ކަޒަކިސްތާނުގެ އަލްމާޓީގައި ބޭއްވި ކަޒަކިސްތާން އިންޓަނޭޝަނަލް ޓޫރިޒަމް ފެއަރ (ކޭއައިޓީއެފް)ގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ.
މި ފެއަރ ކުރިއަށްގެންގޮސްފައިވަނީ 19 އިން 21 އޭޕްރީލްއަށެވެ. އެމްއެމްޕީއާރުސީ އާއެކު 24 ކުންފުންޏެއްގެ 45 މަންދޫބުން މި ހަރަކާތުގައި ބައިވެރިވިއެވެ.
މި ފެއަރގައި ބައިވެރިވުމަކީ ކަޒަކިސްތާނުގައި ދިވެހިރާއްޖޭގެ ބްރޭންޑް ހަރުދަނާކޮށް، ޗުއްޓީ ހޭދަކުރަން ބޭނުންވާ ހުރިހާ ފަރާތްތަކަށް އެންމެ މަގުބޫލު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ގާއިމްކޮށްދިން ހަރަކާތެއް ކަމަށް އެމްއެމްޕީއާރުސީން ބުނެފައިވެއެވެ.
2001 ގައި ފެށި ކޭއައިޓީއެފް އަކީ މިހާރު ސީއައިއެސް ސަރަޙައްދުގައި ބާއްވާ އެންމެ ބޮޑު އަދި މަޝްހޫރު އެއް ފެއަރއެވެ. މި ހަރަކާތަކީ ސެންޓަރަލް އޭޝިއަން ސަރަޙައްދުގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ހުރިހާ ސެގްމެންޓަކަށް ހާއްސަ ކޮށްގެން ބާއްވާ ފެއަރއެކެވެ. ކޯޕަރެޓް ޓްރެވެލް ޑިޒިޝަން މޭކަރުން، އިންވެސްޓަރުން، މަތީ ފަނތީގެ ކްލައިންޓުން ގެންގުޅޭ ޓުއަރ އޮޕަރޭޓަރުން، އަދި އެހެނިހެން ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރުން މި ހަރަކާތުގައި ބައިވެރިވެއެވެ.
މި ފެއަރގައި ދިވެހިރާއްޖޭގެ ކަންކަން ދައްކާލީ 60 އަކަމީޓަރުގެ ސްޓޭންޑެއްގައެވެ. މި ސްޓޭންޑަކީ ދިވެހިރާއްޖޭގެ އަމާންކަމާއި ރީތިކަން ދައްކާލުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ސްޓޭންޑެކެވެ. އަދި މި ސްޓޭންޑް މެދުވެރިކޮށް ދިވެހިރާއްޖޭގެ ތަފާތު ސެގްމެންޓްތައް ދައްކުވާލިއެވެ. ކަނޑުއަޑީގެ މަންޒަރުތަކާއި ރާއްޖޭގެ ސަގާފަތާއި ލޯބިވެރިންނަށް ހާއްސަ އޮޕްޝަންތައް ފަދަ ސެގްމެންޓްތައް ވެސް ސްޓޭންޑުން ދައްކާލިއެވެ.
ކޭއައިޓީއެފް 2023 ގައި ދިވެހިރާއްޖެއަށް ރިކޮގްނިޝަން އެވޯޑެއް ވަނީ ލިބިފައެވެ. މި އެވޯޑް ލިބުނު އެހެން މަންޒިލްތަކުގެ ތެރޭގައި އިޓަލީ، އަލްމާޓީ، އަދި ޖޯޑަން ފާހަގަކޮށްލެވެއެވެ.
މި ހަރަކާތުން އެމްއެމްޕީއާރުސީ އާއި އިންޑަސްޓްރީ ޕާޓްނަރުން ދިވެހިރާއްޖެއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ސީއައިއެސް މާކެޓަށް ފޯރުކޮށްދީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޕްރޮޑަކްޓްތަކާއި ސެގްމަންޓްތަކާއި ތަޖުރިބާތައް އިޝްތިހާރުކުރިއެވެ.
2023 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ކަޒަކިސްތާނުން 2،995 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. ސީއައިއެސް ސަރަހައްދަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް މުހިންމު ސަރަހައްދެކެވެ. ރަޝިޔާ އަކީ މި އަހަރު މިހާތަނަށް ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ ގައުމެވެ.