ކ. މާލެ
|
12 މެއި 2023 | ހުކުރު 13:27
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ގޫގުލް
ޑްރަގް އެތެރެކުރުން
ޑްރަގް އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި އިންޑިއާ އަންހެނަކު 30 ދުވަހަށް ބަންދު
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 57 އަހަރުގެ އިންޑިއާ އަންހެނެއް
ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ ސޮފްވަތު ޙަބީބް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި އިންޑިއާ މީހަކު 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 57 އަހަރުގެ އިންޑިއާ އަންހެނެކެވެ. އޭނާގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމާއި ޓްރެފިކް ކުރުމުގެ ކުށުގެ ތުހުމަތެވެ.

ކޯޓު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި އޭނާ ރާއްޖެ އައިއިރު ގެނައި ފޮއްޓެއްގެ ތެރޭގައި އޮތް އަތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ އެއްޗެހި ހުރި ދެ ޕެކެޓު އަދި ފުރޮޅުލީ ފޮށީގެ ދެފުށުންވެސް 2 ޕެކެޓު ވަނީ ފެނިފައެވެ. އޭގެ ތެރެއިން 997 ގްރާމް ވަނީ ކޮކެއިންއަށް ޕޮޒިޓިވްވެފައެވެ.

އޭގެ އިތުރުން، 3979 ގްރާމް ވަނީ ޑައިމޯފިންއަށް ޕޮޒިޓިވްވެފައެވެ.

އޭނާ ބަންދުކޮށްފައިވަނީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ. އެގޮތުން 30 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާއިރު، އޭނާގެ ބަންދުގެ މުއްދަތު ހަމަވަނީ 10 ޖޫން 2023 ގައެވެ.

އޭނާގެ އަޑުއެހުން ކުރިއަށް ގެންގޮސްފައިވަނީ އޭނާގެ ވަކީލާއި، އޭނާ ވާހަކަ ދައްކާ ބަސް އެނގޭ ތަރުޖަމާނަކާއެކުއެވެ. އޭނާ މި މައްސަލައިގެ ތުހުމަތުން ދިފާއުވުމަށް ވަކި ކަމެއް ފާހަގަކޮށްފައެއް ނުވެއެވެ.

ކްރިމިނަލް ކޯޓުގައި މި އަމުރު ނެރުއްވީ ގާޒީ ސޮފްވަތު ޙަބީބެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް