ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުން ކުރި އިއުލާނެއްގައި ވަނީ ކޮންސްޓަބަލްގެ މަޤާމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައެވެ.
މުސާރަ ބެހިފައިވާ ގޮތަށް ބަލާއިރު، އަސާސީ މުސާރައިގެ ގޮތުގައި -/4,650 ރުފިޔާ، ސަރވިސް އެލަވަންސް ގޮތުގައި -/5,000 ރުފިޔާ އަދި ނޮން-ޕްރެކްޓިސް އެލަވަންސް ގޮތުގައި އަސާސީ މުސާރައިގެ %40 (-/1,860 ރުފިޔާ) ލިބެއެވެ.
އޭގެ އިތުރުން، ޔުނީފޯމް އެލަވަންސް ގޮތުގައި- /300 ރުފިޔާ ލިބެއެވެ.
އަދި ވަޒީފާއަށް ރެކްރޫޓްކުރެވޭ ތާރީޚުން ފެށިގެން 03 މަސް ދުވަސް ހަމަވުމުން، ސަރވިސް އެލަވަންސް، ނޮން-ޕްރެކްޓިސް އެލަވަންސް، ޕްރޮފެޝަނަލް އެލަވަންސް ލިބިގެންދާނެއެވެ. އެގޮތުން ޑިޕްލޮމާ ފެންވަރު ނަމަ އަސާސީ މުސާރައިގެ 10 އިންސައްތަ، ބެޗްލަރސް ޑިގްރީ ފެންވަރު ނަމަ އަސާސީ މުސާރައިގެ 15 އިންސައްތަ، މާސްޓަރސް ޑިގްރީ ފެންވަރު ނަމަ އަސާސީ މުސާރައިގެ 20 އިންސައްތަ ލިބެއެވެ.
އަދި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގައިވާ ގޮތުގެ މަތިން އެހެނިހެން އިނާޔަތްތަކާއި، އެލަވަންސްތައް ލިބޭނެއެވެ.
މި ވަޒީފާގެ ޝަރުތުތަކުގެ ތެރޭގައި އެސް.އެސް.ސީ އިމްތިޙާނުން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއިއެކު، ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން 2 (ދޭއް) މާއްދާއިން ދަށްވެގެން "ސީ" ފާސް ހާސިލްކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވުން ހިމެނެއެވެ.
ނުވަތަ ދިވެހި ފުލުހުންގެ ޚިދުމަތާއި ގުޅުންހުރި ދާއިރާއަކުން 02 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.
އަދި އެއީ ފިރިހެނަކު ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް 3 (ތިނެއް) އިންޗި އަދި އަންހެނެއް ނަމަ، އިސްކޮޅުން 5 (ފަހެއް) ފޫޓް ހަމަވުން ޝަރުތު ކޮށްފައިވެއެވެ.
ހަމައެއާއެކު، މީލާދީ ގޮތުން 18 އަހަރާއި 39 އަހަރާ ދެމެދުގެ ފަރާތެއްކަމުގައިވުންވެސް ޝަރުތުކޮށްފައިވެއެވެ.
ވަޒީފާއަށް މީހުން ނެގުމުގައި ބެލޭނެ ކަންތައްތަކަށް ބަލާއިރު، ބެކްގްރައުންޑް އެސެސްމެންޓް، ފިޒިކަލް ފިޓްނަސް އެސެސްމަންޓް، ފެތުމުގެ އެސެސްމަންޓް، އެޕްޓިޓިއުޑް ޓެސްޓް، އިންޓަރވިއު، ޕޮލިގްރަފީ ޓެސްޓް އަދި މެޑިކަލް އެގްޒެމިނޭޝަން ހިމެނެއެވެ.
މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުން ދިވެހި ފުލުހުންގެ ޚިދުމަތުން ދޫކުރާ ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި ވަޒީފާއަށް އެދޭ ފަރާތްތަކުގެ ކުށުގެ ރެކޯޑް ބަލާ ފޯމް ފުރިހަމަކުރުމަށްފަހު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 2023 އޭޕްރީލް 18 ވަނަ ދުވަހުގެ 13:00 ގެ ކުރިން ޝަހީދު ޙުސައިން އާދަމް ބިލްޑިންގގެ ރިސެޕްޝަން ނުވަތަ އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ ޕޮލިސް ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހެޅުމަށް ވަނީ ފުރުސަތު ހުޅުވާލެވިފައެވެ.