ކ. މާލެ
|
3 އޭޕްރިލް 2023 | ހޯމަ 09:51
އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން
އެމްޑީޕީގެ ކޮންގްރެސްގެ ތެރެއިން
އަޒްމީން / ޓްވިޓަރ
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން
"ގުރައިދޫ ދާއިރާ އަށް ސަރުކާރުން ކަންކަން ކޮށްދެނީ އިންތިޚާބާއި ދިމާކޮށް ކަމަށް ރައްޔިތުން ޤަބޫލެއް ނުކުރޭ" - އިބުރޭ
އެމްޑީޕީގެ ޓިކެޓްގައި ބައި އިލެކްޝަންގައި ވާދަކުރަނީ އިބްރާހިމް ޝާޒު
ބައިއިލެކްޝަން އިއުލާންކުރުމުގެ ކުރިން ވެސް އެ ދާއިރާ އަށް ކަންކަން ކޮށްދިންކަން އާއްމުން ގަބޫލުކުރާ ކަމަށް އިބްރާހިމް ވަހީދު ވިދާޅުވި

ގުރައިދޫ ދާއިރާ އަށް އެމްޑީޕީގެ ސަރުކާރުން ކަންކަން ކުރަނީ އިންތިޚާބާއި ދިމާކޮށް ކަމަށް ރައްޔިތުން ޤަބޫލު ނުކުރާ ކަމަށް ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު (އިބުރޭ) ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު އޭނާ ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަށް އެމްޑީޕީއިން ވަމުންދާ ތައްޔާރީތައް ބައްލަވާލައްވާފައެވެ. އަދި ކެމްޕެއިންގައި އަމަލީ ގޮތުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. އެ ދާއިރާގެ އާއްމުންނާއި ވާހަކަދެއްކެވުމުން ބައިއިލެކްޝަން އިއުލާންކުރުމުގެ ކުރިން ވެސް އެ ދާއިރާ އަށް ކަންކަން ކޮށްދިނުމަށް ސަރުކާރުން އިސްކަން ދިންކަން އާއްމުންނަށް ވެސް އެނގޭކަމަށް ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ. އިދިކޮޅުން ސަރުކާރުން ކަންކަން ކުރަނީ އިންތިޚާބަށް ކަމަށް ބުނެ ފާޑު ކީ ނަމަވެސް އެ ވާހަކަތައް އާއްމުން ބަލައި ނުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެރިކަމަށް އައުމަށް ސަރުކާރުން ވީ ވައުދުތައް ފުއްދަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެއިތުރުން އާއްމުން ދެކޭ ގޮތުގައި ގުރައިދޫ ދާއިރާ އަށް އިތުރު ފުރުސަތުތައް ހޯދަން ސަރުކާރާ އެކު މަސައްކަތް ކުރުމަށް ސަރުކާރަށް ތާއީދުކުރާ މެންބަރަކު ހުރުން މުހިންމު ކަމަށް އިބްރާހިމް ވަހީދު ވިދާޅުވިއެވެ. ގުރައިދޫ ދާއިރާގައި ހިމެނޭ ރަށްތަކުގެ ތެރެއިން މާފުށްޓާއި ގުރައިދޫ އަށް އެންމެ ބޮޑަށް ދިމާވެފައިވަނީ ބިމުގެ މައްސަލަ ކަމަށާއި އެ މައްސަލަ އަށް ހައްލު ލިބުމުން އާއްމުން ތިބީ ވަރަށް އުފަލުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެ ދާއިރާގެ މީހުންނަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތްތައް ކޮށްދީފައިވާކަން އާއްމުން ފާހަގަކުރާ ކަމަށާއި އާއްމުން ތިބީ ސަރުކާރާއެކު ކުރިއަށް ދާން ތައްޔާރަށް ކަން ފާހަގަކުރެވުނު ކަމަށް އެނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ގުރައިދޫ އާއި މާފުށީގައި ބިން ހިއްކާ ނިމިފައިވާ ކަމަށާއި، ގުޅީގެ ބިން ހިއްކުމުގެ މަސައްކަތް ކޮންޓްރެކްޓްކޮށްފައިވާ ކަމަށެވެ. އާއްމުންނާއި ވާހަކަދެކެވުމުން އުންމީދު ވެސް ނުކުރާ ވަރުގެ ކަންކަން ހާސިލްވެފައި ހުރި ކަމަށް އާއްމުން ބުނަމުންދާ ކަަމަށް އޭނާ ވިދާޅުވިއެވެ.

އެ ދާއިރާގެ ގޮނޑި ހުސްވީ މިިދިޔަ 14 އަހަރު މެދުކެނޑުމެއް ނެތި ގުރައިދޫގެ މެންބަރުކަން ފުރުއްވި އިބްރާހީމް ރިޒާ ކެންސަރު ބަލީގައި މިދިޔަ މަހުގެ 22 ގައި އަވަހާރަވުމުންނެވެ. އެހެންވެ، އަންނަ މަހުގެ 15 ގައި ބައި-އިލެކްޝަން ބާއްވަން ވަނީ ހަމަޖެހިފައެވެ. ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަނަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް އެމްޑީޕީގެ ޓިކެޓްގައި އިންތިޚާބުގައި ވާދަކުރަނީ އިބްރާހިމް ޝާޒުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް