ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 22:23
ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ސަލާމްކުރައްވަނީ
ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ސަލާމްކުރައްވަނީ
ރައްޔިތުންގެ މަޖިލިސް
އޭޖީގެ އިތުބާރު ނެތްކަމުގެ މައްސަލަ
ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ އެމްޑީޕީން ކުށްވެރިކޮށްފި
އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ
ރިފްއަތުގެ މައްޗަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާރޓީގެ ފުރިހަމަ އިތުބާރު އެބައޮތް
ރިފްއަތުއާއެކު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕް ތިއްބެވިކަމުގެ ޔަގީންކަން ދެއްވާފައިވޭ

ބަންޑާރަ ނައިބު އަލްއުސްތާޒު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލަ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކުށްވެރިކޮށްފިއެވެ.

އެ ޕާޓީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ؛ ރާއްޖެއާ ޗާގޯސްއާ ދެމެދުގައިވާ ކަނޑުގެ ފުށުއަރާ ސަރަހައްދުގެ މައްސަލާގައި ދިވެހި ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަކާލާތުކުރައްވާފައި ވަނީ ރާއްޖޭގެ އެންމެ މަތީ މަސްލަހަތަށް އިސްކަން ދެއްވައިގެން ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.

ބައިނަލްއަގުވާމީ ހަމަތަކުގެ މަތިން، އިން ވަކިކުރެވިފައިވާ ފުރިހަމަ ގައުމެއްގެ ގޮތުގައި ކަނޑައެޅި، ދިވެހިރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް އިޓްލޮސްއިން ނިމިގެން ދިއުމަކީ ބަންޑާރަނައިބުގެ ޓީމުން ދިވެހި ދައުލަތުގެ ހައްގުގައި ކުރެއްވި އިހްލާސްތެރި އަދި ކާމިޔާބީ ހާސިލްވި މަސައްކަތެއް ކަމަށް އެމްޑީޕީން ބުނެއެވެ.

ގައުމުގެ ދިފާއުގައި ގޮތެއް ނިންމުމުގައި ސަރުކާރުތަކުން މާބޮޑު ސަމާލުކަމެއް ދީފައި ނުވާ، އިން ވަކިކުރުމުގެ މައްސަލާގައި ބަންޑާރަނައިބު އިބްރާހީމް ރިފްއަތު ކުރައްވާފައިވަނީ ތައުރީފް ހައްގު، ޒިންމާދާރު މަސައްކަތްތަކެއް ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވެސް ގާނޫނުއަސާސީއާއި ގާނޫނުތައް ނަގަހައްޓަވައި ބަންޑާރަނައިބު މިހާތަނަށް އިސްކުރައްވާފައިވަނީ ގައުމީ މަސްލަހަތު ކަަމަށާއި، ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ މައްޗަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ބުނެފައިވެއެވެ.

ދިވެހިރާއްޖޭގެ މަސްލަހަތު ދިފާއުކުރައްވައި ބަންޑާރަނައިބު އަދާކުރެއްވި ޒިންމާއާމެދު ސުވާލު އުފައްދައި، އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްއިރު, މަގާމުން ވަކިކުރުމުގެ ވޯޓު ހުށަހަޅަން އުޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ދެކޭ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

އަދި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރާ ދެކޮޅަށް، އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ރާވައިގެން ހިންގާ ހަރަކާތްތަކުގައި އެ ޕާޓީގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށް ބުނެފައިވެއެވެ. އެމްޑީޕީގެ އަސާސީ ގަވާއިދާއި ޕާލިމަންޓަރީ ގްރޫޕްގެ ގަވާއިދާ ޚިލާފަށް, އިދިކޮޅު ފަރާތްތަކާ ގުޅިގެން ހިންގާ ހަރާކާތްތަކުގައި ބައިވެރިވާ މެމްބަރުންނާމެދު ފިޔަވަޅު އެޅޭނެ ކަމަށް ބުނެފައިވެއެވެ.

ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން މަދު ބަޔަކާއެކު ސިލްސިލާކޮށް ކުރަމުންދިޔަ މުޒާހަރާތަކާއި ހިންގި ހަރަކާތްތައް ފެއިލްވުމުން, ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ހިންގަން އުޅެނީ ރައްޔިތުންގެ ހިތުގައި ސަރުކާރާމެދު ނަފްރަތު އުފައްދައި ގައުމުގެ ހަމަޖެހުން ނަގާލައި ބައިބައިކޮށް އަމިއްލަ ސިޔާސީ މަންފާ ހޯދަން ރޭވިގެން ހިންގާ ހަރަކާތެއް ކަމުގައި ދެކޭކަމަށް ބުނެފައިވެއެވެ.

އަދި ގައުމީ މަސްލަހަތާ ގުޅިފައިވާ މައްސަލައެއް އިޓްލޮސްއިން ނިންމި ގޮތުގެ ހަގީގަތް ހާމައަށް ދިވެހި ރައްޔިތުންނަށް ފެންނަން އޮއްވައި, ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ ވޯޓު ނަގަން ކުރާ މަސައްކަތް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުވިޔަ ނުދޭނެކަމަށް ބުނެފައިވެއެވެ. ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ދިފާއުކުރައްވައި ބަންޑާރަނައިބު ކުރެއްވި މަސައްކަތްޕުޅާ ގުޅުވައި ނަގަން އުޅޭ އިތުބާރު ނެތްކަމުގެ ވޯޓާ ދެކޮޅަށް, ބަންޑާރަނައިބު އިބްރާހީމް ރިފްއަތުއާއެކު ރައްޔިތުންގެ މަޖިލީހުގެ އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕް ތިއްބެވި ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް