ކ. މާލެ
|
1 އޭޕްރިލް 2023 | ހޮނިހިރު 13:23
އެންޑީއޭގެ ސީއީއޯ، އިމާދު ސާލިހު
އެންޑީއޭގެ ސީއީއޯ، އިމާދު ސާލިހު
ރާއްޖެއެމްވީ
ވިލުނު ސެންޓަރުގެ ޚިދުމަތް
"ވިލުނު" ސެންޓަރު: ޖުލައި މަހުގެ ތެރޭގައި ދިގު މުއްދަތުގެ ފަރުވާ ދެވޭ ޕްރޮގްރާމްތައް ފަށާނެ
ފަރުވާ ފެށުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުން
މިސެންޓަރު ހުޅުވާފައިވަނީ 27 މާޗް 2022ގައި

ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އައްޑޫ ސިޓީ ހުޅުމީދޫގައި ގާއިމްކުރި "ވިލުނު ސެންޓަރު"ގައި, ދިގު މުއްދަތުގެ ފަރުވާ ދެވޭ ޕްރޮގްރާމްތައް ޖުލައި މަހުގެ ތެރޭގައި ފަށާނެކަމަށް، ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަފުޅުދައްކަވަމުން އިމާދު ވިދާޅުވީ، ހިންމަފުށީގައި ގާއިމްކޮށްފައިވާ ސެންޓަރު ފިޔަވައި އަތޮޅުތެރޭގެ އެއްވެސް ސެންޓަރެއްގައި މިވަގުތު ''ރެޒިޑެންޝަލް'' ދިގު މުއްދަތު ފަރުވާ ހިންގާ އެއްވެސް ސެންޓަރެއް ނެތްކަމަށެވެ. ނަމަވެސް އައްޑޫގައި ގާއިމްކުރި ވިލުނު ސެންޓަރަކީ ދިގު މުއްދަތުގެ ފަރުވާގެ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭގޮތަށް ފަރުމާކުރެވިފައިވާ ސެންޓަރެއްކަމަށް އޭނާ ވިދާޅުވިއެވެ.

އެ ސެންޓަރުގައި އެފަރުވާ ފެށުމުގެ މަސައްކަތް ކުރެވެމުންދާކަން ފާހަގަކުރައްވައި އިމާދު ވިދާޅުވީ، ލަސްވެގެން އަންނަ ޖުލައި މަހުގެ ތެރޭގައި އެ ސެންޓަރުގައި ރެސިޑެންޝަލް ޕްރޮގްރާމް ފެށިގެން ކުރިއަށްގެންދެވޭނެ ކަމަށެވެ.

ހިންމަފުށި ފިޔަވާ، އަތޮޅުތެރޭގަ މިވަގުތު ރެސިޑެންޝަލް ދިގު މުއްދަތު ފަރުވާ ހިންގާ އެއްވެސް ސެންޓަރެއް ނެތް. ނަމަވެސް ވިލުނަކީ ދިގު މުއްދަތުގެ ފަރުވާ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކާ ފަރުމާކުރެވިފަ، ހަމައެގޮތަށް ބައްޓަން ކުރެވިފަ، ގާއިމް ކުރެވިފަ ވާ ސެންޓަރެއް. އެމަސައްކަތް މިހާރު މިދަނީ ކުރަމުން. އުންމީދު މި ކުރަނީ އަންނަ ޖުލައި ހިސާބުގަ އެންމެ ލަސްވެގެންވެސް އަޅުގަނޑުމެންނަށް ވިލުނުގަ ރެޒިޑެންޝަލް ޕްރޮގްރާމް ފެށިގެން ކުރިއަށް ގެންދެވޭނެ ކަމަށް.
އެންޑީއޭގެ ސީއީއޯ އިމާދު ސާލިހު

މިސެންޓަރު ހުޅުވާފައިވަނީ 27 މާޗް 2022ގައެވެ. މިއީ ސަދަން ރީޖަނަށް އަމާޒުކުރެވިގެން، ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަންގެ ޚިދުމަތް ފޯރުކޮށްދިނުމަށް އިންޑިއާ ސަރުކާރުގެ އެހީގައި ގާއިމްކޮށްފައިވާ ފަރުވާދޭ މަރުކަޒެކެވެ. މިތަނުގެ އިންހައުސް ކެޕޭސިޓީއަކީ 60ވެ.

ވިލުނު ސެންޓަރުން ދެވޭ ފަރުވާގެ ޕްރޮގްރާމް ފަރުމާ ކުރެވިފައިވަނީ ޑަބްލިއުއެޗްއޯގެ ކޮންސަލްޓެންސީގެ އެހީގެ ދަށުންނެވެ. ވިލުނުގެ ޕްރޮގްރާމްތައް ބިނާވެގެންވަނީ ސައިކޯތެރަޕީގެ ދަށުން ނަފްސާނީ، ޖިސްމާނީ، އިޖްތިމާއީ އަދި ރޫހާނީ ދުޅަހެޔޮކަން އިތުރުކުރުމަށް، ވަށައިޖެހޭ ފަރުވާގެ ނިޒާމެއްގެ ތެރެއިން ކަމަށް އެންޑީއޭއިން ބުނެއެވެ. އަދި މިތަނުގައި ހިންގޭ ފަރުވާގައި ހިމެނެނީ ޑިޓޮކްސިފިކޭޝަން، ޓްރީޓްމަންޓް، ރެޒިޑެންޝިއަލް ޓްރީޓްމެންޓް، ކޮމިއުނިޓީ ރީހެބިލިޓޭޝަން, އަދި ރީއިންޓެގްރޭޝަން ފަރުވާއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް