ކ. މާލެ
|
4 އޭޕްރިލް 2023 | އަންގާރަ 03:18
ބަހަކަަށް މީހުން އަރަނީ
ބަހަކަަށް މީހުން އަރަނީ
އެމްޕީއެލް
އާރުޓީއެލް ބަހުގެ ޚިދުމަތް
ހުޅުމާލެ ދެވަނަ ފިޔަވަހިން ސްކޫލް ކުދިންނަށް ހާއްސަ ބަސް ދަތުރުތަކެއް އިތުރުކޮށްފި
ތިން ރޫޓަކަށް ބަސްތައް ވަނީ އިތުރު ކޮށްފައި

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ދަށުން އެމްޓީސީސީން ދެމުން އަންނަ ބަހުގެ ޚިދުމަތުގެ ތެރެއިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލް ކުދިންނަށް ހާއްސަ ދަތުރުތަކެއް އިތުރުކޮށްފިއެވެ.

އެމްޓީސީސީން ހޯމަ ދުވަހު ނެރުނު އިއުލާނެއްގައި ބުނީ ރޯދަ މަސް ނިމެންދެން މިހާރު ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު އާރު 7 އަދި އާރު 8 ރޫޓުގައި ސްކޫލް ކުދިންނަށް ހާއްސަ ކުރެވިފައިވާ ބަހެއް އޮންނާނެ ކަމަށެވެ. އެ ބަސް ދަތުރު ފަށާނީ ހެނދުނު 8:05 ގައި ކަމަށާއި 7:50 އިން ފެށިގެން ހިޔާ ފްލެޓް ސްޓޮޕް އެކެއްގައި އެ ބަސް ތައްޔާރަށް އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އާރުޓީއެލް ބަސް ރޫޓު އާރު 7 އަކީ ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެ ވެސްޓް ޕާކަށް ދަތުރު ކުރާ ބަހެވެ. އަދި އާރު 8 އަކީ ހުޅުމާލެ ދެވަނަ ފިޔަވަހިން މާލެ ކަރނިވަލް ބަސް ސްޓޮޕަށް ދަތުރު ކުރާ ބަހެވެ.

Advertisement

މީގެ އިތުރުން އާރު 6 ގެ ރޫޓުގައި ވެސް ސްކޫލްކުދިންނަށް ހާއްސަ ބަސްތަކެއް އޮންނާނެ ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ. މި ރޫޓަކީ ހުޅުމާލެ ދެވަނަ ފިޔަވަހިން ފުރަތަމަ ފިޔަވައްސަށް އޮންނަ ރޫޓެވެ. މި ބަސްތައް މަޑު ކުރާނީ ސިންތެޓިކް ޓްރެކް ބަސް ސްޓޮޕަށާއި އަމީން އެވެނިއު އަދި ފްލެޓް 120 ސްޓޮޕަށް ކަމަށް އެމްޓީސީން ބުނެއެވެ.

ސްކޫލް ކުދިންނަށް ހާއްސަ ކޮށްފައިވާ މި ބަސްތަކުގައި ދަތުރު ކުރެވޭނީ ދަރިވަރުންގެ އިތުރުން ކޮންމެ ކުއްޖަކާއެކު ބެލެނިވެރިއަކަށެވެ.

މި ކަމާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކުން އެމްޓީސީސީގެ ހޮޓްލައިން ނަންބަރު 1650އަށް ގުޅުމުން މަޢުލޫމާތު ސާފުކުރެވޭނެ ކަމަށް އެކުންފުނިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް