ކ. މާލެ
|
11 އޭޕްރިލް 2023 | އަންގާރަ 08:43
ރައީސް މާފުއްޓަށް ވަޑައިގަތުން
ރައީސް މާފުއްޓަށް ވަޑައިގަތުން
އެމްޑީޕީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު
ދައުރު ނިމޭއިރު ގުރައިދޫ ދާއިރާގެ ހުރިހާ ވައުދުތައް ފުރިހަމަކުރެވޭނެ: ރައީސް
ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ލީ ވަރަށް ގިނަ އުއްމީދުތަކާއެކުގައި ކަމަށާއި އެ އުއްމީދުތަކާއެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި
މަޖިލިސް އިންތިޚާބު ކާމިޔާބު ނުކުރެވުނު ނަމަވެސް އެފަހަރު ކެންޑިޑޭޓް ވިވައުދުތައް ވެސް ދަނީ ފުއްދަމުން

މި ދައުރު ނިމޭއިރު ރިޔާސީ އިންތިޚާބުގައި ގުރައިދޫ ދާއިރާއަށް ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ފުއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕޭނަށް ކ. މާފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު އެ ދާއިރާގެ ރައްޔިތުންނަށް ވައުދުފުޅުތަކެއް ވެވަޑައިގެންނެވި ކަމަށެވެ. އަދި މިިހާތަނަށް އޭގެ ތެރެއިން ގިނަ ކަންކަން ފުއްދިފައިވާއިރު ބައެއް ކަންކަން މިހާރު ވެސް ކުރިއަށްދާ ކަމަށާއި އެމަނިކުފާނުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު އެ ދާއިރާއަށް ވެވަޑައިގެންނެވި ހުރިހާ ވައުދުފުޅެއް ފުއްދަވައި ނިމޭނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރައްޔިތުން ރިޔާސީ އިންތިޚާބުގައި އެމަނިކުފާނަށް ވޯޓު ލީ ވަރަށް ގިނަ އުއްމީދުތަކާއެކުގައި ކަމަށާއި އެ އުއްމީދުތަކާއެއްގޮތަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބު އެމްޑީޕީގެ ކެންޑިޑޭޓަށް ނާކާމިޔާބުވިނަމަވެސް އެފަހަރު ކެންޑިޑޭޓް ވި ވައުދުތައް ވެސް ފުއްދަމުން އަންނަ ކަމަށާއި ކައުންސިލް އިންތިޚާބުގައި ވެސް ވި ވައުދުތައް ފުއްދަމުން އަންނަކަމަށެވެ. ރައީސް ވިދާޅުވި ގޮތުގައި އެ ވައުދުތައް ފުއްދަވައިދެއްވަނީ އެކަންކަމަކީ ޕާޓީންނާއި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންތައްތަކެއްގެ ގޮތުގައި ދެކިލައްވާތީއެވެ.

މިހާރު ގުރައިދޫ ދާއިރާގެ ބައިއިލެކްޝަން ބޭއްވުމަށް ތައްޔާރުވަމުން އަންނައިރު އެ ދާއިރާގެ ރައްޔިތުން ގޮތެއް ނިންމާއިރު، ފާއިތުވި ހަތަރު އަހަރު ކުރެވިފައިވާ ކަންކަމަށް ވިސްނުމަށް ރައީސް އެދިވަޑައިގެންނެވިއެވެ.

މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެލި ނަމަވެސް ތަފާތު ކުރުމެއްނެތި އަސާސީ ހިދުމަތް ފޯރުކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް އެމަނިކުފާނު މަސައްކަތް ކުރައްވާނީ އެގޮތަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނަންވާނީ ރައްޔިތުންގެ އަޑުއަހައި ރައްޔިތުން އެދޭ އެދުންތައް ފުއްދުމަށް އޭރެއްގައި އޮންނަ ސަރުކާރަކާއެކު މަސައްކަތް ކުރާނެ ބޭފުޅެއް ކަމަށާއި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހީމް ޝާޒަކީ އެފަދަ ބޭފުޅެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement
- ކޮމެންޓް