އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުން އެމްޑީޕީ އިން ވަކިވެއްޖެއެވެ.
މި ބޭފުޅުން އެމްޑީޕީން ވަކިވިކަން އިތުބާރު ހުރި މަސްދަރަކުން ވަނީ ރާއްޖެ ޓީވީ އަށް ކަށަވަރުކޮށްދެއްވާފައެވެ.
އެ 13 ބޭފުޅުން ޕާޓީން ވަކިވުމަށްޓަކާ އެމްޑީޕީގެ ސެކްރެޓޭރިއޭޓް އަށް ވަނީ ސިޓީ ފޮނުއްވާފައެވެ. ބުދަ ދުވަހުގެ ވަގުތެއްގައި ފޮނުއްވި އެ ސިޓީތައް އެމްޑީޕީގެ ސެކްރެޓޭރިއެޓް އަށް ލިބިފައިވާކަން، އެމްޑީޕީގެ ސެކްރެޓޭރިއެޓުން ވަނީ "ރާއްޖެ އެމްވީ" އަށް ކަށަވަރުކޮށްދެއްވާފައެވެ.
އެޕާޓީން ވަކިވި 12 މެމްބަރުންގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެކު މަސައްކަތްކުރައްވާ މެމްބަރުންނެވެ. މި މެމްބަރުން އައީ މަޖިލީހާއި އެހެން ޕްލެޓްފޯމްތަކުގައި ސަރުކާރާއި ދެކޮޅަށް މަސައްކަތްކުރައްވަމުންނެވެ.
އެމްޑީޕީން ވަކިވެވަޑައިގަންނަވަން ސިޓީ ހުށަހެޅުއްވި މަޖިލިސް މެމްބަރުންގެ ތެރޭގައި ހިމެނެނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު (ބޯދިގު)، އުގޫފާރު ދާއިރާގެ މުހައްމަދު ވަހީދު (ވައްޑޭ)، ގދ.ގައްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހްމަދު ޒާހިރު، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ، ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފް، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، މަޑަވެލީ ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އަދި ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާންއެވެ.
މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި އެމްޑީޕީން ވަކިވެވަޑައިގެންފައެއް ނުވެއެވެ. އެމްޑީޕީގެ އެތެރޭގައި ޚިޔާލުތަފާތުވުންތައް ހުރި ނަމަވެސް ވަކިވި މެމްބަރުން އެމްޑީޕީ އާއި ސަރުކާރާއި ދެކޮޅަށް ފާޅުގައި ފާޑުކިޔަން ފަށާފައި ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ނަޝީދަށް ނާކާމިޔާބުވި ހިސާބުން ފެށިގެންނެވެ. އެހިސާބުން މި މެމްބަރުން ވަނީ މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކުގެ އިތުރުން އެހެން ޕްލެޓްފޯމްތަކުގައި ވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަން ފަށާފައެވެ.