މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ނުލިބޭ ކަމަށް ފާހަގަކޮށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މެމްބަރުން އެފަދައިން ވާހަކަދައްކަވާފައި ވަނީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ހޯދުން ފަސޭހަކޮށްދިނުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފް ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސްކުރައްވަމުންނެވެ. މި ގަރާރާއި މެދު މެމްބަރުންގެ ޚިޔާލު ތަފާތު ނަމަވެސް މިއީ ހައްލު ބޭނުންވާ ސީރިއަސް މައްސަލަ އެއްކަން ގަރާރަށް ބަހުސްކުރެއްވި ހުރިހާ މެމްބަރުން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
އެ ގަރާރަށް ބަހުސް ކުރެއްވި ބައެއް މެމްބަރުން ވަނީ މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށާއި ޒުވާނުން މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް ސަރުކާރަށް މަސައްކަތް ނުކުރެވޭ ކަމަށް ވިދާޅުވެފައެވެ. އެގޮތުން ދަނގެތީ ދާއިރާގެ މެމްބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލި ދާއިރާގެ މެންބަރު ގާސިމު އިބްރާހީމް ވެސް ވަނީ ރާއްޖޭގައި ރަނގަޅު ރީހިބިލިޓޭޝަންގެ ނިޒާމެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އިދާރާތަކުން އިހުމާލުވެފައިވާ ކަމަށް ބައެއް މެމްބަރުން ވަނީ ވިދާޅުވެފައެވެ.
އެހެންނަމަވެސް އެ ގަރާރަށް ބަހުސްކުރެއްވި ސަރުކާރަށް ތާއީދުކުރާ މެމްބަރުން ވަނީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރަން ކުރަމުންދާ މަސައްކަތްތައް ސަރުކާރުން ކުރިއަށް ދާ ގޮތް ރަނގަޅު ކަމަށް ވިދާޅުވެފައެވެ.
އެގޮތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް އެންމެ ބޮޑު މަސައްކަތެއް ކޮށްފައި ވަނީ މި ސަރުކާރުން ކަމަށެވެ. އަދި ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތި އަތުލައިގަނެ މި ސަރުކާރުން ވަނީ ރެކޯޑް އަދަދަކަށް މަސްތުވާތަކެތި ނައްތާލާފައި ކަމަށް އޭނާ ވިދާޅުވިއެވެ. މަސްތުވާތަކެތީގެ މައްސަލައަކީ އެތައް އަހަރެއްވީ ބޮޑު މައްސަލައަކަށް ވުމާއި އެކު އެ މައްސަލަ ހައްލުކުރުމަށް ގޮންޖެހުންތައް ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. ޝިފާއުގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވި ބަޖެޓުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ފަރުވާދިނުމަށް ކުރާ ހޭދަ އިތުރުކުރަން ޖެހޭ ކަމަށެވެ. އަދި މިހާރަށް ވުރެ ފުޅާ ވަސީލަތްތަކަކާއި އެކު އެ މަސައްކަތްކުރުން މުހިންމު ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަދުން ހުސައިން) ވަނީ މި ގަރާރު ހުށަހެޅުއްވި މަގްސަދާއި މެދު ސުވާލު އުފައްދަވާފައެވެ. ފަހަކަށް އައިސް ސަރުކާރަށް އެކި ކަންކަން ކުރުމަށް ގޮވާލާ ގަރާރު ހުށަހެޅުން އާއްމުވެފައިވާތީ މިއީ "ސަރުކާރަށް ކަންކަމަށް ގޮވާލާ ގަރާރު" ހުށަހަޅާ މޫސުން ކަމަށް އޭނާ ވަނީ ސިފަކުރައްވާފައެވެ. ޝަހީމް ވަނީ މަސްތުވާތަކެތީގެ މައްސަލަ އަށް ހައްލު ހޯދަން ސަރުކާރުން މަސައްކަތް ކުރާ ކަމަށް ފާހަގަކުރައްވާފައެވެ. އަދި ވަސީލަތްތައް މަދު ވުމުން މަސްތުވާތަކެތީގެ ބޭނުން ކުރާ މީހުންނަށް ފަރުވާ ދިނުމަށް ދަތިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.