ކ. މާލެ
|
15 މެއި 2023 | ހޯމަ 19:22
މަޖިލީހުގެ ޖަލްސާ
މަޖިލީހުގެ ޖަލްސާ
ރައްޔިތުންގެ މަޖިލިސް
އެމްޑީޕީގެ ބައެއް މެމްބަރުންނަށް ފިޔަވަޅު އެޅުން
އެމްޑީޕީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކާމެދު ފިޔަވަޅު އަޅައިދިނުމަށް އެދިއްޖެ
ފިޔަވަޅު އަޅަން އެދިފައިވަނީ؛ އިމްތިޔާޒް ފަހުމީއާއި، ހަސަން ލަތީފާއި، އިލްޔާސް ލަބީބްގެ އިތުރުން ޔާސިރު އަބްދުއްލަތީފާމެދު

އެމްޑީޕީއަށް ނިސްބަތްވާ, ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެމްބަރަކާމެދު ފިޔަވަޅު އަޅައިދިނުމަށް އެމްޑީޕީގެ ޕީޖީން އެދިއްޖެއެވެ.

އެމްޑީޕީގެ ޕީޖީން ފިޔަވަޅު އަޅަން އެދިފައިވަނީ؛ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި، ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ އިތުރުން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާމެދުގައެވެ.

އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލަށް އެޑްރެސްކުރައްވައި އޭޕްރިލް މަހުގެ 27 ވަނަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.

އެ ސިޓީފުޅުގައި ފާހަގަކުރައްވާފައި ވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ހިންގާ ޤަވާއިދުގައި މެމްބަރުން އަމަލުކުރަންޖެހޭ އުސޫލުތައް ކަނޑައަޅާފައިވާކަމަށެވެ. އެ ގަވާއިދުގެ 8 ވަނަ މާއްދާގައިވާ ގޮތުން؛ ޕާޓީގެ ސިޔާސަތު ކުރިއަރުވަން ޖަލްސާތަކާއި ކޮމިޓީތަކުގައި ވަކާލަތުކުރުމަކީ ޕާލިމަންޓަރީ ގްރޫޕްގެ މެމްބަރުންގެ މަސްއޫލިއްޔަތެއްކަމަށް ބުނެފައިވެއެވެ. އެ ގަވާއިދުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުން؛ ވެރިކަމުގައި އެމްޑީޕީ އޮންނަނަމަ ސަރުކާރުން މަޖިލީހަށް ހުށަހަޅާ ކަންކަމުގައި އެއްބާރުލުން ދޭންވާނެއެވެ.

އެހެންނަމަވެސް އެ މެމްބަރުން ތަކުރާރުކޮށް ގަވައިދާ ޚިލާފަށް އަމަލުކުރަމުންދާކަން އަސްލަމްގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން، ސަރުކާރު ބަދުނާމުވާގޮތަށް ގަރާރުތަކާއި މައްސަލަތަކާއި ކުއްލި މައްސަލަތައް ހުށަހެޅުމާއި، ސަރުކާރުން މަޖިލީހަށް ފޮނުވާ މައްސަލަތަކާއި ބިލުތަކުގެ މަސައްކަތް ލަސްކުރުމާއި، ހުރަސް އެޅުމުގެ އަމަލުތައް އެ މެމްބަރުންގެ ފަރާތުން ފެންނަކަަމަށް ވަނީ ބުނެފައެވެ. އެހެންކަމުން 19 އެޕްރިލް 2023ގައި ބޭއްވި ޕާލިމެންޓަރީ ގްރޫޕްގެ ބައްދަލުވުމުން، 5 މެމްބަރަކަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީއަށް ފޮނުވަން ނިންމާފައިވާކަމަށް އެ ސިޓީފުޅުގައިވެއެވެ.

މި މެމްބަރުންނާމެދު ފިޔަވަޅު އަޅައިދިނުމަށް އެދިފައިވާއިރު، މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާމެދު ފިޔަވަޅު އަޅައިދިނުމަށްވެސް ޕީޖީ ގްރޫޕުން ވަނީ އެދިފައެވެ. އެމްޑީޕީގެ އެތެރޭގައި ޚިޔާލުތަފާތުވުންތަކެއް ހުރިނަމަވެސް، މި މެމްބަރުން ސަރުކާރާ ދެކޮޅަށް މަސައްކަތްކުރައްވަން ފައްޓާފައިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ނާކާމިޔާބުވެވަޑައިގެންނެވި ހިސާބުންނެވެ. އެހިސާބުން ފިކުރެއްގެ ދިރުމުގެ ނަމުގައި ވަކި ގޮތްޕެއް އުފައްދައި، ސަރުކާރާ ދެކޮޅަށް ދަނީ މަސައްކަތްކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް