ކ. މާލެ
|
26 އޭޕްރިލް 2023 | ބުދަ 07:16
ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް
ފުލުހުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތައް
ޕޮލިސް މީޑިޔާ
ފުލުހުން
މިލަދޫ އާއި ބުރުނީގައި ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފި
މިލަދޫ އިން ހައްޔަރު ކުރީ 51 އަހަރުގެ މީހެއް، ކޯޓުން ވަނީ އޭނާ ދޫކޮށްލާފައި
ބުރުނީން ހައްޔަރު ކުރީ 31 އަހަރުގެ މީހެއް

މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ. މިލަދޫ އާއި ތ. ބުރުނީގައި ހިންގި އޮޕަރޭޝަންތަކެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. 

ފުލުހުން ބުނީ މިލަދޫގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. އޭޕްރީލް 19 ވަނަ ދުވަހު މިލަދޫ ޕޮލިސް ޑެސްކުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 51 އަހަރުގެ ދިވެހި ފިރިހެނެކެވެ. 

މި އޮޕަރޭޝަނުގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓަކާއި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 30 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ނ. ކެނދިކުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ޝަރުތުކުރުމަށްފަހު އޭނާ ވަނީ ދޫކޮށްލާފައެވެ.

ބުރުނީގައި ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އަދި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ. އެގޮތުން، ބުރުނި ޕޮލިސް ޕޯސްޓުން އޭޕްރީލް 19 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެ އޮޕަރޭޝަނުގައި، އޭނާ ދިރިއުޅޭގެ ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ތ.ވިލުފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ވަނީ ދީފައެވެ.

މި ދެ މައްސަލައިގެ އިތުރުން ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ވަނީ މާލެއިން ކާޑެއްދޫއަށް ދިޔަ ކާގޯ ފްލައިޓަކުން މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސައް ލިބުނު މައުލޫމާތަކާއި ގުޅިގެން އޮޕަރޭޝަނެއް ހިންގާފައެވެ. އޭޕްރީލް 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ފްލައިޓުން ގެނައި ފޮށިގަނޑެއް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފުޅިއެއް ފެނިފައިވާއިރު އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

މި ތިން މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް