ރިޔާސީ އިންތިޚާބު ކަވަރުކުރުމަށް ތަމްރީނެއް ފުރިހަމަކުރާކަށް ނުޖެހޭނެކަމަށް، އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.
އޭނާ މިފަދައިން ވިދާޅުވީ ރާއްޖެ ޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުންނެވެ. މިފަހަރު ނޫސްވެރިންނަށް ރިޔާސީ އިންތިޚާބު ކަވަރުކުރެވޭނީ ތަމްރީނެއް ފުރިހަމަކޮށްގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ މީގެ ކުރިން ބުނެފައެވެ. އެގޮތުން އިންތިޚާބާބެހޭ ގައުމީ ލަފާ ދޭ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ، އަބަދުވެސް އިންތިޚާބުތައް ކަވަރުކުރަން ފުރުސަތު ދެނީ ރަޖިސްޓްރީކޮށްފައިވާ ނޫސްވެރިންނަށް ކަމަށާއި ރަޖިސްޓްރީ ނުކުރާނަމަ އިންތިޚާބު ކަވަރުކުރުމުގެ ފުރުސަތު ނުދޭކަމަށެވެ.
އެހެންނަމަވެސް ފުއާދު ވަނީ އޭގެ މާނައަކީ ނޫސްވެރިންނަށް ތަމްރީނެއް ދޭ ވާހަކަ ނޫންކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް އިންތިޚާބާގުޅޭ މައުލޫމާތުތަކެއް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ނޫސްވެރިންނަށް ފޯރުކޮށްދޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އޭގެތެރޭގައި؛ މަންޒަރާއި އަޑު ރެކޯޑްކުރުމުގެ އުސޫލުތަކާއި، ނޫސްވެރިންނަށް އިންތިޚާބާގުޅޭ މަރުކަޒުތަކުގައި ހަރަކާތްތެރިވެވޭނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ފުއާދު ވިދާޅުވިއެވެ. އެހެންނޫންނަމަ ނޭނގުމެއްގެ ތެރޭގައި މަސްލަހަތު ގެއްލޭ ގޮތަށް ކަންކަން ހިނގާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކުރިން ރާވާފައި އޮތީ ކްލާސްރޫމް ސެޝަންތަކެއް ހިންގައި، އެއަށް ހާޒިރުވެ، 2-3 ގަޑިއިރުގެ ސެޝަންތަކެއް ހިންގާގޮތަށް ކަމަށް ފުއާދު ވިދާޅުވިއެވެ. ނަމަވެސް ފަހުން ވިސްނައިލެއްވުމުން، އެއީ އުނދަނގޫ ކަމަކަށް ވާނެކަން އެނގިވަޑައިގަތްކަމަށް ފުއާދު ވިދާޅުވިއެވެ. އަދި ވަރޗުއަލްކޮށްވެސް އެ މައުލޫމާތު ފޯރުކޮށްދިނުމަށް ވިސްނިކަމަށް ފުއާދު ވިދާޅުވިއެވެ. ނަމަވެސް މިހާރު ނިންމާފައިވަނީ އިލެކްޝަނުން ދޭން ބޭނުންވާ މައުލޫމާތު މީސްމީޑިއާގައި ހިއްސާކުރުމަށްފަހު އެ މައުލޫމާތުތައް ކިޔާފައިވާކަން ނޫސްވެރިން އިގުރާރުވާރުވެ ސޮއިކުރުމަށް ކަމަށް ފުއާދު ވިދާޅުވިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބާއްވާ އިންތިޚާބުގައި މޮނީޓަރުންގެ ގޮތުގައި ބައިނަލްއަގުވާމީ އޮބްޒަރވަރުންނާއި ނޫސްވެރިންނަށްވެސް ހަރަކާތްތެރިވެވޭނެ ކަމަށް އީސީން ވަނީ ބުނެފައެވެ.