އެމްޑީޕީގެ ތެރޭގައި "އެހެން ދިރުމެއް" އޮންނަން ޖެހޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށް މާލޭގެ ފުރަތަމަ މޭޔަރު އަދި ވިޔަފާރިވެރިޔާ ސަރަނގު އާދަމް މަނިކު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި އަންގާރަ ދުވަހު ވާހަކަ ދައްކަަވަމުން ސަރަނގު އާދަމް މަނިކު ވިދާޅުވީ، އޭނާއަކީ ވަކި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ފަޅީގެ މީހެއްކަމަށް ނުބުނެވޭނެ ކަމަށެވެ.
ވެރިކަމަށް ވަޑައިގަތުމަށް ބަލާއިރު، ޕްރައިމަރީއާ ހަމައަށް ނަޝީދަށްވެސް ފުރުސަތު އޮތްކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ޕްރައިމަރީގައި ނަޝީދަށް ތާއީދު ކުރައްވާފައިވާނެ ކަމަށެވެ. އެކަމުގައި އަމިއްލަ ގޮތުންވެސް އުޅުއްވާފައިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންނަމަވެސް ޕްރައިމަރީގެ ނަތީޖާ ހާމަވެފައިވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު އިންތިޚާބު ކާމިޔާބު ކުރެއްވީވެސް ބޮޑު އަޢުލަބިއްޔަތަކުންކަމަށް އޭނާ ވިދާޅުވިއެވެ.
އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައީސް ސޯލިޙު ވިން ވީމަ އަޅުގަނޑަށް ފެނުނީ އެއީ ރަނގަޅު ކަމެއްކަމަށްސަރަނގު އާދަމް މަނިކު
އެހިސާބުން ރައީސް ސާލިޙުގެ ފަހަތަށް އަރާވަޑައިގެން އެމްޑީޕީއަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް މަސައްކަތް ފެއްޓެވުމަށް ނަޝީދަށްވެސް އިރުޝާދު ދެއްވާފައިވާނެކަމަށް އާދަމް މަނިކު ވިދާޅުވިއެވެ.
އެމްޑީޕީއަކީ އަބަދުވެސް ވަކި އަސާސްތަކެއްގެ މަތީގައި ދެމި އޮންނަ ޕާޓީއެއް ކަމަށާއި، ރައީސް ސާލިޙުގެ ވެރިކަމުގައި އަމާންކަމާއެކު ރައްޔިތުންނަށް އެބަ އުޅެވޭކަމަށްވެސް އާދަމް މަނިކު ވިދާޅުވިއެވެ.
އަޅުގަނޑު ދެންނެވިން ސޯލިޙު ފަހަތަށް އަރައި މަސައްކަތް ފައްޓަވަންވީއޭ، ނޫނީ ޕާޓީ ހަލާކުވެގެންދާނީއޭ، އެއީ ޕާޓީގެ އުމުރުން ދުވަސްވީ މީހުންނަށް ހަޖަމު ކުރެވޭނެ ކަމެއް ނޫންސަރަނގު އާދަމް މަނިކު
ނަމަވެސް އެކަން ނަޝީދު ޤަބޫލު ނުކުރެއްވިކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
އޭގެ އިތުރުން، ނަޝީދަކީ މީގެ ކުރިން މަޝްވަރާގެ އުސޫލުގެ މަތިން ކަންކަން ކުރެއްވި ބޭފުޅެއްނަމަވެސް، ފަހުން ގިނަ ފަހަރު ކަންކަމުގެ މަޝްވަރާ ކުރެވޭއިރު އޮންނަނީ އެކަންކަމާ ގުޅޭ ނިންމުންތައް މާ ކުރިން ނިމިފައިކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އެމްޑީޕީގެ ތެރޭގައި "އެހެން ދިރުމެއް" އޮންނަން ޖެހޭނެކަމަށް ޤަބޫލު ނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ފިކުރެއްގެ ދިރުމުގެ ނަމުގައި އިދިކޮޅު ޕީޕީއެމްއާވެސް މަޝްވަރާތައް ކުރަމުންދާއިރު، އެ ފަރާތްތަކުގެ އަމާޒަކީ ކޮބައިކަން މިހާރު ސާފު ނުވާކަމަށް އޭނާ ވިދާޅުވިއެވެ.