Advertisement
ކ. މާލެ
|
5 ޖުލައި 2017 | ބުދަ 20:15
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމިން ރަޝީދު
އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ޔާމިން ރަޝީދު
ފޭސްބުކް
ޔާމިން ރަޝީދުގެ މަރު
ޔާމީނަށް އިންޒާރު ދިންއިރު ރައްކާތެރިކަން ނުދިނުމުން ފުލުހުންނާ ދެކޮޅަށް ކުރާ ދައުވާ ސިއްރު ކުރުމަށް ދައުލަތުން އެދިއްޖެ
ބަދަލު ކުރެވޭ ލިޔެކިޔުންތައް ސިއްރު ކުރަންވެސް ދައުލަތުން ވަނީ އެދިފައި
ދައުވާއަށް ޖަވާބުދާރީ ވުމަށްވެސް ދައުލަތުން އިންކާރު ކުރި
ޔާމިން މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި 3 މީހެއްގެ މައުލޫމާތު ވަނީ ހާމަކޮށްފައި

ލާއިންސާނީ އަނިޔާތަކަކާއެކު މަރާލާފައިވާ ޔާމީން ރަޝީދަށް އިންޒާރު ދެމުން ދިޔައިރު ވެސް ފުލުހުން ރައްކާތެރިކަން ފޯރުކޮށް ދީފައި ނުވާތީ ފުލުހުންނާ ދެކޮޅަށް އޭނާގެ އާއިލާއިން ހުށަހަޅާފައިވާ ދައުވާގެ އަޑުއެހުންތަކާއި ބަދަލު ކުރެވޭ ލިޔެކިޔުންތައް ސިއްރު ކުރުމަށް ފުލުހުން އެދިއްޖެއެވެ.

ޔާމީން ރަޝީދުގެ ޢާއިލާގެ ފަރާތުން ފުލުހުންގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ، އެޕްރީލް 22، 2017 ވަނަ ދުވަހުގެ ރޭ ރާވައިގެން ޔާމީން ރަޝީދު ވަރަށް އަނިޔާވެރި ގޮތަކަށް މަރާލުމުގެ ފުރުޞަތު ބަޔަކަށް ފަހިވެގެން ދިޔައީ، ޔާމީން ރަޝީދަށް ތަކުރާރުކޮށް އިންޒާރު ލިބެމުން ދިޔަ މައްސަލަ ފުލުހުންގެ ސަމާލުކަމަށް ގެނެސްފައިވާއިރު، އޭނާއަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ޙިމާޔަތް ފޯރުކޮށް ދިނުމުގައި ފުލުހުން އިޙުމާލުވުމުންކަން ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ މައްސަލައެކެވެ.

މިމައްސަލައިގައި ބުދަ ދުވަހު އޮތް ޝަރީޢަތުގެ އަޑުއެހުމުގައި، ދައުލަތުން ވަނީ މައްސަލައިގެ އަޑުއެހުންތަކާއި މައްސަލައާ ގުޅިގެން ހުށަހެޅޭ އެންމެހައި ލިޔެކިޔުން ސިއްރުކޮށްގެން ނޫނީ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބުނެ ދަޢުވާއަށް ޖަވާބުދާރީވާން އިންކާރުކޮށްފައެވެ. ހާމަކަމާއެކު ޝަރީޢަތްކުރެވުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤަކަށްވާއިރު އަދި ފުލުހުންގެ އިޙުމާލުގެ މިމައްސަލައަކީ މިހާރު ހިނގަމުންދާ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަޙުޤީޤާ ގުޅުންހުރި މައްސަލައަކަށް ނުވާއިރު، ޔާމިން ރާޝީދުގެ ޢާއިލާގެ ފަރާތުން މިމައްސަލައިގެ ޝަރީޢަތް ސިއްރުކުރަން އިޢުތިރާޟުކުރުމުން، އެކަމާމެދު ބުދަ ދުވަހު ގޮތެއް ނުނިންމެ އެވެ.

މިކަމާ ގުޅިގެން ޔާމީން ރަޝީދުގެ ޢާއިލާގެ ފަރާތުން ބުނެފައިވަނީ މިމައްސަލަ ހާމަކަމާއެކު ހުޅުވާލެވިގެން ހިންގާ ޝަރީޢަތަކަށް ހެދުމަށެވެ. އަދި، އެއީ ޔާމީނަށް ފޯރުކޮށްދޭންޖެހޭ ރައްކާތެރިކަމާއި ޙިމާޔަތް ފޯރުކޮށްދިނުމުގައި ފުލުހުން ޤާނޫނީގޮތުން އަދާކުރަންޖެހޭ މަސްޢޫލިއްޔަތު އަދާކުރުމުގައި އިޙްމާލުވެފައިވާކަން ފުލުހުން ޤަބޫލުކުރުންކަމަށް އާއިލާއިން ބުނެ އެވެ.

ޔާމިންގެ އާއިލާއިން ބުނީ ޔާމީން ރާޝީދުގެ މައްސަލައިގައި އެއަނިޔާވެރި ޢަމަލު ހިންގުމުގައި ޢަމަލީ ގޮތުން ބައިވެރިވި 3 މީހަކު ހައްޔަރުކޮށް، ތަޙްޤީޤު ނިމިފައިވާކަމަށް ޖޫން 19،  2017 ދުވަހު ފުލުހުން ބުނެފައިވާއިރު، އެމީހުންގެ މައްޗަށް މިއަދާހަމައަށްވެސް ދަޢުވާ އުފުލި އިންސާފުގެ ކުރިމަށްޗަށް ގެނެސްފައިވާނުވާކަން ޢާއިލާއިން ފާހަގަކުރާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަޒުމޫން އަހުމަދު
- ކޮމެންޓް