ޤައުމަށް އިސްލާހު ގެނައުމުގެ މަސައްކަތުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު އެމަޤާމުން ދުރުކުރުމަށް އިދިކޮޅު ފަރާތްތަކަށް އެއްބާރުލުން ދެއްވުމަށް ނިންމެވީތީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ (މުހައްމާ) އަށް އެމްޑީޕީ އިހަވަންދޫ ދާއިރާއިން މަރުހަބާ ކިޔައިފިއެވެ.
އެމްޑީޕީ އިހަވަންދޫ ދާއިރާއިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް އިދިކޮޅު އިއްތިހާދުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ހުށަހެޅުމުގައި ބައިވެރިވެވަޑައިގެން ޤައުމު ސަލާމަތް ކުރުމުގެ މަސައްކަތުގައި ދާއިރާގެ ގިނަ ރައްޔިތުންގެ އެދުމާއި އެއްގޮތައް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޢަބްދުﷲ ބައިވެރިވެވަޑައިގަތުމަށް ނިންމެވި ނިންމެވުމަށް އެދާއިރާގެ ފަރާތުން މަރުހަބާ ކިޔާ ކަމަށެވެ.
އެބަޔާނުގައި ބުނެފައިވަނީ އެއްވެސް ޝައްކެއް ނެތް ގޮތުގައި މެންބަރު މުހައްމަދު ޢަބްދުﷲ އިސްލާހީ މަސައްކަތުގައި ގުޅިފައިވާ ކޯލިޝަނާއެކު ކުރައްވާ މަސައްކަތަށް އެމްޑީޕީގެ އިހަވަންދޫ ދާއިރާއިން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.
މިފިޔަވަޅާ ގުޅިގެން މެންބަރު މުހައްމަދު ޢަބްދުﷲއަށް ކުރިމަތިވެގެންދާ ފިއްތުންތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ ފިއްތުންތަކުގެ ސަބަބުން އެ މެންބަރުގެ ހިތްވަރާ އަޒުމަށް ކުޑަވެސް ބަދަލެއް ނާންނާނެކަމުގެ ޔަޤީންކަން އަރުވާކަމަށްވެސް އެމްޑީޕީ އިހަވަންދޫ ދާއިރާއިން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް އިދިކޮޅު ފަރާތްތަކުން ހުށަހެޅި މައްސަލައިގައި ޕީޕީއެމްގެ މުސްތަޝާރު ރައީސް ޔާމީން ފެކްޝަންގައި ހުންނެވި މުހައްމަދު ޢަބްދުﷲ ވަނީ ސޮއި ކުރައްވާފައެވެ. އަދި އޭގެ ފަހުން މުހައްމާ ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާއި ސްރީލަންކާގައި ބައްދަލު ކުރައްވާފައެވެ.