ކ. މާލެ
|
15 އޭޕްރިލް 2023 | ހޮނިހިރު 05:27
ފައްޔާޒް އިސްމާއިލް
ފައްޔާޒް އިސްމާއިލް
އެމްޑީޕީ
އެމްޑީޕީ
އިހުތިރާމް ކުރުމުގެ ގޮތުން ބެލޭނީ ވަކި ހިސާބަކަށް: ފައްޔާޒު
ފައްޔާޒު ވަނީ އެމްޑީޕީގެ އެތެރެއިން އިންތިޚާބު ކާމިޔާބުވިޔަ ނުދިނުމަށް ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައި
ރިޔާސީ ޓިކެޓާ ގުޅިގެން ގެންގުޅޭ "ތުންފިއްތުން" މިހާރު މުޅިން އެހެން ހިސާބަކަށް ގޮސްފައިވާ ކަމަށް ވިދާޅުވި

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެމްޑީޕީގެ ކެންޑިޑޭޓާ ދެކޮޅަށް އެ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން މަސައްކަތް ކުރާތީ އެ ޕާޓީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ނުރުހުން ފާޅު ކުރައްވައިފިއެވެ.

ހޮނިހިރު ދުވަހު އެ ދާއިރާގެ ބައި އިލެކްޝަން ކުރިއަށްދާއިރު ފައްޔާޒު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުން އިންތިހާބުގައި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ގެއްލުވާލުމަށް މަސައްކަތް ކުރައްވާ ކަމަށެވެ. އެގޮތުން، އެ ދާއިރާއަށް ނިސްބަތްވާ އެމްޑީޕީ މެމްބަރުންނަށް ގުޅައި ޕާޓީގެ ޓިކެޓަށް ވޯޓު ނުދިނުމަށް އަންގާ ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.

ފައްޔާޒު އިތުއަށް ވިދާޅުވީ އެ މަސައްކަތް ކުރަނީ ރިޔާސީ ޓިކެޓާ ގުޅިގެން ކަމަށާއި "ތުންފިއްތުން" މިހާރު މުޅިން އެހެން ހިސާބަކަށް ގޮސްފައިވާ ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަނީ ގަސްތުގައި ޕާޓީ ފުނޑުފުނޑު ކޮށްލަން ކަމަށާއި އެކަން ކާމިޔާބުވިޔަ ނުދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިހުތިރާމް ކުރުމުގެ ގޮތުން އެ ބޭފުޅުންނަށް ބެލޭނީ ވަކި ހިސާބަކަށް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވަކި ނަމެއް ހާމަ ނުކުރެއްވި ނަމަވެސް ރިޔާސީ ޓިކެޓާ ގުޅިގެން ދެބަސްވުންތަކެއް އެމްޑީޕީގެ ތެރޭގައި އުފެދިފައިވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމަނިކުފާނަށް ތާއިދު ކުރައްވާ ބޭފުޅުންގެއެވެ. އެ ފަރާތްތަކުން ގެންދަނީ އެމްޑިޕީގެ ތެރެއިން "ފިކުރެއްގެ ދިރުން" ގެ ނަމުގައި ވަކި ހަރަކާތެއް ފަށައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހާ ދެކޮޅަށް މަސައްކަތް ކުރަމުންނެވެ. އަދި މިހާރު ވަނީ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމާއެކު މަސައްކަތް ކުރަން ނިންމާފައެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ އިތުރުން ޕީޕީއެމްއާއި އެމްއެންޕީން ވެސް ވާދަ ކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް
15 އޭޕްރިލް 2023 | ހޮނިހިރު 14:29
ޙަސަނު
ގުރައިދޫ ދާއިރާއަށް ފިކުރެއްގެ ޖޭޕީ ކީއްވެތަ ނުނެރުނީ؟