ކ. މާލެ
|
6 އޭޕްރިލް 2023 | ބުރާސްފަތި 12:39
އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން
އުދައްޔުގެ މަރުގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން
ރާއްޖެއެމްވީ
އުދައްޔުގެ މަރުގެ މައްސަލަ
އުދައްޔުގެ މަރު: ހަށިގަނޑު ބެއްލެވި ޑޮކްޓަރުގެ ހެކިބަސް ނަގައިފި
ބުރަކައްޓާ ދިމާލުން ޒަހަމް ހުރި ތަނުގައި ވަޅިވެސް އޭރު ހުރި
އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ހާޓް އެޓޭކެއް ޖެހިފައިވޭ
ހެލްތް ސެންޓަރަށް ގެންދިއުމަށްފަހުވެސް އޭނާގެ ޙާލަތު ދިޔައީ ދަށަށް

ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި ލިބުނު ޒަޚަމްތަކުގެ ސަބަބުން މަރުވި 17 އަހަރުގެ އަހުމަދު އުދައްޔުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް ބުރާސްފަތި ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ހެކިބަސް ނެގުމުގެ މަރުޙަލާއެވެ.

ބުރާސްފަތި ދުވަހުގެ އަޑުއެހުމުގައި އެންމެ ފުރަތަަމަ ހެއްކެއްގެ ގޮތުގައި ހާޒިރު ކޮށްފައިވަނީ މާމެންދޫ ސިއްޙީ މަރުކަޒުގައި އުދައްޔުގެ ހަށިގަނޑު ބެެއްލެވި ޑޮކްޓަރެވެ. އޭނާ މާމެންދޫ ސިއްޙީ މަރުކަޒުގައި މަސައްކަތް ކުރައްވާތާ 6 އަހަރަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ހެކިބަސް ދެމުން ޑޮކްޓަރު ވިދާޅުވީ، އިމަރޖެންސީ ރޫމްއަށް އުދައްޔު ގެންދިޔައިރުވެސް އޭނާގެ ގައިގައި އެއްވެސް ހޭވެރިކަމެއް ނެތް ކަމަށެވެ. އޭނާގެ ވިންދާއި ލޭގެ ޕްރެޝަރވެސް އެވަގުތު ރެކޯޑު ނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.  

އެހެންނަމަވެސް މެޑިކޯ ލީގަލް ރިޕޯޓުގެ "ޖެނެރަލް އޮބްޒަވޭޝަން" ގައި ބަޔާންކޮށްފައިވަނީ އޭނާގެ ވިންދު ރެކޯޑު ކުރެވޭ ކަމަށެވެ. އެކަމާ ގުޅިގެން ޑޮކްޓަރު ވިދާޅުވީ، އަތުން ޗެކްކުރިއިރު އޭނާގެ ވިންދު އިހުސާސް ނުކުރެވޭ ކަމަށެވެ.

އަދި ސިސްޓަމުން ރެކޯޑުވެފައިވާ ވިންދު ރޭޓަކީވެސް އާންމު މީހެއްގެ ގައިގައި ހުންނާނެ ވަރަށްވުރެ ދަށް ރޭޓެއްކަން ފާހަގަ ކުރައްވައި ޑޮކްޓަރު ވަނީ އާންމު މީހެއްގެ ގައިގައި ހުންނާނެ ވިންދު ރޭޓާއި އުދައްޔުގެ ހަށިގަނޑުން ރެކޯޑު ކުރެވުނު އަދަދުތައް ކިޔާ ދެއްވާފައެވެ.

ޑޮކްޓަރު ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔައިރު އުދައްޔުގެ ގައިގައި ޒަހަމެއް ހުރި ކަމަށާއި، ބުރަކައްޓާ ދިމާލުން ޒަހަމް ހުރި ތަނުގައި ވަޅިވެސް އޭރު ހުރި ކަމަށެވެ. އޭނާއަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ހާޓް އެޓޭކެއް ޖެހިފައިވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ސިއްހީ މަރުކަޒަށް ގެންދިއުމަށްފަހުވެސް އޭނާގެ ޙާލަތު ދިޔައީ ދަށަށް ކަމަށާއި، އަތޮޅު ހޮސްޕިޓަލަށް ރިފަރ ކުރީ އެ ސަބަބާ ގުޅިގެން ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޑޮކްޓަރު ވަޑައިގެންނެވިއެވެ. ގެންދިޔަ މަގުމަތީގައި އުދައްޔު ވަރަށް ދިގު ނޭވާއެއް ލީ ކަމަށާއި، އޭގެ ފަހުން އޭނާ ނޭވާއެއް ލީކަން ފާހަގަނުވާކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

ޑޮކްޓަރު ވަނީ މި މައްސަލައިގައި އަނިޔާވި ފިރުޝާން ޒާހިރުއަށް ލިބިފައިވާ އަނިޔާތަކާއި ގުޅޭގޮތުންވެސް ހެކިބަސް ދެއްވާފައެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަޙުމަދު ޝަމީމްއާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝީދުއާއި، ގއ. މާމެންދޫ، ގުލްފާމުގެ، މުޙައްމަދު މާޒިންގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.

 މީގެ އިތުރުން ނުރައްކާތެރި ހާނިއްކައެއްވާ ގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާވެސް އެ މީހުންގެ މައްޗަށް ވަނީ އުފުލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް