ކ. މާލެ
|
14 މެއި 2023 | އާދީއްތަ 16:15
ކަނޑު އަޑީގައި އޮތް ދާގަނޑެއް ކަފައިގެން ނަގަނީ
ޕްލާސްޓިކުގެ މައްސަލަ
ކޮތަޅު އަގުބޮޑުވެގެން އުޅޭއިރު، ކަނޑުން ނަގާ ކުނި ދާގަނޑެއް ކިހިނެއް ވާނެ؟
މި ދާގަނޑަކީ 300 އަކަމީޓަރު ނުވަތަ 984 ފޫޓުގެ ބޮޑު ދާގަނޑެއް
ކަނޑުގެ 20 މީޓަރު ނުވަތަ 65 ފޫޓު އަޑީގައި ތާށިވެފައި އޮތް މި ދާގަނޑު ނެގުމަށް އެތައް ދުވަހެއް ހޭދަކުރަން ޖެހުނު

ކަނޑުތަކަށް ދޫވެގެންދާ ނުވަތަ ގަސްތުގައި ދޫކޮށްލާ އެކި ކަހަލަ ކުނިބުނީގެ ސަބަބުން، ގުދުރަތީ ދިރުންތަކަށް ލިބޭ ގެއްލުންތަކުގެ ވާހަކައަކީ ތިމާވެށި ހިމާޔަތްކުރުމުގެ ވަރުގަދަ އަޒުމުގައި މަސައްކަތްކުރަމުންދާ ގިނަ ބަޔަކު އެންމެ ގަދަ އަޑުން ދައްކަމުންދާ އެއް ވާހަކައެވެ.

ކަނޑުތައް ސާފުކުރުމަށް ހިންގާ މަޝްރޫއުތަކުން އެންމެ އާންމުކޮށް ފެންނަ އެކައްޗަކީ އެކިއެކި ބޭނުންތައް ކުރުމަށްފަހު ކަނޑަށް ދޫކޮށްލާފައި ހުންނަ ދާގަނޑުތަކެވެ. މި ކަހަލަ ދާގަނޑުތަކަކީ ކަނޑުގެ އެކި ދިރުންތަކަށް އޮތް ބޮޑު ނުރައްކަލަކެވެ. ދާގަނޑުތަކުގައި ޖެހި، ބޮޑެތި އަނިޔާތައް ލިބިފައިވާ އެކި ދިރުންތައް ސަލާމަތްކުރާ މަންޒަރުތައް ސޯޝަލް މީޑިއާގައި ދައުރުވާއިރު، ތިމާވެށި ހިމާޔަތްކުރުމަށް ތަފާތު މެސެޖެއް ދިނުމުގެ ގޮތުން މި ދާގަނޑުގެ ބޭނުން އެންމެ އާދަޔާ ޚިލާފު ގޮތަކަށް ހިފި އެއް ގައުމަކީ ބްރެޒިލެވެ.

އިޕަނޭމާގެ ދިރުންތަކަށް ކުރިމަތިވެފައި އޮތް ބޮޑު ނުރައްކަލަކަށްވި މި ދާގަނޑު ތާށިވެފައި އޮތީ ކަނޑަށް ދޫކޮށްފައިވާ ނަރުދަމާ ހޮޅިއެއްގައެވެ. މި ދާގަނޑަކީ 300 އަކަމީޓަރު ނުވަތަ 984 ފޫޓުގެ ބޮޑު ދާގަނޑެކެވެ. ޑައިވަރުންނާއި ބައޮލޮޖިސްޓުންގެ އިތުރުން, ފަހާ މީހުންގެ ޓީމަކުން ކުރި ބުރަ މަސައްކަތުން, މިއަދު މި ދާގަނޑަކީ ތަފާތު އެކި ބޭނުންތަކަށް ހާއްސަކޮށްފައިވާ ދަބަސް ނުވަތަ ކޮތަޅުތަކަކަށް ވަނީ ބަދަލުކޮށްފައެވެ.

ކަނޑުގެ 20 މީޓަރު ނުވަތަ 65 ފޫޓު އަޑީގައި ތާށިވެފައި އޮތް މި ދާގަނޑު ނެގުމަށް އެތައް ދުވަހެއް ހޭދަކުރަން ޖެހުނެވެ. ސަބަބަކީ، ކަނޑު އަޑީގައި ދުރު ފެންނަ ނިސްބަތް ދަށްވުމާއި، އޮއިވަރު ހުރި ގޮތެވެ. މިއީ ބްރެޒިލްގެ ކަނޑުތަކުގެ އެކި ހިސާބުތަކުގައި ތާށިވެފައިވާ މި ކަހަލަ އެކި ކަހަލަ އެތައް ދާގަނޑުތަކުގެ ތެރެއިން ހަމަ އެންމެ ދާގަނޑެކެވެ.

އަހަރެމެން ދަތުރުކުރަމުން މިދަނީ އިޕަނޭމާއާ ދިމާއަށް. މަސް ބާނަން ބޭނުންކުރި ބޮޑު ދާގަނޑެއް އެތާ ތާށިވެފަ އޮތްކަން އަހަރެމެންނަށް އެނގޭ. މުޅި ސިޓީގެ ދެކުނުގެ ސަރަހައްދުން ނަޖިސް ބޭރުކުރާ ހޮޅީގަ އޮޅި، ތާށިވެފަ އޮތް ދާގަނޑެއް. ވަށަމިނުގަ 2.5 ފޫޓު ހުރި ހޮޅީގަ ތާށިވެ އޮތީ. އެކަމާ ހެދި، ގުދުރަތީ ދިރުންތައް މަރުވަމުން ދަނީ.
ރިކާޑޯ ގޯމޭޒް؛ ބަޔޮލޮޖިސްޓް

އަރބަން ސީ އިންސްޓިޓިއުޓްގެ ބަޔޮލޮޖިސްޓް އަދި ޑައިރެކްޓަރު، ރިކާޑޯ ގޯމޭޒް ފާހަގަކުރިގޮތުގައި އެތައް އަހަރެއް ވަންދެން ކަނޑުގެ އެކި ހިސާބުތަކުގައި ތާށިވެފައިވާ ދާގަނޑުތައް އެބަހުއްޓެވެ. އެކަމުގެ ސަބަބުން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ވަމުން ދާއިރު، ގޯމޭޒްގެ ޓީމުން ދަނީ އެ ދާގަނޑުތައް އެ ތަންތަނުން ނެގުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.

މި ދާގަނޑަކީވެސް ގޯމޭޒްގެ ޓީމުން ނެގި ދާގަނޑެކެވެ. ދާގަނޑުން ދަބަހާއި ކޮތަޅު ހަދާފައިވަނީ ރެޑިންހާ މަޝްރޫއުގެ ދަށުންނެވެ. މި މަޝްރޫއަކީ، ޕްލާސްޓިކުގެ ސަބަބުން ކަނޑުތައް ތަޣައްޔަރުވަމުން ދާ ދިއުން ކުޑަކުރުމަށް މަސައްކަތްކުރާ މަޝްރޫއެކެވެ. އަދި ގިނަ އަދަދެއްގެ ފަންނުވެރިންނާއި މަސްވެރި އާއިލާތަކަށް ވަޒީފާ ތަނަވަސްކޮށްދޭ މަޝްރޫއެއްވެސް މެއެވެ.

ޔޫއެން އެންވަޔަރަމަންޓުން އަންދާޒާކޮށްފައި ވާގޮތުގައި، ކަނޑަށް އުކާލާފައިވާ ނުވަތަ ފައިބައިގެން ގޮސްފައިވާ ކުނިބުނީގެ ތެރެއިން، ފެން ފަށަލައިގެ މަތީގައި އޮޔާ ދެމެމުންދާތީ އެ ފެންނަނީ އެންމެ 15 ޕަސެންޓް ކުންޏެވެ. ކަނޑުގެ ލޮނުގަނޑުގެ އެކި ހިސާބުތަކުގައި 15 ޕަސެންޓް ކުނި ހުންނައިރު، އަނެއް 70 ޕަސެންޓް ކުންޏަކީ ކަނޑު އަޑީގެ ސަތަހައަށް ޖަމާވެފައިވާ ކުންޏެވެ. 2050 ވަނަ އަހަރު އަންނައިރު، ކަނޑުގައި އުޅޭ މަސްމަހާމެއްސަށްވުރެ، ޕްލާސްޓިކް ގިނަވާނެ ކަމަށްވެސް ޔޫއެން އެންވަޔަރަމަންޓުން ވަނީ ލަފާކޮށްފައެވެ.

- ކޮމެންޓް
15 މެއި 2023 | ހޯމަ 08:36
ޢިންސާފު
ޕުލާސްޓިކު މަދު ކުރަން ބޭނުންނަމަ ކުރެވިދާނެ ކިތަންމެ ކަމެއް އެބަހުރި.. މިސާލަކަށް އެއްކަމެއް ބުނާނަމަ ގެއިން ޕުލާސްޓިކު ނޫން ކޮތަޅެއް ހިފައިގެން ވިޔަފާރި ކުރަންއަންނަ މީހާއަށް ޑިސްކައުންޓު އެއްދޭ ކަހަލަ އުސޫލް އެއް ހަމަ ޖަސްސާނަމަ ވަރަށް ގިނަ މީހުން އަންނާނީ ގެއިން ފޮތި ކޮތަޅު ހިފައިގެން ކަމަށް ގަބޫލް ކުރެވޭ..