ކ. މާލެ
|
19 އޭޕްރިލް 2023 | ބުދަ 12:39
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން
ރާއްޖެއެމްވީ
މެއި 6 ޙަމަލާގެ ޝަރީއަތް
މެއި 6 ޙަމަލާ: ޝަރީއަތް ފަށައިފި
ގާޒީ ވަނީ ކުރިއަށް ހުރި އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލު ހިއްސާ ކުރައްވާފައި
ދިފާއީ ވަކީލުން ފާހަގަ ކުރެއްވި ކަންކަމަށް ރިއާޔަތް ކުރައްވައި ތާވަލަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ
ބުދަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެއް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މެއި 6، 2021ގައި ނަޝީދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި މައްސަލާގައި ދައުވާކުރަނީ ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހުމަދާއި، މއ. ފޭރުގޭ މުޖާޒް އަހުމަދާއި، ނ. މަނަދޫ ނޫރީގޭ އަލީ ހައިޝަމާއި، ގއ. ވިލިނގިލީ ހުދުރުވާގޭ ފަހުމީ އަލީއާއި، މ. ކުދެހިގޭ އިސްހާގު އަދި އއ. މާޅޮސް، އަސަރީގޭ މުހައްމަދު ނާޒިމްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މިހާރު މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ.

ބުދަ ދުވަހުގެ އަޑުއެހުމަކީ މި މައްސަލައިގެ ޝަރީއަތް ފެށުމަށް ބޭއްވި އަޑުއެހުމެކެވެ.

އެންމެ ފުރަތަމަ ދައުލަތުން ވަނީ އިފްތިތާހީ ބަޔާން ހުށައަޅުއްވާފައެވެ. ދައުލަތުގެ ވަކީލު ވަނީ މި މައްސަލައިގެ ޙާދިސާއާއި، ދައުވާ އުފުލާފައިވާ ފަރާތްތަކާއި އެމީހުންގެ މައްޗަށް ދައުވާކުރި ސަބަބުތަކަށް އަލިއަޅުވާލައްވާފައެވެ.

އެއަށްފަހު ދައުވާލިބޭ ފަރާތްތަކުން ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ. އެގޮތުން ދައުވާއަށް އިންކާރު ކުރާކަމާއި ދިފާއު ބިނާ ކުރާނެ ގޮތް ބަޔާން ކުރައްވައި ދައުވާލިބޭ ފަރާތްތަކުން ވަނީ އިފްތިތާޙީ ބަޔާން އިއްވާފައެވެ.

ގާޒީ ވަނީ ކުރިއަށް ހުރި ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދާނެ ގޮތުގެ ތާވަލު ހިއްސާ ކުރައްވާފައެވެ. އެ ތާވަލާ އެއްގޮތަށް ކުރިއަށްދާނަމަ 31 އޯގަސްޓު 2023 ގައި މައްސަލައިގެ ޙުކުމް ކުރެވޭނެކަމަށް ލަފާ ކުރައްވާ ކަމަށް ގާޒީ ވިދާޅުވިއެވެ.

އެހެންނަމަވެސް ދިފާއީ ވަކީލުން ތާވަލާއި ގުޅޭގޮތުން އިތުރު ކަންކަން ފާހަގަ ކުރައްވާފައިވަތީ ގާޒީ ވަނީ އެކަންކަމަށް ރިއާޔަތް ކުރައްވައި ތާވަލަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެކަމަށް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް