ކ. މާލެ
|
17 މެއި 2023 | ބުދަ 11:44
ޕާކިންގ ޒޯން
ޕާކިންގ ޒޯން
އަރބަންކޯ
ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިންގް ޒޯނު
ރާއްޖޭގެ ފުރަތަމަ ސްމާޓް ޕާކިންގ ޒޯނުން ޖާގަ ދޫކުރަން ހުޅުވާލައިފި
ބީލަން ފެށޭ އަގަކީ 1500 ރުފިޔާ
ކުޅިގެ ގޮތުގައި ނަގާނީ ބީލަން ކާމިޔާބު ކުރާ ފަރާތުން ހުށަހަޅާ އަގެއް
ތިން އަހަރު ދުވަހަށް 23 ޖާގަ ކުއްޔަށް ދޫކުރަން ވަނީ ނިންމާފައި

ރާއްޖޭގައި ފުރަތަމަ ފަހަރަށް ގާއިމު ކުރި ސްމާޓް ޕާކިންގ ޒޯނުން ޖާގަ ދޫކުރުމަށް އަރބަންކޯއިން ފުރުސަތު ހުޅުވާލައިފިއެވެ.

ސްމާޓް ޕާކިންގެ ގޮތުގައި އަރބަންކޯއިން ހަދާފައިވަނީ ހުޅުމާލޭގެ ފެރީ ޓާމިނަލް ސަރަހައްދު ކައިރީގައިވާ ފިތުރޯނު ޕާކިން ޒޯނެވެ. މި ޒޯނުން ވެހިކަލް ޕާކު ކުރާނެ ޖާގަތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ.

އެ ކުންފުނިން އަންގާރަ ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި "ފިތުރޯނު ސްމާޓް ޕާކިންގ ޒޯނު"ން ޖާގަ ބޭނުންވާ ފަރާތްތަކަށް ތިން އަހަރު ދުވަހުގެ މުއްދަތަކަށް ދޫކުރާނެ ކަމަށެވެ. މި ފުރުސަތުގެ ދަށުން 23 ޖާގައެއް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ.

މި ޖާގަތަކަށް އެދި ބީލަން ފޯމު ބަލައިގަންނާނީ އަންނަ ޖޫން މަހުގެ ހަތްވަނަ ދުވަހުގެ މެންދުރު 1:00 އިން 2:00 އަށް އެޗްޑީސީ ބިލްޑިންގެ އެގްޒިބިޝަން ސެންޓަރުގައެވެ. މި ޖާގަތަކަށް އެދެވޭނީ މާލެ ސަރަހައްދުގައި އުޅަނދު ރަޖިސްޓްރީ ކޮށްފައިވާ އިތުރު ޕާކިން ޖާގައެއް ކުއްޔަށް ހިފާފައި ނުވާ 18 އަހަރު ފުރިފައިވާ ދިވެހިންނަށެވެ. ބީލަން ފެށޭ އަގަކީ 1500 ރުފިޔާއެވެ.

އަރބަންކޯއިން ބުނި ގޮތުގައި މި ޖާގަތައް ލިބޭ ފަރާތްތަކުން ލީސް ޑިޕޮސިޓްގެ ގޮތުގައ ތިން މަހުގެ ކުލި ތިން ދުވަހުގެ ތެރޭގައި ދައްކަން ޖެހޭނެއެވެ. އަދި މަހު ކުލީގެ ގޮތުގައި ޖާގަތަކުން ނަގާނީ ބީލަން ކާމިޔާބު ކުރި ފަރާތުން ހުށަހެޅި އަގު ކަމަށާއި ތިން އަހަރުގެ ކުލި އެއްފަހަރާ ދައްކާ ފަރާތްތަކަށް ހަތް އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

Advertisement

އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ހިމެނޭހެން ފަރުމާކޮށްފައިވާ މި ސްމާޓް ޕާކިންގައި ތަފާތު ކަންކަން ހުންނާނެކަމަށް އަރބަންކޯއިން ބުންޏެވެ. އެގޮތުން، ޕާކިން ޖާގަ ކަށަވަރުކޮށްގެން ޕާކު ކުރަން އަންނަ ކާރުތަކުގެ ނަމްބަރު ބޯޑު ކޮމްޕިއުޓަރ ވިޝަން އިނޭބަލްޑް ކެމެރާއަކުން ދެނެގަނެވިގެން އޮޓޯ ބޫމް ގޭޓު ހުޅުވޭނެއެވެ. މިގޮތަށް އޮޓޮމެޓިކުން ނަމްބަރު ބޯޑު ދެނެގަތުމަށް އެންމެ ފަހުގެ ޓެކުނޮލޮޖީތަކުގެ ތެރޭގައި ހިމެނޭ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)، އަދި މެޝިން ލާނިން (އެމްއެލް) ބޭނުންކުރެއެވެ. މީގެ ސަބަބުން އިންސާނީ މުއާމަލާތަކާ ނުލައި އޮޓޮމެޓިކުން ފަސޭހަކަމާއެކު ކާރަށް ޕާކިން ޒޯނަށް ވަދެ އަދި ނިކުމެ ހެދޭނެއެވެ.

މީގެ އިތުރުން މި ޒޯނުގައި ޕާކު ކުރާ އުޅަނދުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި 24 ގަޑިއިރު ސީސީޓީވީ ކެމެރާ މެދުވެރިކޮށް މޮނިޓަރ ކުރާނެއެވެ.

ހަމައެކަނި ކާރު ޕާކު ކުރުމަށް ކަނޑައެޅިފައިވާ މި ސްމާޓް ޕާކިން ޒޯނުގައި ކުރު މުއްދަތަށް ޕާކު ކުރަން އަދި ދިގު މުއްދަތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަ ޖާގަތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ހާއްސަ ޖާގަތައް ހުންނާނެއެވެ. އަދި ކުރު މުއްދަތަކަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ޕާކިންގ އެޕްލިކޭޝަނެއް ވަނީ ތައްޔާރު ކުރެވިފައެވެ. މި އެޕްލިކޭޝަންގެ ސަބަބުން ކުރުމުއްދަތަކަށް ޕާކު ކުރުމުގެ ކަންކަން ވަރަށް ބޮޑަށް ލުއި ފަސޭހަ ވެގެންދާނެ ކަމަށް އަރބަންކޯއިން ބުންޏެވެ.

އައިއޯއެސް އަދި އެންޑްރޮއިޑް ޑިވައިސް ތަކުގައި ބޭނުން ކުރެވޭ މި އެޕް ބޭނުން ކުރާ ފަރާތްތަކަށް ސްމާޓް ޕާކިންގ ޒޯންގައި ހުންނަ ހުސް ޕާކިން ޖާގަތައް، އަދި ޕާކު ކުރެވޭ އަގުތައް ވަގުތުން ފެންނަން ހުންނާނެއެވެ. އަދި ފަސޭހަކަމާއެކު އެޕް މެދުވެރިކޮށް ޖާގަ ރިޒާވްކޮށް ފައިސާ ދައްކާލެވޭނެ ކަމަށާއި ޕާކިންގ ޖާގަ ހުސްވުމުން ނޮޓިފިކޭޝަންތަކާ، ޕާކިންގ ޖާގަޔާ ހަމަޔަށް ނެވިގޭޓުކޮށްދިނުމާ، ބޭނުން ކުރާ ފަރާތުގެ ޕްރޮފައިލް ވެސް މި އެޕް ގެ ޒަރީއާއިން ފެންނާނެ ކަމަށް އަރބަންކޯއިން ބުނެއެވެ.

ފިތުރޯނު ޕާކިން ޒޯނަކީ އެންމެ ފުރަތަމަ ސްމާޓް ޕާކިންގ ޒޯނު ކަމުގައި ވިޔަސް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އިތުރު ސްމާޓް ޕާކިންގ ޒޯނުތައް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ތައާރަފު ކުރެވި ޕާކިންގެ ކަންކަމަށް އިންގިލާބީ ބަދަލެއް ގެނެވިގެން ދާނެކަމަށް އަރބަންކޯއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް