ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 17:22
ޑިޕްރެޝަންއާއެކު މަސްތުވާތަކެއްޗަށް ބައެއް ޒުވާނުން ގޮސްފައިވޭ
ޑިޕްރެޝަންއާއެކު މަސްތުވާތަކެއްޗަށް ބައެއް ޒުވާނުން ގޮސްފައިވޭ
ރާއްޖެއެމްވީ
ޑިޕްރެޝަނާއި މަސްތުވާތަކެތި
ޑިޕްރެޝަންއާއެކު މަސްތުވާތަކެތީގެ ޝިކާރައަކަށް!
މަސްތުވާތަކެއްޗަށް ދެވި ހިފާ ހިސާބުން އެމީހެއްގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވޭ
އާއިލާގެ ތެރެއިން ލިބެންޖެހޭ އެއްބާރުލުމާއި ލޯބި ނުލިބޭ މައްސަލަ ބޮޑު
މަސްތުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި އެހެންމީހުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވޭ

ކޮވިޑް-19އާއެކު މާލެސިޓީ ލޮކްޑައުން ކުރި ހިސާބަކީ ހާފިޒް (އަސްލު ނަމެއް ނޫން) ގެ މުޅިން ދިރިއުޅުން ބަދަލުވެގެން ދިޔަ ދުވަސްކޮޅެވެ. އުފާވެރި ދިރިއުޅެމުން އުޅެމުން ދިޔަ ނަމަވެސް ކޮވިޑާއެކު ގޭގައި ބަންދުވެ، ވަޒީފާ ގެއްލިގެން ދިޔައީއެވެ. ހަދާނެ ގޮތް ހުސްވި ކަހަލައެވެ. ކޮވިޑްގެ ދުވަސްތަކަށްވުމާއެކު އާއިލާގެ އެހެން މެމްބަރުންނާއި ގާތް ރައްޓެހިންނާ ދިމާވާ ގޮތެއް ނުވިއެވެ. ކަންބޮޑުވާ ގިނަކަންކަމާއި މެދު މަޝްވަރާކޮށްލާ ހިޔާލު ހޯދާނެ މީހަކު ވެސް ކައިރީގައި ނެތީއެވެ. ދުވަސްތައް މިހެން ފާއިތުވަމުން ގޮސް، ހާފިޒް ގޮސް ޖެހުނީ މަސްތުވާތެކެތީގެ ދަންތުރާގައެވެ.

އަހަރު ދުވަހު މަސްތުން ސަލާމަތް ނުވެ، ނުތަނަވަސް ދިރިއުޅުމެއް ހާފިޒް އުޅެމުން ގެންދިޔައެވެ. ނަމަވެސް ގިނަ ބައެއްގެ އެހީތެރިކަމާއެކު މެތަޑޯންގެ ފަރުވާއާއެކު 2022 ވަނަ އަހަރު ހާފިޒް މަސްތުން ސަލާމަތްވިއެވެ. ވަރަށް ވޭން ދެނިވި، އުނދަގުލުން ނަމަވެސް ސަލާމަތް ވެވޭކަން ހާފިޒްގެ ދިރިއުޅުމުން ސާބިތުވެއެވެ. ހާފިޒް މަސްތުން ސަލާމަތްވުމަށް ކުރި ދަތުރުގައި އެންމެ ބޮޑު އެއްބާރުލުމެއް ދިން ބަޔަކީ އޭނާގެ އާއިލާއެވެ. ނަފުސާނީ ފަރުވާއާއެކު އާއިލާގެ ފަރާތުން މިހާރު ވެސް އޭނާއަށް ލިބެމުންދާ ލޯތްބާ އެހީތެރިކަމަކީ އެގޮތުގައި ސާބިތުވެ ހުރުމަށް ލިބޭ އެންމެ ބޮޑު ހިތްވަރު ވެސް މެއެވެ. ނަމަވެސް މަސްތުގެ ހާލަތުން ސަލާމަތްވުމަށް މަސައްކަތް ކުރާ އެތައް ބަޔަކަށް އަދިވެސް އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުން ލިބެންޖެހޭ ލޯތްބާ، އޯގާތެރިކަން ނުލިބޭ މައްސަލަ ބޮޑެވެ.

ގިނަ ސަބަބުތަކާއި ގުޅިގެން ޒުވާން ޖީލެއް މަސްތުވާތަކެއްޗަށް ގެބިގެންދާއިރު، އެއްބަޔަކީ ކޮންމެވެސް ކަމަކާއި ގުޅިގެން މާ ބޮޑަށް ޑިޕްރެޝަނަށް ގޮސްގެން މަސްތުވާތަކެއްޗަށް ހުށަހެޅިގެން ގޮސްފައިވާ ބައެކެވެ. އެގޮތުން ހާފިޒްއަކީ ވެސް މިފަދަ ޒުވާނެކެވެ. ވަޒީފާ ގެއްލި، އެކަނި ގޭގައި އޮންނަން ޖެހުމުގެ ސަބަބުން ކުރިމަތިވި ޑިޕްރެޝަންއާއެކު މަސްތުގެ ޝިކާރައަށް ވެގެންދިޔައީއެވެ. އެހެންކަމުން މި މުޖުތަމައުގައި ހާފިޒް ފަދައިން ނަފުސާނީ ބައްޔާއެކު މަސްތުގެ ހާލަތަށް ގެބިގެންދިޔަ ވަރަށް ގިނަ ޒުވާނުން ތިބޭނެ ކަމާއި މެދު ޝައްކެތްނެތެވެ.

މި މައްސަލައާ ގުޅޭގޮތުން ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ސީއީއޯ އިމާދު ސާލިހު ވިދާޅުވެފައިވަނީ ގިނަ ފަހަރަށް މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި އުޅޭ މީހުން ކަމަށެވެ. އިމާދު ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވި ހިފާ ހިސާބުން އެމީހެއްގެ ހާލަތު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި، އެންމެ ބޮޑަށް އަސަރު ކުރަނީ އާއިލީ ގުޅުމަށް ކަމަށެވެ. އަދި އިމާދު ވިދާޅުވީ ފަރުވާއިން އެއްކޮށް މީހާ ރަނގަޅު ކުރެވޭ ކަމަށާއި، އަވަހަށް ފަރުވާއަށް ދެވިއްޖެކަމުގައިވާނަމަ މަސްތުން ސަލާމަތްވުމަށް ވެސް ފަސޭހަވާނެ ކަމަށެވެ. ނަމަވެސް އާއިލާގެ ފަރާތުންނާއި މުޖުތަމައުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ބޭނުންވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

އަންނައިރު އެމީހުންގެ ހާލަތު ވަރަށް ބޮޑަށް ބޮޑަށް ބަދަލުވެފައި. އެގޮތުން އެމީހެއްގެ އާއިލީ ގުޅުމަށް އެބަ ހީނަރުކަން އާދޭ. އެމީހަކަށް ގާނޫނީ ވަރަށް ގިނަ ކަންތައްތަކުގެ ތެރެއަށް އެބަ ވަދޭ. ވަރަށް ގިނަ ފަހަރު މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ކޮންމެވެސް ކަހަލަ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރޭގައި އުޅެންޖެހޭ. މިސާލަކަށް ޑިޕްރެޝަން އެންޒައިޓީ ފަދަ ކަންކަމުގައި އުޅޭ ފަރާތްތައް. ގިނަ ފަހަރަށް އާއިލީ ގުޅުން މިއޮންނަނީ ވަރަށް ބޮޑަށް ހީނަރުވެފައި. އެހެންވީމަ ކޮމިއުނިޓީ ތެރޭގައި ސޯޝަލް ކަނެކްޝަން ގުޅުންތަކަށް އެހައި ބޮޑެތި ހީނަރުތައް އައިސްފައި މިހުންނަނީ. އެހެންވީމަ މިހުރިހާ ކަމަކަށް ހަގީގަތުގައި ފަރުވާ ނިޒާމުގެ މާނައަކީ އޭނާ މިބަދަލުވެގެން ދިރިއުޅުމުގައި ބަދަލުވެގެން ދިޔަ އަސްލަށް ރިޒާވް ކުރުމުގައި ކުރެވޭ މަސައްކަތެއް.
އެންޑީއޭގެ ސީއީއޯ އިމާދު ސާލިހު

އެންޑީއޭއިން މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ގިނަ ބަޔަކަށް ފަރުވާ ދެމުން އަންނައިރު، މިހާރު ވެސް އެންމެ ބޮޑަށް ފާހަގަ ކުރެވޭ މައްސަލައަކީ އެފަރާތްތަކަށް އާއިލާގެ ތެރެއިން ލިބެންޖެހޭ އެއްބާރުލުމާއި ލޯބި ނުލިބޭ މައްސަލައެވެ. ފަރުވާގެ ތެރެއިން މުޖުތަމައުގެ ތެރެއަށް އޭނާ ދޫކޮށްލަނީ ވެސް މޮނިޓަރ ކުރާ ގޮތަށެވެ. އަދި މި މޮނިޓަރިންގެ ތެރޭގައި ވެސް ބާކީ ކުރުމުގެ މައްސަލަތައް ފާހަގަވެއެވެ.

އެންޑީއޭއިން މައުލޫމާތުދޭ ގޮތުގައި ރިހެބިލިޓޭޝަންގެ ޕްރޮގްރާމްތައް ކުރިއަށް ގެންދާއިރު، މިކަމަށް އާއްމު ރައްޔިތުން ހޭލުންތެރި ކުރުވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ މުޖުތަމައުއިން މިހާ ބާކީކޮށް އެކަހެރިކުރާނަމަ ފަރުވާ ޕްރޮގްރާމުން ރަނގަޅު ނަތީޖާއެއް ނެރުމަށް ދަތިތަކާއި ކުރިމަތިވާނެތީއެވެ. މީގެ އިތުރުން އެއީ މަސްތުން ސަލާމަތްވުމަށް މަސައްކަތް ކުރާ މީހާއަށް ލިބޭ އިތުރު ހިތްދަތިކަމެކެވެ. އިތުރަށް މީހާ ޑިޕްރެޝަނަށްދާނެ ސަބަބެކެވެ. އެހެންކަމުން މިހާރު ބައެއް ރަށްރަށުގައި އާއްމުން ހޭލުންތެރިކުރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންޑީއޭއިން ބުނެއެވެ. މަސްތުން ސަލާމަތްވުމަށް ކުރާ މަސައްކަތުގައި އެންމެ ބޮޑަށް ބޭނުންވަނީ އެހެންމީހުންގެ އެހީތެރިކަމާއި އެއްބާރުލުމެވެ.

- ކޮމެންޓް
4 އޭޕްރިލް 2023 | އަންގާރަ 03:50
އައްލާބެ
މިކަމާއިބެހޭ ވަރަށްގިނަ މައުލޫމާތު ކޮންމެވެސްވަރަކަށް އަޅުގަނޑަށް މިކަމުގެތެރޭގައި އުޅެފައިތިބި އަދި މިހާރުވެސް އުޅެމުންދާ ރަށްޓެހިންގެ ފަރާތުންވަނީ ލިބިފައި. އިމާދު ސޯލިހު ވަރުގެ ޕޮޒިޓިވް ވިސްނުންހުރި ބޭފުޅެއް މިއޮތްހުރިހާދުވަސްވީއިރު ނުދެކެން. ކޮންމެއަކަސް އިމާދުއަކީ މިކަމުގެ ކަންކަން ވަރަށްބޮޑަށް ބައްލަވާ ބޭފުޅެއްކަން މިހާރު އެނގިއްޖެ.