ކ. މާލެ
|
6 މެއި 2023 | ހޮނިހިރު 09:51
ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމްގެ ތެރެއިން
ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމްގެ ތެރެއިން
ފިޝަރީސް މިނިސްޓްރީ
ރުއް އާލާ ކުރުން
ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން ރުއް އިންދުމުގެ މަސައްކަތް ފަށައިފި
5000 ރުއް ގެނެސްފައިވަނީ އިންޑިޔާގެ ކެރެލާއިން
3 ނުވަތަ 4 އަހަރުތެރޭ ރުއްތައް ފޯދޭނެ

ރުކުގެއާޖީލެއް ބިނާކުރުމަށް ސަރުކާރުން ހިންގާ ރުއް އާލާ ކުރުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން ރުއް އިންދުމުގެ މަސައްކަތް ފަށައިފިއެވެ.

މިމަޝްރޫއާ ގުޅޭގޮތުން ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ރާއްޖޭގައި ރުކުގެ އާޖީލެއް ބިނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އެގޮތުން ރުއް އާލާކުރުމުގެ ގައުމީ ޕްރޮގްރާމް ހުކުރު ދުވަހުގެ ހެނދުނު ހދ. ވައިކަރަދޫގައި އިފްތިތާހު ކޮށްފައިވާ ކަމަށާއި، އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ރުއް އާލާކުރުމުގެ ގައުމީ ޕްރޮގްރާމްގެ ދަށުން ހދ. ނޭކުރެންދޫގައި ވެސް ރުއް އިންދުމުގެ ޕްރޮގްރާމް ވަނީ ފަށާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ރަށްރަށުގެ ކައުންސިލްގެ ފަރާތުން ލިބޭ އެއްބާރުލުން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރުއް އާލާކުރުމުގެ މަޝްރޫއަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ ގްރީން ފަންޑުގެ މާލީއެހީގައި 3 ނުވަތަ 4 އަހަރުތެރޭ ފޯދޭ 5000 ރުއް ހޯދާފައިވާ ކަމަށެވެ. ރާއްޖެއަށް 5000 ރުއް ގެނެސްފައިވަނީ އިންޑިޔާގެ ކެރެލާއިންނެވެ. މި ރުއްތައް އިންދަން ފަށާފައިމިވަނީ ކަރަންޓީންގެ މުއްދަތު ފުރިހަމަ ކުރުމަށްފަހު އެވެ.

ގިނަ ރަށްރަށުގެ ރުއްތަކަށް ޖެހެމުންދާ ބައްޔެއްގެ ސަބަބުން ރުއްތައް ދަނީ މަރުވަމުންނެވެ. މިކަމާއި ގުޅިގެން މީގެ ކުރިން ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ރުކުގަ އަޅާ މަޑި ޅަ ބޮންތި ކާ ކަމަށާއި، އެކަމުގެ ސަބަބުން ފަނަށް ގެއްލުންވެ ރުއް މަރުވާން ދިމާވަނީ ކަމަށެވެ.

ގަސްގަހަށް ބަލި ޖައްސާ ޖަރާސީމު 52 ބާވަތެއް ރާއްޖެއިން ފެނިފައިވާއިރު ގަސްގަހަށް ބަލި ޖައްސާ ފަނިފަކުސަގެ 55 ބާވަތެއް ރާއްޖެއިން ފެނިފައިވެއެވެ. ރާއްޖޭގައި ރުއްރުކާއި ގަސްތަކުގައި އަށަގަންނަ ނުރައްކާތެރި އައު ބައްޔެއް ހަލުވިކަމާއެކު ފެތުރެމުންދާތީ ސަމާލުވުމަށް މިނިސްޓްރީން ވަނީ މާރޗް މަހު އެދިފައެވެ. ބައްޔާމެދު ގަސްވިއްކާ ފަރާތްތަކުންނާއި، ގަސް ގަންނަ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. މިގޮތުން ގަހާއި ގަހުގެ ބައިތައް އެއްރަށުން އަނެއްރަށަށް ގެންދާނަމަ، ދަނޑުތަކާއި ދުރުގައި ވަކިތަނެއްގައި ގަސްތައް ބަހައްޓާ، މި ބަލީގެ އަލާމާތެއް ނެތްކަން ކަށަވަރު ވަންދެން ބެހެއްޓުމަކީ ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް