މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ސަރުކާރަށް ޖެއްސުންކުރާކަމަށް ބުނެ ޕާޓީގެ އިސް 10 ބޭފުޅަކު އެ ޕާޓީން ވަކިވާން ނިންމައިފިއެވެ.
ކުރީގެ ބަންޑާރަ ނައިބުންނާއި އިދިކޮޅު ސިޔާސީ ޕާޓީތައް ގުޅިގެން ބުދަ ދުވަހު ޗާގޯސްގެ މައްސަލައާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްއާރުއެމްގެ ނައިބު ރައީސް އައިމިނަތު ނާދިރާ ބައިވެރިވެވަޑައިގެންނެވި މައްސަލައިގައި ބުދަ ދުވަހުގެ ރޭ އެމްއާރުއެމުން ވަނީ ސިއްރު ބައްދަލުވުމެއް ބާއްވާފައެވެ.
މިބައްދަލުވުން ބާއްވާފައިވަނީ ޕާޓީގެ ތެރޭގައި ޚިޔާލުތަފާތުވުން އުފެދިފައިވާ މެންބަރުންނާއެކު ޚިޔާލުތަފާތުވުންތައް ނައްތާލާ މައްސަލަ ހައްލުކުރުމަށެވެ. މޫކައި ސުއިޓްގައި ދެ ގަޑިއިރަށްވުރެ ގިނައިރު ކުރިޔަށްދިޔަ ބައްދަލުވުމުގައި ޚިޔާލު ތަފާތުވުންތަކަށް ހައްލު ހޯދިފައިނުވާކަމަށް މިކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން ރާއްޖެއެމްވީއަށް މައުލޫމާތު ދިނެވެ.
ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތަކުން ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް ވިދާޅުވީ، ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް މަސައްކަތް ނުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، ނަމަވެސް އެމްއާރްއެމްއިން ސަރުކާރަށް ތަކުރާރުކޮށް ޖެއްސުމާއި މަލާމަތް ކުރަމުންދާ ކަމަށެވެ. އެކަމުގެ ސަބަބުން ޕާޓީގެ އިސް ސަފުގައި ޙަރަކާތްތެރިވާ 10 ބޭފުޅަކު އެ ޕާޓީން ވަކިވުމަށް ނިންމާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ ތެރޭގައި އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދުއާއި، މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ތަޒްމީލް އަބްދުއްސަމަދުއާއި، މޯލްޑިވްސް ގޭސްގެ މެނޭޖިންގ ޑިރެކްޓަރު ޝަޒާއިލް ހިމެނެއެވެ.
އޭގެ އިތުރުން، ޔުމްނާ މައުމޫނުގެ ފިރިކަލުން މުހައްމަދު ނަދީމް، އެޗްޑީސީގެ ބޯޑު މެންބަރު އިބްރާހީމް އަފްރާތު، ޓޫރިޒަމް މިނިސްޓްރީގެ ސީނިއަރ ޕޮލިސީ ޑިރެކްޓަރު ފަރުހާދު އިބްރާހީމް، ރައީސް މައުމޫނުގެ ޕީއޭ އަހުމަދު ސޮފްވާން، ފިޝަރީޒް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަބްދުލްޙަމީދު އަހުމަދު، ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އިސްމާޢީލް ނާއިލް ރަޝީދު އަދި ހެރިޓޭޖް މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު އަލީ ފަސީލް ވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއެކު ކޯލިޝަން ހެދުމަށް އެމްއާރުއެމް އަށް ދައުވަތު ދެއްވާފައެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން އެމްއާރުއެމް އިން އަދި ވަކިގޮތެއް ނުނިންމާއިރު އެމްއާރުއެމް އާއި އެމްޑީޕީ އާއެކު ފުރަތަމަ މަޝްވަރާ ބައްދަލުވުން ވަނީ އަންގާރަ ދުވަހުގެ ރޭ ކުރިޔަށް ގެންގޮސްފައެވެ. މީގެއިތުރުން ރިޔާސީ އިންތިޚާބުގައި ވަކިން ވާދަކުރަން ނިންމާފައިވާ ޖުމްހޫރީ ޕާޓީންވެސް ވަނީ އެމްއާރުއެމް އާއެކު ވާހަކަތައް ބާއްވާފައެވެ.
ރިޔާސީ އިންތިޚާބުގައި އެމްއާރުއެމް އިން ވަކިން ވާދަކުރުމާއި ގުޅޭގޮތުން އެމްއާރުއެމްގެ ތެރޭގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ.