Advertisement
ކ. މާލެ
|
8 އޭޕްރިލް 2023 | ހޮނިހިރު 07:08
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު
ރާއްޖެއެމްވީ
ސަފާ ގްރޫޕްގެ އުމްރާވެރިން
ރަމަޟާން މަހުގެ ފަހު 10 ށް ހުރިހާ އުމްރާވެރިން މައްކާއަށް ގެންދާނެކަމުގެ ޔަގީންކަން ސަފާއިން ދީފައިވޭ: މިނިސްޓްރީ
ޢުމްރާވެރިން ގެންދިއުމަށް 8 އޭޕްރީލްގައި އެއަރލައިންއަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށް، ރަމަޟާންމަހުގެ ފަހު 10 އަށް ހުރިހާ ޢުމްރާވެރިން މައްކާއަށް ގެންދާނެކަމުގެ ޔަގީންކަން ދީފައިވޭ
ކުންފުނިން ޢަމަލުކުރަމުންދާގޮތް މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އުޞޫލުގެ ތެރެއިން މިކަމުގައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް ކުންފުންޏަށް މިނިސްޓްރީން އަންގާފައިވޭ

އައްސަފާ އެންޑް ހައްޖު އުމްރާ ގްރޫޕްގެ ހުރިހާ އުމްރާވެރިން ރަމަޟާންމަހުގެ ފަހު 10 އަށް މައްކާއަށް ގެންދާނެކަމުގެ ޔަގީންކަން އެކުންފުނިން ދީފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

ސަފާ ހައްޖު ގުރޫޕްގެ ފަރާތުން ރަމަޟާން މަހު އުމްރާއަށް ދިޔުމަށް ހަމަޖެހިފައިވާ 181 އުމްރާވެރިން އުމްރާއަށް ގެންދިޔުން ވިސާ ނުލިބުނުކަމަށް ބުނެ ފަހުވަގުތު ވަނީ ކެންސަލްކޮށްފައެވެ.  އުމްރާވެރިން ފުރަތަމަ ފުރަން ހަމަޖެހިފައިވަނީ ބުރާސްފަތި ދުވަހުއެވެ.

މިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ބުނީ ޢުމްރާވެރިންނަށް ވިސާ ހަމަނުޖެހުމުގެ ސަބަބުން ކަމަށްބުނެ، ޢުމްރާދަތުރު ކެންސަލްކުރުމަށް ސަފާ ގްރޫޕުން ނިންމި ނިންމުމަކީ މިނިސްޓްރީއިން އިންތިހާއަށް ކަންބޮޑުވާ ކަމެއްކަމަށެވެ. މިކަން މިނިސްޓްރީގެ ސަމާލުކަމަށް އައި ހިސާބުން ފެށިގެން، މިކަން ހިނގާފައިވާ ގޮތް ބަލައި، އުމްރާވެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް މިނިސްޓްރީގެ ފަރާތުން އަންނަނީ މަސައްކަތްކުރަމުން ކަމަށް ބުނެފައިވެއެވެ. އަދި މި މައްސަލައިގައި ކަންހިނގާފައިވާ ގޮތާއި ޢުމްރާވެރިން މި އަހަރު ރަމަޟާން ޢުމްރާއަށް ގެންދިއުމުގެ ކަންކަން ހަމަޖެއްސުމާއި ގުޅޭގޮތުން، އައް ޞަފާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ ޢަބްދުﷲ ނަސީމް މުޙައްމަދު ވަނީ މިނިސްޓްރީއަށް ހާޟިރުކޮށްފައެވެ.

Advertisement

މި ރަމަޟާން މަހު ޢުމްރާއަށް ގެންދިއުމަށް ކުންފުންޏަށް ފައިސާ ދައްކާފައިވާ ޢުމްރާވެރިން، އެންމެ ލަސްވެގެން ރަމަޟާންމަހުގެ ފަހު 10 އަށް ޢުމްރާއަށް ގެންދިއުމުގެ އެންމެހައި އިންތިޒާމްތައް ހަމަޖެއްސުމަށް އެ ކުންފުންޏަށް މިނިސްޓްރީން އަންގާފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އަދި ޢުމްރާވެރިން ގެންދިއުމަށް 8 އޭޕްރީލްގައި އެއަރލައިންއަކާއެކު އެއްބަސްވުމެއްގައި ސޮއިކުރާނެކަމަށާއި އަދި ރަމަޟާންމަހުގެ ފަހު 10 އަށް ހުރިހާ ޢުމްރާވެރިން މައްކާއަށް ގެންދާނެކަމުގެ ޔަގީންކަން އެކުންފުނިން ދީފައިވެއެވެ. މި މައްސަލާގައި، ކުންފުނިން ޢަމަލުކުރަމުންދާގޮތް މިނިސްޓްރީން ވަރަށް ގާތުން ބަލަމުންދާ ކަމަށާއި އަދި އުޞޫލުގެ ތެރެއިން މިކަމުގައި އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށް ކުންފުންޏަށް މިނިސްޓްރީން އަންގާފައިވާކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މިމައްސަލައާ ގުޅިގެން ރާއްޖެއެމްވީއަށް ސަފާ ހައްޖު ގްރޫޕުން ބުނީ, އުމްރާވެރިންނަށް އަންނަ އަންގާރަ ދުވަހު ފުރޭނެ ކަމަށާއި، ހުރިހާ އިންތިޒާމްތައް ހަމަޖެހިފައިވާ ކަމަށެވެ. އެ ގްރޫޕުން ބުނީ އެ ގްރޫޕުގެ އުމްރާވެރިން ރަމަޟާންމަހުގެ 20 ވަނަ ދުވަހު އުމްރާއަށް ފުރުވާލެވޭނެ ކަމަށާއި، އެއްވެސް ބަޔަކަށް އޮޅުވައިލުމަކީ އެ ގްރޫޕުގެ ވިސްނުމެއް ނޫން ކަމަށެވެ. ވިސާގެ ކަންކަމުގައި ސައޫދީން މުއާމަލާތު ކުރަމުންދިޔަ އޭޖެންސީން ވިސާ ލިބިފައިވާ ކަމަށް އަބަދުވެސް ބުނަމުން ދިޔަކަމަށާއި، އެންމެ ފަހު ވަގުތާ ޖެހެންދެންވެސް އޭޖޭންސީން އެ ޔަގީންކަން ދިން ކަމަށެވެ. އަދި އުމްރާވެރީންނަށް އެކަން ދުރާލައި ނޭންގުނީ ސައޫދީ އޭޖެންސީން ވިސާ ލިބިފައިވާކަމުގެ ޔަގީންކަން ދިނުމުން ކަމަށްވެސް ސަފާ ގްރޫޕުން ބުނެފައިވެއެވެ.

ސަފާ ގްރޫޕުން ބުނީ ސައޫދީގެ އޭޖެންސީއެއް ކަމަށްވާ ޝަރީއަތުލް މަޝާއިރު އަށް، އުމްރާވެރީންގެ ޕާސްޕޯޓްތަކުގެ ކޮޕީ މިހާރު ފޮނުވާފައިވާ ކަމަށާއި، ވިސާގެ ކަންތައް ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެ އޭޖެންސީން ދީފައިވާ ކަމަށެވެ.

މީގެ އިތުރުން އެ ގްރޫޕުން ބުނީ އެ ގްރޫޕުގެ ހަވާލުގައި ތިބި އުމްރާވެރީން އުމްރާއަށް ފުރުވަނީ އުމްރާވެރީންގެ އަތުން އިތުރު އެއްވެސް ފައިސާއެއް ނެގުމެއް ނެތި ކަމަށާއި، ގްރޫޕަށް ކިތަންމެ ބޮޑު ގެއްލުމެއް ލިބުނު ނަމަވެސް ގްރޫޕުގެ އުމްރާވެރީންނަށް އުމްރާގެ އަޅުކަން އަދާކުރެވޭނެ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް