ތަފާތު އެކި ކަހަލަ މައްސަލަތަކުގެ ހާއްޔަކަށް ވެފައި ވާ އެމެރިކާގައި މިހާރު އެންމެ ބޮޑުވަމުން އަންނަ އެއް މައްސަލައަކީ ސިންތެޓިކް އޯޕިއޮއިޑްސް ނުވަތަ ތަދުކެނޑުވުމަށާއި އައްސިކޮށް ހިއްސު ކަނޑުވާލުން ކަހަލަ ކަންކަމަށް ދެމުން އަންނަ ޑޮކްޓަރީ ބޭސްތަކުގެ ބޭނުން، ނަހަމަ ގޮތުގައި ކުރުމުގެ މައްސަލައެވެ. މި ބާރުގަދަ ބޭސްތަކުގެ އެންމެ ބޮޑު ޝިކާރައަކަށް ވެފައި ވަނީ މި ދުނިޔެއަށް އަލަށް އުފަންވާ ތުއްތު ކުދިންނެވެ. އެރިޒޯނާގެ ފީނިކްސްގައި ހިންގާ ނަރސަރީއެއް ގުގުމަމުން ދަނީ، މިފަދަ އެތައް ކުދިންނެއްގެ ރުއިމުގެ އަޑުފަށްގަނޑުންނެވެ. މި ކުދިންނަކީ ބާރުގަދަ ބޭސްތަކާއި، މަސްތުވާތަކެތީގެ ނަހަމަ ބޭނުން ކުރި މައިންގެ ޝިކާރައަކަށް ވެ، ނާޒުކު ހާލަތެއްގައި ތިބި، މައުސޫމު ކުދިންތަކެކެވެ.
ހަޝަބައި ނަރސަރީގައި ފަރުވާ ދެމުންދާ ކުދިންނަކީ ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމް (ނަސް)ގެ ތަކުލީފުތައް އުފުލަމުންދާ، ތުއްތު ތުއްތު ކުދިންތަކެކެވެ. މި ބަލީގެ ޢަލާމާތްތަކަކީ، މާބަނޑު ދުވަސްވަރު މަސްތުވާތަކެތީގެ ނަހަމަ ބޭނުން ކުރި މައިންގެ ދަރިންގެ ކިބައިން ފެންނަ ފަދަ އަލާމާތްތަކެކެވެ. އެފަދަ ބައެއް އަލާމާތްތަކުގެ ތެރޭގައި ކޮންޓްރޯލް ކުރަން ދަތިވާ މިންވަރަށް ތުރުތުރެއް އެޅުމާ، މަސްގަނޑުތަކަށް ބާރު ކުރުމާއި، ފުންކޮށް މާނޭވާލާ އުސޫލުން ދަތި ހާލުގައި ނޭވާލުން ފަދަ އަލާމާތްތައް ހިމެނެއެވެ.
ހަޝަބައި ނަރސަރީގެ އެގްޒެކެޓިވް ޑައިރެކްޓަރ ޓޭރާ ސަންޑެމް ވިދާޅުވީ، ތުއްތު ކުއްޖެއްގެ ހަށިގަނޑުން މިފަދަ އަލާމާތްތަކެއް ފެނިގެންދާ މަންޒަރަކީ ދުވަހަކުވެސް ހަނދާން ނެތޭނެ ފަދަ މަންޒަރެއް ނޫން ކަމަށެވެ.
ތުއްތު ކުއްޖެއްގެ ހަށިގަނޑުން ވިތުޑްރޯވަލްގެ ޢަލާމާތްތައް ފެންނަ މަންޒަރަކީ، ދުވަހަކުވެސް ހަނދާން ނައްތާލެވޭނެ މަންޒަރެއް ނޫން. މަސްތުވާތެކެތީގެ ބޭނުން ކުރުމަށްފަހު، އެއާ ދުރުވާން މަސައްކަތް ކުރާ މީހެއްގެ ހަށިގަނޑުންވެސް ފެންނާނީ ހަމަ އެ ޢަލާމާތްތައް. ތުއްތު ކުއްޖާގެ ހަށިގަނޑުންވެސް ފެންނާނީ ހަމަ އެ ޢަލާމާތްތައް. ފެންޓަނީލް ކާރިޘާގެ ކަންތައް އަދިވެސް ހަމަ ދަނީ ކުރިއަށް. އަހަންނަކަށް ނޭނގެ. ކުޑަކޮށްވެސް މިކަމުން ސަލާމަތްވެވިދާނެބާ؟ޓޭރާ ސަންޑެމް؛ ހަޝަބައި ނަރސަރީގެ އެގްޒެކެޓިވް ޑައިރެކްޓަރ
ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމް ހުންނަ ކުދިންނަކީ އަނދިރިކަމަށް ލޯބި ކުރާ ބައެކެވެ. އަދި މައިމީހާގެ ބަނޑުތެރޭގައި އޮތް އަރާމުވެއްޓަށް އިންތިހާއަށް ބޭނުންވާ ކުދި ބައެކެވެ. އެހެން ކަމުން، ހަޝަބައިގެ ކޮޓަރިތައް ހުންނަނީ، އަލިކަން ނުވަންނާނެހެން އަނދިރިކޮށްފައެވެ. އާންމު ދިރިއުޅުމުގެ ހަލަބޮލިކަމުންވެސް އެ ކޮޓަރިތައް ވަނީ ހިމާޔަތް ކޮށްދީފައެވެ.
ނަރސަރީގަ ހުންނާނެ ސްނޫ. އެއީ ވަރަށް ހާއްސަ ކުޑަ އެނދެއް. އެއީ ކުއްޖާ ރޯން ފެށީމަ ހެލުވެން ފަށާ އެނދެއް. ކުރިއަށް ފަހަތަށް ކުރިއަށް ފަހަތަށް. މައިމީހާގެ ބަނޑުތެރޭގަ އޮންނައިރު އިވޭކަހަލަ އަޑުތައް އިވެން ފަށާނެ. މަންމަގެ ހިތުގެ ހިނގުމުގެ އަޑު ކަހަލަ އަޑުތައް އިވޭނެ. މަންމައާއި ބައްޕައަށްވެސް ނަރސަރީ ތެރޭގަ ނިދޭނެ އިންތިޒާމުތައް ހުންނާނެ. ކޮންމެ ކޮޓަރިއެއްގަ ރޮކިންގް ޗެއަރއަކާ، މަމަރޫއެއް ހުންނާނެ އުނދޯލި ހެއްލާލެވޭގޮތަށް. ކުއްޖާ ރީތިކޮށް ހަދާނެ ޗޭންޖިންގް ޓޭބަލްތައްވެސް ކޮންމެ ކޮޓަރިއެއްގަ ހުންނާނެ.ޓޭރާ ސަންޑެމް؛ ހަޝަބައި ނަރސަރީގެ އެގްޒެކެޓިވް ޑައިރެކްޓަރ
ހަޝަބައި ނަރސަރީ ފަރުމާކޮށްފައި ވަނީ 12 ޕްރައިވެޓް ރޫމް ހިމެނޭ ގޮތަށެވެ. މި ކޮޓަރިތަކުގައި، ބެލެނިވެރިންނަށްވެސް ތިބެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އެއީ ތުއްތު ދަރިފުޅުގެ ޑިޓޮކްސް މަރުހަލާ ނިމެންދެކަށެވެ. ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމްއަށް އާންމު ހޮސްޕިޓަލުތަކުން ފަރުވާ ހޯދާ ކުދިން، ހޮސްޕިޓަލުތަކުގައި 21 ވަރަކަށް ދުވަސް ހޭދަ ކުރި ނަމަވެސް، ހަޝަބައި ނަރސަރީގައި ކުދިން ހޭދަ ކުރަނީ އެންމެ 8 ވަރަކަށް ދުވަހެވެ. އަލަށް އުފަންވާ ތުއްތު ކުދިންގެ ތެރެއިން ހާއްސަ ސިއްހީ ފަރުވާ ބޭނުންވާ ކުދިންނަށް އަމާޒުކޮށްގެން ފަރުމާކޮށްފައި ހުންނަ ނިއޯނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓް (ނިކޫ)އާ ޚިލާފަށް، ހަޝަބައި ނަރސަރީއަކީ، މުޅި ޢާއިލާއަށް އެއް ފުރާޅެއްގެ ދަށުން ފަރުވާ ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ތަނެކެވެ. އަދި ވަކިވަކި ޕޭޝަންޓުންނަށްވެސް ފަރުވާ ދިނުމުގެ އިންތިޒާމް، އެތަނުގައި ވަނީ ހަމަޖައްސާފައެވެ.
މާތްކަލާކޯ! އަހަންނަކަށް ނޭނގެ. އަހަރެން ބުނާނީ، ކޮންމެ ދުވަހަކީވެސް ބަދަލެއް ގެންނަން ލިބޭ ދުވަހެކޭ. އެފަދަ ބަދަލެއް ގެނެސްދޭން، މިތާ ހުރެވުމުގެ ނިޢުމަތް އަހަންނަށް ލިބިފަ އޮތޭ ބުނެވޭނީ. ޢާއިލާތައް އުޅޭ ގޮތް އަހަންނަށް އެނގޭ. އެމީހުންގެ ފަރާތުން އަހަންނަށް ލިބެނީ ކޯނޗެއްކަމެއް އަސްލު ކަލޭމެންނަކަށްވެސް ނޭނގޭނެ. މި ބުނީ، އެމީހުން އަހަރަމެންނަށް ޝުކުރު އަދާ ކުރޭ. އެމީހުން ވަރަށް އުފަލުން ތިބެނީ. މުޅި ދުނިޔެމަތިންވެސް ފެންނަ އެންމެ ފުރިހަމަ މަންޒަރަކީ، ޢާއިލާތައް ރަނގަޅުވެގެން މިތަނުން ނުކުންނަ މަންޒަރު.ޓޭރާ ސަންޑެމް؛ ހަޝަބައި ނަރސަރީގެ އެގްޒެކެޓިވް ޑައިރެކްޓަރ
ހަޝަބައި ނަރސަރީއިން ފަރުވާ ހޯދި އެކަކީ ކްލެރިސާ ކޮލިންސްއެވެ. އޭނާގެ އަންހެން ދަރިފުޅަށް އެ ފަރުވާ ހޯދީ އޭޕްރިލް 2019ގައެވެ. އޭރު ހަޝަބައި ނަރސަރީ ނެތެއް ކަމަކު، ސަންޑެމް ޚިދުމަތް ދެމުން ދިޔައީ އެކިއެކި ފަރާތްތަކާ ގުޅިގެންނެވެ.
އަހަރެންގެ އަންހެން ދަރިފުޅަކީ ވިތުޑްރޯވަލްގެ ތަކުލީފުތައް އުފުލި ކުއްޖެއް. އެކަމުން ސަލާމަތްވާން އޭނައަށް އިތުރު ބޭސްތަކެއް ބޭނުމެއް ނުވި. އެކަމަކު ހޮސްޕިޓަލުގަ އޮތް 7 ވަރަކަށް ދުވަސް. އެއީ އެމެރިކަން އެކަޑަމީ އޮފް ޕީޑިއަޓްރިކްސްއިން ލަފާދޭ މުއްދަތު. އެކަން އެގޮތަށް އޮންނަނީ ކީއްވެކަން އަހަންނަށް ވަރަށް ސާފުކޮށް ފެނުނު. 4 ވަނަ ދުވަހާ ޖެހެންދެން ދަރިފުޅަށް އެދެވޭ ބަދަލުތަކެއް އަންނަމުން ދިޔައީ. އެކަމަކު، ދެން ކަންތައްތައް ގޯސްވީ.ކްލެރިސަރ ކޮލިންސް؛ މަސްތުގެ ވަބާއިން ސަލާމަތްވަމުން އަންނަ މައެއް
ކޮލިންސްއަކީ މިހާރު، އޭނާ ފަދަ ތަކުލީފުތައް އުފުލަމުންދާ އެހެން މައިންނަށް އެހީ ފޯރުކޮށްދިނުމުގައި ދެމިހުރި މައެކެވެ.
ހަޝަބައިއާ ދިމާނުވި ނަމަ، ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމްއަކީ ކޮބައިކަންވެސް އަހަންނަކަށް ނޭނގޭނެ. ދަރިފުޅު އުފުލަމުން އެދަނީ ވިތުޑްރޯވަލްގެ ތަކުލީފުތަކެއް ކަމެއް ނޭނގުނީސް. ބަލަންވީ ކޮންކޮން ޢަލާމާތްތަކަށް ކަންވެސް ނޭނގުނީސް. ދަރިފުޅު ބަލަހައްޓާނީ ކިހިނެއް ކަމެއް ނޭނގުނީސް. އެކަހަލަ އެއްވެސް މަޢުލޫމާތެއް ލިބިފަ ނެތް.ކްލެރިސަރ ކޮލިންސް؛ މަސްތުގެ ވަބާއިން ސަލާމަތްވަމުން އަންނަ މައެއް
ފީނިކްސްގައި ހިންގާ ބޭނަރ ޔޫނިވަރސިޓީ މެޑިކަލް ސެންޓަރ ނިކޫގައި މަސައްކަތް ކުރައްވާ ނިއޯނޭޓޮލޮޖިސްޓް އަދި މެޑިކަލް ޑައިރެކްޓަރ، ޑރ ސުމާ ރާއޯ ވިދާޅުވީ، ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމްއާއެކު އުފަންވާ ކުދިންގެ ޢަދަދު އިތުރު ވަމުން އަންނަ ކަމަށެވެ. ޙަޤީޤީ ޢަދަދުތައް އިތުރުވުން އެކަށީގެންވާ ކަމަށާ، އެއީ ހުރިހާ ކުދިންނަކީ ހޮސްޕިޓަލް ނިޒާމުގެ ތެރެއަށް އުފަންވާ ކުދިންނަށް ނުވުންކަންވެސް ޑރ ރާއޯ ވަނީ ފާހަގަ ކުރައްވާފައެވެ.
އަހަރަމެންނަށް ފެންޓަނީލް އެބަ ފެނޭ ވަރަށް ގިނައިން. ގިނަ ޢަދަދެއްގެ މައިން ދަނީ އޭގެ ބޭނުން ކުރަމުން. ބައެއް މީހުން ނަހަމަ ބޭނުންވެސް ކުރޭ. ކަންބޮޑުވާންޖެހޭ އަނެއް ކަމަކީ، ގިނަ ބޭސްތަކެއްގަ، ޣައިރު ޤާނޫނީ ބޭސްތަކުގަ، ފެންޓަނީލް އެކުލެވޭކަން. ބޭނުން ކުރަމުންދާ ބޭހުގައި ފެންޓަނީލް އެކުލެވޭކަން ބައެއް ފަހަރު މައިމީހާއަށް ނޭނގިވެސް ހުރޭ. އެހެންވެ، ތުއްތު ދަރިފުޅުގެ ޓެސްޓުތައް ހަދަން. ތުއްތު ދަރިފުޅު އެންމެ ފުރަތަމަ ބޮޑިކަމުދާއިރު ބޭރުވާތަކެތިން ސާމްޕަލް ނަގައިގެން ޓެސްޓު ކުރަނީ. ފޫޅުދަނޑިން ޓިޝޫ ނަގައިގެންވެސް ޓެސްޓު ކުރަން. ތެދެއް. މިކަން ދެނެގަންނަނީ އެގޮތަށް. މާބަނޑު ދުވަސްވަރު، ފެންޓަނީލް ބޭނުން ކޮށްފަ ހުރިތޯ ބަލަން ޓެސްޓު ކުރަނީ އެގޮތަށް.ޑރ ސުމާ ރާއޯ؛ ނިއޯނޭޓޮލޮޖިސްޓް
އެމެރިކާގެ ސެންޓަރ ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ)އިން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމްއަށް ޕޮޒިޓިވްވެފައިވާ ތުއްތު ކުދިންގެ ޢަދަދު، 2010 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު ވަނީ 82 ޕަސެންޓް އިތުރު ވެފައެވެ. 2020 ވަނަ އަހަރު، ވިހައިގެން ހޮސްޕިޓަލުގައި ތިބި ކޮންމެ 1000 ކުއްޖަކުން 6 ކުއްޖަކީ، ނިއޯނޭޓަލް އެބްސްޓިނެންސް ސިންޑްރޯމްގެ ތަކުލީފުތައް އުފުލި ކުއްޖެއް ކަމަށް މައުލޫމާތު ލިބެއެވެ.
ސިންތެޓިކް އޯޕިއޮއިޑްސްގެ ތެރޭގައި ހިމެނޭ ފެންޓަނީލް އެތެރެ ކުރުމަށް ޣައިރު ޤާނޫނީ ގޮތެއްގައި ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަކީ އެމެރިކާގެ ކަމާ ބެހޭ އިދާރާތަކުން މިވަގުތު އެންމެ އިސްކަމެއް ދޭ އެއް ކަންތަކެވެ. އެމެރިކާއާއި މެކްސިކޯގެ ކަމާ ބެހޭ ފަރާތްތަކުން ދަނީ، ފެންޓަނީލް ސަޕްލައިކުރާ ޗޭނުތައް ބުރިބުރިކޮށް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ވަރުގަދަ ކަރޓެލްތަކުގެ ބާރު ކަނޑުވާލުމަށް، ދަތިކުރުމުގެ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަ ކުރަމުންނެވެ.