ކ. މާލެ
|
12 މެއި 2023 | ހުކުރު 21:34
އިންޑިއަން އޯޝަން ކޮންފަރެންސްގައި ނައިބްރައީސް ފައިސަލް ނަސީމް
އިންޑިއަން އޯޝަން ކޮންފަރެންސްގައި ނައިބްރައީސް ފައިސަލް ނަސީމް
ރައީސް އޮފީސް
އައިއޯސީ ކޮންފަރެންސް
އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުން ދެމެހެއްޓުމަކީ، ރައީސްގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދެއްވާކަންތައް - ނައިބު ރައީސް
ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކާއެކު އިޞްލާޙީބަދަލުތައް އިޚްތިޔާރުކުރަންޖެހޭ
ހިރާސްތައް މެނޭޖުކުރުމުގައި، އުނގެނުމާއި އީޖާދީ ވިސްނުމާއި އިސްނެގުން ބޭނުންވޭ
އިންޑިޔާ ކަނޑުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހަމަޖެހުމާ ކުރިއެރުމަށް އޮތް ނުރައްކާތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވިސްނާ

އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ހަމަޖެހުންދެމެހެއްޓުމަކީ، ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާރިޖީ ސިޔާސަތުގައި އެންމެ އިސްކަން ދެއްވާކަންތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހަވަނަ އިންޑިއަން އޯޝަން ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިކޮންފަރެންސް ކުރިޔަށް ދަނީ، މި މޭ މަހުގެ 12ން 13ށް ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައެވެ.

މިކޮންފަރެންސްގެ ޝިޢާރަކަށް މިއަހަރު ކަނޑައަޅާފައި ވަނީ، "ދެމެހެއްޓެނިވި ކުރިމަގަކަށް؛ ޞުލްހަ އާއި ފާގަތިކަން އަދި ބައިވެރިވުން" މިޝިޢާރެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި މިފަހަރުގެ ޝިޢާރުގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވީ، ވިލުންވެރި އަދި ދެމެހެއްޓެނިވި ކުރިމަގެއް ހޯދުމަށް ހަރުދަނާ ފިޔަވަޅުތަކާއެކު އިޞްލާޙީބަދަލުތައް އިޚްތިޔާރުކުރަންޖެހޭ ކަމަށެވެ. އަދި ހިރާސްތައް މެނޭޖުކުރުމުގައި، އުނގެނުމާއި އީޖާދީ ވިސްނުމާއި އިސްނެގުން ބޭނުންވާކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، އިންޑިޔާ ކަނޑުގެ އިޖުތިމާޢީ އަދި އިޤުތިޞާދީ ހަމަޖެހުމާ ކުރިއެރުމަށް އޮތް ނުރައްކާތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ވިސްނާ ކަމަށެވެ. މިގޮތުން އިންޑިއާ ކަނޑުގެ ހަމަޖެހުމާ އިޖުތިމާޢީ އިޤުތިޞާދީ ކުރިއެރުމަށް އޮތް ނުރައްކާތަކުގެ ގޮތުގައި، ޓެރަރިޒަމާ، އިންސާނީ ވަގުފާރިއާ، ޤާނޫނާއި ޚިލާފަށް ކުރާ ހިޖުރައާ، މަސްތުވާތަކެތީގެ ވިޔަފާރިއާ، ރިޕޯޓް ނުކުރެވޭ މަސްވެރިކަމާ، ޤާނޫނާ ޚިލާފަށް ކުރާ މަސްވެރިކަން އަދި ކަނޑުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ހިފުން ފާހަގަކުރައްވައި އެކަންކަމުގެ ސަބަބުން ކަނޑުގެ މުއްސަނދިކަން ކުޑަވުމާއި މޫސުމީ ބަދަލު ސަބަބުން ރާއްޖެ ފަދަ ބިންތިރި ޖަޒީރާ ޤައުމުތަކަށް އެކަމުގެ އަސަރު ބޮޑަށް ކުރާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، އިންޑިއާ ކަނޑުގެ ޞަރަހައްދަކީ، ދުނިޔޭގައި އެންމެ ހަލުވިކޮށް ކުރިއަރަމުން އަންނަ ސަރަހައްދުކަމަށާއި، އޭޝިއާ އާއި މެދުއިރުމައްޗާއި އެފްރިކާ އަދި ޔޫރަޕާއި އެމެރިކާ ގުޅުވައިދޭ ވިޔަފާރި ހަބުކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އިންޑިއާ ކަނޑުގެ ޞުލްޙަ މަސަލަސްކަމާއި ހަމަޖެހުން ޤާއިމްކުރުމަށް، ތިމާވެށި ރައްކާތެރިކުރުމާއި، ބައިނަލްއަޤުވާމީ ޤާނޫނުތައް ނެގެހެއްޓުމަކީ، ހުރިހާ ޤައުމެއްގެ ޒިންމާއެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، އިންޑިއާ ކަނޑުގެ ތަނަވަސްކަމާއި، ދެމެހެއްޓެނިވި ހަމަޖެހުމަށްޓަކައި، މައްސަލަތައް ހައްލުކޮށް، އިޙްތިރާމާއި އިތުބާރުގެ މައްޗަށް ބިނާކޮށް ގުޅުންތައް ހަރުދަނާކުރުމަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް