ކ. މާލެ
|
3 މެއި 2023 | ބުދަ 07:26
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު
ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަހުމަދު މުއިއްޒު
މަޖިލިސް
ޗާގޯސް މައްސަލަ
ރައީސްގެ ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ނުދެކެން - މުއިއްޒު
51 ވަނަ ޕެރެގްރާފުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް
އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފައި

ރައީސްގެ ސިޓީގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި ގާނޫނީ ވަކީލު އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ ޗާގޯސްއާއި ދިވެހިރާއްޖެއާ ދެމެދުގައިވާ ކަނޑުގެ ސަރަޙައްދުގެ މައްސަލައިގައި އިޓްލޮސްއިން އޭޕްރީލް 28 ގައި އިއްވި ޙުކުމަކީ އިގްތިޞާދީ ނަފާހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދު ހޯދުމަށް އޮތް ރަނުގެ ފުރުޞަތު ގެއްލިގެންދިޔަ ޙުކުމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

ގާސިމްގެ ޓްވީޓުގައި ވިދާޅުވެފައިވަނީ އިޓްލޮސްގެ ފަނޑިޔާރު އިއްވެވި ޙުކުމުގެ ޤަޟިއްޔާގެ 20 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން މިކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. މިޢަމަލަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާ އާއި އަދި ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ޚިލާފަށް ކުރެއްވެވި ޢަމަލަކަށްނުވޭތޯ ގާސިމް ސުވާލު އުފައްދަވާފައިވެއެވެ.

ގާސިމްގެ ވާހަކަފުޅަށް ރައްދު ދެއްވަމުން ކަނޑުތަކާއި ބެހޭ ގާނޫނުގެ މާހިރުކަމުގައިވާ މުއިއްޒު ވިދާޅުވީ 51 ވަނަ ޕެރެގްރާފުގައި ރާއްޖޭގެ ސިޔާސަތު ބަދަލުވިކަމަށް ހަވާލާދެނީ ޗާގޯސްގެ މައްޗަށް ސިޔާދަތު އޮންނާނީ މޮރިޝަސްއަށްތޯ ނުވަތަ އިނގިރޭސިވިލާތަށްތޯ އޮތް ސުވާލަށް ކަމަށެވެ. ރައީސްގެ ސިޓީފުޅުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން އެއްވެސް މިންވަރެއް އުނިވުމަށް މަގުފަހި ވިކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް، މީގެ ކުރިން ދައުލަތުގެ ޤާނޫނު ހަދާ މަޖިލީހާއި، ތަންފީޒީ މަޖިލީހާއި، ޝަރުޢީ ދާއިރާގެ ޚިދުމަތް ކުރެއްވި މުއިއްޒު ވިދާޅުވިއެވެ.

އިޓްލޮސްއިން ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފައެވެ. އިޓްލޮސްގެ ސްޕެޝަލް ޗޭމްބަރުން އިއްވި ނިންމުމުގައި ބުނީ، ތިލަ ދިޔަވަރުގައި ފެންނަ އޮންނަ ފަރަކުން، އިން ވަކިކުރުމަށްޓަކައި އިކުއިޑިސްޓަންސް ރޮނގު ދެމޭނެ އެއްވެސް ހަމައެއް ނެތް ކަމަށެވެ. އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.

Advertisement

Advertisement
- ކޮމެންޓް