ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 11:46
އާދަމް ޝަރީފް
އާދަމް ޝަރީފް
މަޖިލިސް
މަޖިލީހަށް ކުއްލި މައްސަލަ އެއް ހުށަހެޅުން
ފެނަކައިގެ ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ގޮވާލާ ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި
މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 15 މެންބަރުން
މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް

ފެނަކައިގެ ފައިނޭންޝަލް އޮޑިޓެއް ހެދުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަނެ ބޭރުކޮށްލައިފިއެވެ.

އަންގާރަ ދުވަހު އެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ. އެ މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ 15 މެންބަރުން ނެވެ. މައްސަލަ ބަލައިގަންނަން ނުފެންނަކަމަށް 18 މެންބަރުން ވޯޓު ދެއްވި އެވެ. އެ މައްސަލައިގައި ވަނީ ފެނަކައިން ކުދި ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް ވެސް ގޮވާލައްވާފައެވެ. އެ މައްސަލަ ހުށަހަޅުއްވަމުން އާދަމް މަޖިލީހުގައި ވިދާޅުވީ ފެނަކައިން ކުދި ވިޔަފާރިތަކަށް ދޭން ޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން އެ ކުންފުނިތަކަށް ވަރަށް ބޮޑެތި މާލީ ދަތިތަކާއި ކުރިމަތިލާންޖެހިފައިވާ ކަމަށެވެ.

އެ މައްސަލައިގައި އޭނާ ވަނީ ކުދި ވިޔަފާރިތަކަށް ފެނަކައިން 2.8 ބިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ނުދީ ވާކަމަށް ވިދާޅުވެފައެވެ. އާދަމް ޝަރީފް ވަނީ ފެނަކައިން ސަޕްލަޔަރުންނަށް ދޭން ޖެހޭ ފައިސާވެސް ނުދީވާކަމަށް ފާހަގަކުރައްވާ އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެ ގަރާރު ހުށަހަޅުއްވަމުން އޭނާ ވަނީ ފެނަކައާމެދު ކޮރަޕްޝަންގެ އިތުރު ތުހުމަތުތަކެއް ވެސް ކުރައްވާފައެވެ. އެ ކަންކަމަށް ބަލާއިރު ފެނަކައިގެ ފައިނޭންޝިއަލް އޮޑިޓެއް ހަދާ ދަރަނިތައް މެނޭޖްކުރުމަށް ރަނގަޅު ޕްލޭނެއް ހެދުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް