަށް ބުނެފައިވެއެވެ. އެ ޕާޓީން ބުނީ އުނިވެގެން ދިޔަ ސަރަހައްދުން މުސްތަގުބަލުގައި ރާއްޖެއަށް ލިބޭނެ މަންފާތައް މިހާރު ގެއްލިގެން ގޮސްފައިވާ ކަމަށެވެ. އަދި އެ ސަރަހައްދުގެ ކަނޑުންނާއި ބިމުއަޑީން ލިބެން ހުރި ސީފުޑާއި ނާދިރު މައުދަނާއި، ބޭސްފަރުވާގެ އުންސުރުތައް ފަދަ މައުދަނީ މަންފާގެ ފުރުސަތުތަކާއި އެ ސަރަޙައްދުގައި މޫސުމީ އަދި ކާރިސީ ތަހުލީލުތައް ކުރުމުގެ ފުރުސަތު ވެސް ގެއްލިފައިވާ ކަމަށެވެ.

ރާއްޖޭގެ ސިޔާދަތީ ހައްގަކަށް ކުޑަވެސް އުނިކަމެއް އަންނާނެ އެއްވެސް ނިންމުމަކަށް އެ ޕާޓީން ތާއީދު ނުކުރާނެ ކަަމަށާއި ސަރުކާރުން އެފަދަ އެއްވެސް ނިންމުމެއް ނިންމާފައިވާނަމަ އެ ނިންމުމެއް ބަދަލު ކުރުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް