Advertisement
ކ. މާލެ
|
17 އޭޕްރިލް 2023 | ހޯމަ 08:52
މިދިޔަ އަހަރު ކުރިއަށްގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ބައިވެރިން
މިދިޔަ އަހަރު ކުރިއަށްގެންދިޔަ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ނިންމި ބައިވެރިން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
އަރބަންކޯ
އަރބަންކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި
100 މީހުންނަށް ވަނީ ފުރުސަތު ހުޅުވާލައިފައި
12 ދާއިރާއަކުން ފުރުސަތު ވަނީ ހުޅުވާލައިފައި

އަރބަންކޯގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އަރބަންކޯއިން މި ފުރުސަތު ހުޅުވާލާފައިވަނީ 100 މީހުންނަށެވެ. މިއީ އެކި ދާއިރާތަކުން ޒުވާނުން ބިނާކުރުމަށް 2016 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

އަރބަންކޯއިން ކުރިއަށްގެންދާ އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ކުރިއަށްދާނެ ވަކި ދާއިރާއެއް އިހްތިޔާރު ނުކުރެވި ނުވަތަ ކުރިއަށް ދާންބޭނުންވާ ދާއިރާއިން ފުރުސަތު ނުލިބި ތިބި ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވައި ދިނުމަށް އެ ކުންފުނިން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި ވަޒީފާގެ ބާޒާރުގައި ޒުވާނުންނަކީ ފަސްނުޖެހި، އެ ވަޒީފާއެއްގެ އަމަލީ މަސައްކަތްތައް ދަންނަ ގާބިލް ބަޔަކަށް ހެދުމަކީ ވެސް މި ޕްރޮގްރާމުގެ މަގުސަދެއް ކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ.

މިއަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިއަށްގެންދަނީ މައިގަނޑު 12 ދާއިރާއަކުން ކަމަށް އަރބަންކޯއިން ވަނީ ބުނެފައެެވެ. މީގެތެރޭގައި ގާޑެނިންގ އާއި ރެފްރިޖަރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްސް އާއި އިންވެންޓްރީ މެނޭޖްމަންޓާއި ކޮމްޕިއުޓަރ ހާޑްވެއަރ އެންޑް ނެޓްވޯކިންގ އާއި ހައުސްކީޕިންގ އާއި ލޯންޑްރީ އޮޕަރޭޝަންސް އާއި ފްރަންޓް އޮފީސް ސަރވިސަސް ހިމެނެއެވެ. އަދި ހެވީ ވެހިކަލް އޮޕަރޭޝަންސް އާއި ކޮންސްޓްރަކްޝަން ސައިޓް ސުޕަރވިޝަން އާއި ހެލްތް އެންޑް ސޭފްޓީ އިން ކޮންސްޓްރަކްޝަން އާއި ޕެއިންޓިންގ އެންޑް ޑެކަރޭޝަންސް އަދި ވެލްޑިންގ ޓެކްނީކްސް ވެސް މި ދާއިރާތަކުގެ ތެރޭގައި ހިމެނެއެވެ.

Advertisement

އަރބަންކޯއިން މި ޕްރޮގްރާމް ހާއްސަކޮށްފައިވަނީ 18 އަހަރާއި، 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އެގޮތުން، ގްރޭޑް 10 ނިންމާފައި ނުވަތަ އެމްކިޔުއޭ ލެވެލް 2 ގެ ސަނަދެއް އޮތް، ވަޒީފާއެއް އަދާކުރަމުން ނުދާ ކޮންމެ މީހަކަށް ވެސް މި ފުރުސަތުގެ ދަށުން ކުރިމަތިލެވޭނެއެވެ.

މި ޕްރޮގްރާމް ފުރިހަމަކުރާ ކޮންމެ ބައިވެރިއަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލުކުރާ ލެވެލް 3 ގެ ސަނަދެއް ލިބޭނެއެވެ. މި ޕްރޮގްރާމް ހަ މަސް ދުވަހަށް ކުރިއަށްގެންދާއިރު ޕްރޮގްރާމުގެ ކޮންމެ ބައިވެރިއަކަށް ވެސް މަހަކު 6000 ރުފިޔާގެ އެލަވެންސެއް ލިބޭނެއެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، އެޕްލިކޭޝަން ހުށަހެޅުމަށް 14 މެއި 2023 ވަނަ ދުވަހު މެންދުރު 14:00 ގެ ނިޔަލަށް ވަނީ ފުރުޞަތު ހުޅުވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް