ކ. މާލެ
|
3 މެއި 2023 | ބުދަ 12:28
އެސްޑީއެފްސީ
އެސްޑީއެފްސީ
ރާއްޖެއެމްވީ
އެސްޑީއެފްސީ
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ލޯނަށް އެދި ހުށަހަޅާ ޕޯޓަލް އަޕްގްރޭޑްކޮށް ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ލޯން ޕްރޮޑަކްޓް ވިޒާޑެއްވެސް ވަނީ ހިމަނާފައި
މި ޕޯޓަލް މެދުވެރިކޮށް ލޯނާ ބެހޭ ގޮތުން އެކި ކަންކަމުގައި ފަސޭހަކާމައެކު އެހީތެރިކަން ލިބޭނެ
ލޯނުގެ އެކި މަރުހަލާތަކުގެ އަޕްޑޭޓް ވެސް މިހާރު ބަލާލެވޭނެ

އެސްއެމްއީ ޑިވެލޮޕަމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ލޯނަށް އެދި ހުށަހަޅާ ޕޯޓަލް އަޕްގްރޭޑްކޮށް އަލުން ޚިދުމަތް ފަށައިފިއެވެ.

މި ޕޯޓަލާއެކު ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ވެސް ބުދަ ދުވަހުން ފެށިގެން އެސްޑީއެފްސީން ވަނީ ހުޅުވާލައިފައެވެ. އެގޮތުން، ދަނޑުވެރި ނަފާ އާއި ކަނޑުފަޅު ނަފާގެ އިތުރުން ވިޔަފާރި ތަރައްގީ އާއި ހަރުމުދާ، ވިޔަފާރި އެހީ އާއި ރަށުފަތުރު ލޯނުތަކަށް އެދި މިހާރު ހުށަހެޅޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެސްޑީއެފްސީން އެ ކުންފުނީގެ ޕޯޓަލް އަޕްގްރޭޑް ކުރީ އެ ކުންފުނިން ދެމުން އަންނަ ޚިދުމަތްތައް ފުޅާކޮށް އިތުރަށް ތަރައްގީ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިންނެވެ. އައު ޕޯޓަލާއެކު ލޯނަށް އެދި ހުށަހެޅުމުގެ އިތުރުން ލޯނުގެ އެކި މަރުހަލާތަކުގެ އަޕްޑޭޓް ވެސް ބަލާލެވޭނެއެވެ.

މީގެ އިތުރުން މި ޕޯޓަލް މެދުވެރިކޮށް ލޯނާ ބެހޭ ގޮތުން އެކި ކަންކަމުގައި ފަސޭހަކާމައެކު އެހީތެރިކަން ލިބޭނެ ކަމަށް ވެސް އެސްޑީއެފްސީން ވަނީ ބުނެފައެވެ. މީގެ ތެރޭގައި އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި މައުލޫމާތު ސާފު ކުރުމާއި އެއްތަނަކުން ލޯނާ ގުޅޭ ހުރިހާ ލިޔެކިޔުންތައް ބެލެހެއްޓުން ފަދަ ކަންކަން ކުރެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކަސްޓަމަރަކު ހިޔާރުކުރަން އެންމެ އެކަށޭނެ ލޯނެއް ދެނެގަތުމަށް އެހީތެރިވެދޭ، ލޯން ޕްރޮޑަކްޓް ވިޒާޑެއްވެސް މި ޕޯޓަލްގައި ހިމެނޭނެ ކަމަށާއި ޕޯޓަލްގެ ނެވިގޭޝަން ފަސޭހަ ކުރުމަށް "ސަރޗް" ފީޗާ އިތުރު ކޮށްފައިވާ ކަމަށް ވެސް އެސްޑީއެފްސީން ބުންޏެވެ.

އެސްޑީއެފްސީ އަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތައާރަފު ކޮށްފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ކަސްޓަމަރުންނަށް ހާއްސަ ޕޯޓަލެއް ތައާރަފު ކުރީ 8 ނޮވެމްބަރު 2020 ގައެވެ. އެ ދުވަހުން ފެށިގެން މިއަހަރުގެ މާޗު މަހުގެ ނިޔަލަށް 1387 ލޯނު އެޕްރޫވްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެއީ 1.67 ބިލިއަން ރުފިޔާގެ ލޯނެވެ.

- ކޮމެންޓް