Advertisement
ކ. މާލެ
|
7 ޖުލައި 2017 | ހުކުރު 16:34
މުންދު އަދީބާ އެކު ސެލްފީއެއް ނަންގަވަނީ، އަދީބް އާ ގާތްގުޅުމެއް ބޭއްވެވި ކަމުގެ ތުހުމަތުގައި ގެއަށް ފޮނުވާލެނު
މުންދު އަދީބާ އެކު ސެލްފީއެއް ނަންގަވަނީ، އަދީބް އާ ގާތްގުޅުމެއް ބޭއްވެވި ކަމުގެ ތުހުމަތުގައި ގެއަށް ފޮނުވާލެނު
ޓްވިޓަރ
މުންދުގެ ބަހުގެ ހަމަލާ
ދައުރުގެ މެދުތެރެއިން ވެރިކަން ވައްޓާލަން މައުމޫނު ރޭއްވެވި: މުންދު
"މައުމޫނަކީ އިޚްލާސްތެރި ކަމެއް ނެތް ބޭފުޅެއް"
"އެދި ވަޑައިގެންނެވި ކޮންމެ ކަމެއް ޔާމީން ކޮށްދެއްވި"
"މައުމޫނުގެ ވެރިކަމުގައި ފޭލްވި ބައެއް ކަންކަން ޔާމީން ކާމިޔާބު ކުރެއްވި"

ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ މެދުތެރެއިން އެމަނިކުފާނު ވެރިކަމުން ދުރުކޮށް ރައީސް މައުމޫން ބޭނުންފުޅުވާ ބޭފުޅަކު ވެރިކަމަށް ގެނައުމަށް މާކުރިންސުރެ ރާއްވަވާފައިވާކަމަށް މުޙައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ޖަޕާނަށް ކަނޑައަޅަފައި ހުންނަވާ ސަފީރުގެ މަގާމުގައި ހުންނެވި، މުޙައްމަދު ޙުސައިން ޝަރީފް ސަރުކާރުގެ މީޑިއާ ޓީވީއެމް އިން ގެނެސްދިން ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ދައުރުގެ މެދުތެރެއިން ރައީސް ޔާމީން ވެރިކަމުން ދުރުކުރުމުގެ ވިސްނުންފުޅު ރައީސް މައުމޫނު ގެންގުޅުއްވި ކަމަށެވެ.

މުންދު އަކީ، ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނުން އެކުލަވާލާފައިވާ ކައުންސިލް މެމްބަރުކަންވެސް ކުރައްވާ ބޭފުޅެކެވެ.

ޓީވީއެމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނަށް ރައީސް ޔާމީން ކަންތައް ކުރެއްވީ އެއްބަނޑު އެއްބަފާ ބޭބެއަކާއި މެދު ކަންތައް ކުރަންވީ ގޮތަށް ވުރެވެސް މާ ރަނގަޅަށް ކަމަށާއި އަދި މައުމޫނު ބޭނުންފުޅުވި ކޮންމެ ކަމެއް ރައީސް ޔާމީން ކޮށްދެއްވި ކަމަށްވެސް މުންދު ވިދާޅުވިއެވެ.

 

"ބޭނުންފުޅުވި ކޮންމެ ކަމެއް ބޭނުންފުޅުވި ކޮންމެ ވަގުތެއްގައި ކޮށްދީފައިވޭ." މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވި ގޮތުގައި ރައީސް މައުމޫނުގެ ވިސްނުންފުޅު ރައީސް ޔާމީންއާ ދެކޮޅަށް ބަދަލުވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި، އެކަން އެހެން އެވީ ކުރިންވެސް އެގޮތައް ރޭވިފައި އޮތުމުން ކަމަށް ތުހުމަތު ކުރައްވާ މުންދު ވާހަކަފުޅު ދެއްކެވިއެވެ.  

ރައީސް މައުމޫނާއި މެދު ރައީސް ޔާމީން އިހްތިރާމާއި އެކު ކަންތައްކުރެއްވި ނަމަވެސް ރައީސް މައުމޫންގެ އިޚްލާސްތެރި ކަމެއް ނެތް ކަމަށް ދޭހަވާ މޭރުމުން ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ މުންދު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މަތީ މަގާމުތަކެއް ރައީސް މައުމޫނުގެ ވެރިކަމުގައި ދެއްވި މުންދު، ރައީސް މައުމޫނަށް ކުޑައިމީސް ބަސްތަކެއް އިތުރަށް ރައްދު ކުރައްވަމުން ވިދާޅުވީ، ރައީސްކަމުން ރައީސް ޔާމީން ދުރުކުރައްވާ، ރައީސް މައުމޫން ބޭނުންފުޅުވާ ބޭފުޅެއް ވެރިކަމަށް ގެނައުމަށް މާކުރިން ވެސް ރާވައި ސައްލާ ކުރައްވާފައިވާ ކަމަށެވެ.

މުންދުގެ މި ވާހަކަފުޅަށް ރައްދު ދެއްވާ މުންދުއަށް އަމާޒު ކުރައްވާ، ރައީސް ޔާމީންގެ ސިޔާސަތުތަކާ މިހާރު ފެޔަށް ޖެހިވަޑައިގެންފައިވާ، އައިމިނަތު ނާދިރާ ވިދާޅުވީ، ދައުރުގެ މެދުތެރެއިން ވެރިކަން ވައްޓާލަން އުޅުނު ކަމަށް ތުހުމަތުކޮށް މެލޭޝިއާގެ ފްލެޓެއްގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި ރައީސް މައުމޫނު ހިމެނިވަޑައިނުގަންނަވާ ކަމަށެވެ.

 

މިދަނޑިވަޅަކީ، މަޖިލީހުގެ ރައީސް މަގާމުން ދުރުކުރުމަށް އިދިކޮޅު ސިޔާސީ ޕާޓީތަކުން ކުރަމުންދާ މަސައްކަތައް ސަރުކާރަށް ކުރިން ތާއީދު ކުރި ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ތާއީދު ކުރާކަން ހާމަވުމާ އެކު ސަރުކާރުގެ އިސްވެރިން ބޭނުން ކުރައްވައިގެން ކުރީގެ ރައީސުންނަށާއި އިދިކޮޅު ލީޑަރުންނަށް އަމާޒުކޮށް ބަހުގެ ހަމަލާތައް ފޮނުވަމުންދާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ.

ގާނޫނާ ގަވާއިދާ ޚިލާފަށް މަޖިލިސް ހިސާރު ކުރައްވައިގެން ވަކި ފަރާތަކުން ބޭނުންވާ ގޮތައް މަޖިލިސްގެ މަސައްކަތްތައް ކުރިއަށް ގެންދަވާ ކަމުގެ ތުހުމަތުގައި މަޖިލިސް ރައީސް މަސީހު މަގާމުން ވަކި ކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅޭ ގޮތުން މުންދު ވިދާޅުވީ، އެއީ މައްސަލައެއް އޮވެގެން ކުރާކަމެއް ނޫންކަމަށާއި، އެއީ ރިޔާސީ އިންތިޚާބުގެ ކުރިން ވެރިކަން ބޭނުންވެގެން ކުރާ ކަންތައްތަކެއްކަމަށެވެ.

ރައީސް މައުމޫނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ޓީވީއެމްގައި މުންދު ވިދާޅުވީ، ރައީސް މައުމޫންގެ ވެރިކަމުގައި ފެއިލްވި ކަންކަން ރައީސް ޔާމީން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދަވާ ކަމަށާއި، މި ގޮތުން، ރައީސް ޔާމީންގެ ވެރިކަމުގެ ކުރީ ކޮޅު ޕްރޮސެކިއުޓާއެއް އައްޔަނު ކުރަން ނިންމެވި ނިންމެވުމަށް މައުމޫނު ދެކޮޅު ހެއްދެވި ކަމަށްވެސް މުންދު ވަނީ ވިދާޅުވެފައެވެ.

މުންދު އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނަވަނިކޮށް 2015 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ގެއަށް ފޮނުވާލެއްވި ބޭފުޅެކެވެ.

 

އަދި ގެއަށް ފޮނުވާލެއްވުމާ ގުޅިގެން އޭނާވަނީ އޭރު ހުންނެވި މަގާމުން އިސްތިއުފާ ދެއްވާފައެވެ. މުންދު ގެއަށް ފޮނުވާލެއްވި ސަބަބެއް ކަމަށްވީ ބޮޑެތި ޚިޔާނަތްތަކެއްގެ މައްސަލައެއްގައި މިހާރު ޖަލުގައި ބަންދު ކުރެވިފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުއާ ގާތްގުޅުމެއް ބޭއްވެވުމުގެ ސަބަބުން ކަމަށްވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް
8 ޖުލައި 2017 | ހޮނިހިރު 00:32
ބޮދުތިލަދުނމަތި
އެއީ އަޅާފަ އޮތް ޝޯލް ވައްޓާލާ ވާހަކަ ހެ ހެ ހެހޭ......