ކ. މާލެ
|
30 މާރޗް 2023 | ބުރާސްފަތި 13:35
ދަބްކޭ ނައިޓްސް ވިތު ޑައުންސް ސިންޑްރޯމް ޓްރޫޕް"ގެ ނަމުގައި ނަށާ ގުރޫޕެއް ހެދީ، ޑައުންސް ސިންޑްރޯމްގެ ތަކުލީފުތައް އުފުލަމުންދާ ދަރިންގެ މައިންތަކެއް އެކުވެގެން
ދަބްކޭ ނައިޓްސް ވިތު ޑައުންސް ސިންޑްރޯމް ޓްރޫޕް
އުރުދުންގެ މި ހާއްސަ ޑާންސް ގުރޫޕުގައި މުޅިންވެސް ތިބީ ޑައުން ސިންޑްރޯމް މެންބަރުން!
އޭގެ ތެރޭގައި އާންމު ތަންތަނުގައި އޮންނަ އިވެންޓްތަކުގެ އިތުރުން، ކައިވެނި ހަފުލާތައްވެސް ހިމެނޭ
މީގެ 3 އަހަރެއްހާ ދުވަސް ކުރިން އެކުލަވާލި މި ޑާންސް ގުރޫޕުގައި 19 މެންބަރުން ހަރަކާތްތެރިވޭ، މިހާތަނަށް 20 އަށްވުރެ ގިނަ އިވެންޓްގައި ބައިވެރިވެއްޖެ

ކޮންމެ މީހަކީވެސް ތަފާތު މީހެކެވެ. ދިރިއުޅުމުގެ މައިދާނުގައި ކާމިޔާބު ވަނީ، އެ ތަފާތުތައް ދެނެގަނެ، އެ ތަފާތު ކަމަކީ، ލިބިފައިވާ ބާރެއް ކަމުގައި ދެކި، ގަދަ ހިތްވަރާއެކު ކުރިއަށް ދިއުމުން ކަން ސާބިތުކޮށްދެމުންދާ އެއް ބަޔަކީ، އުރުދުންގެ ޒުވާން ޑާންސް ގުރޫޕުކެވެ. ކޮންމެ ހޮނިހިރު ދުވަހަކީ، މި ގުރޫޕުގެ މެންބަރުން އެއްތަންވެ، ހިތް ފުރެންދެން ނަށާ ދުވަހެކެވެ. މީ ހާއްސަ ޑާންސް ގުރޫޕެކެވެ. މި ގުރޫޕުގައި މުޅިންވެސް ހިމެނެނީ، ޑައުންސް ސިންޑްރޯމް ހުންނަ މެންބަރުންނެވެ.

އުރުދުންގެ ޘަޤާފީ ނެށުންތައް ނެށުމަށް ހާއްސަ މި ގުރޫޕު، މިހާ ހިސާބަށް އައުމަށް ކުރި ދަތުރަކީ މާ ފަސޭހަ ދަތުރެއް ނޫނެވެ. މި ގުރޫޕުގެ މެންބަރުންނަކީ، ހިތްދަތި މާޒީއެއް ތަޖުރިބާކުރި ބައެކެވެ. ސްކޫލް ދައުރުގައި އެހެން ކުރިންގެ ފަރާތުން އެތައް ފުރައްސާރައަކާ ކުރިމަތިލާން ޖެހުނު ބައެކެވެ. ދިރިއުޅެންޖެހުނު މުޖުތަމަޢުގެ ތެރެއިން ތަފާތު ކުރުންތައް ތަޙައްމަލު ކުރަން ޖެހުނެވެ. ނަމަވެސް ނަށާ ގުރޫޕެއް ހެދުން ވެގެން ދިޔައީން، އެކުއްޖަކު އަނެއްކުއްޖަކާ އުފާވެރި މާޙައުލެއްގައި ބައްދަލުވެ، އެކުވެރިކަން ބަދަހި ކުރުމަށް ތަނަވަސްވި މައިދާނަކަށެވެ.

އަހަރެންގެ ދަރިފުޅު، ލައިޘް، މިތަނުގަ ވަރަށް ހަމަޖެހިލައިގެން އުޅޭނީ. މިތަނާ ވަރަށް ގަޔާވާނެ. ފަރިތަކުރުން އޮންނަ ދުވަހުގެ، ދެތިން ދުވަސް ކުރިން ފެށިގެން މިތަނަށް އަންނަން ހިފާލާފަ ހުންނާނީ. އުއްމު ހާޝިމްއާއި ސާލަޙްއާ، ހާޝިމްއާ، ޢަބްދުﷲ ގާތަށް އަންނަންވެގެން އުޅޭނީ. ވަރަށް އުފާވެފަ ހުންނާނީ. ދަބްކޭ ގުރޫޕާ ގުޅުނުފަހުން، ލައިޘްގެ ދިރިއުޅުން ވަރަށް ބަދަލުވެއްޖެ. ނަފްސާނީ ގޮތުންވެސް ހެޔޮ ބަދަލުތަކެއް އަތުވެއްޖެ. މިހާރު ހެލިފެލިވެލާ އުޅޭ. އޭނަގެ މުޅި ދިރިއުޅުންވެސް ހަމަ ބަދަލުވެއްޖެ އެއްކޮށް.
ރަނާ އަބޫ ޚަތަމް؛ ޑައުން ސިންޑްރޯމް ހުންނަ ޒުވާނެއްގެ މަންމަ

މީގެ 3 އަހަރެއްހާ ދުވަސް ކުރިން އެކުލަވާލި މި ޑާންސް ގުރޫޕުގައި 19 މެންބަރުން ހަރަކާތްތެރިވާއިރު، މިހާތަނަށް 20 އަށްވުރެ ގިނަ އިވެންޓްގައި ބައިވެރިވެއްޖެއެވެ. އޭގެ ތެރޭގައި އާންމު ތަންތަނުގައި އޮންނަ އިވެންޓްތަކުގެ އިތުރުން، ކައިވެނި ހަފުލާތައްވެސް ހިމެނެއެވެ. މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، ނެށުންތައް ހުށަހަޅާލުމުގެ ފުރުޞަތު ލިބުމަކީ، އާންމު ތަންތަނުގައި ހުށަހެޅުންތައް ހުށަހަޅާދިނުމަށް އޮންނަ ބިރު ފިލާ ދާ ކަމެއް ކަން، ގުރޫޕުގެ މެންބަރެއްގެ މަންމަ ފާހަގަ ކުރިއެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުންނަ މަރުކަޒުތައް ހުރޭ. އެކަމަކު ރަނގަޅު ތަނަކަށް ފޮނުވަންޏާ އަތުން ޚަރަދުތަކެއްވެސް ދޭ. އަހަރަމެންގެ ދަރިންގެ ބޭނުންތަކަށް، މަހަކު 500 އުރުދުން ދީނާރު ނުވަތަ 700 ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ބޭނުންވޭ. ދެން އޮތީ އާންމު ސްކޫލްތަކުގަ، އެހެން ކުދިންނާ އެއްކޮށްގެން ކިޔަވައިދޭން ގެންދިއުން. އެކަން ކުރާ ވާހަކަ ދައްކާއިރު، އެންމެ ފުރަތަމަ ކަމަކަށް، މީހުންނާއި ކުދިންގެ މެދުގަ ހޭލުންތެރިކަން އިތުރު ކުރަންވީ. ހާއްސަ އެހީއަށް ބޭނުންވާ ކުދިން ނުހުންނަ މީހުން ހޭލުންތެރި ކުރުވީމަ، އެމީހުންގެ ދަރިންނަށްވެސް އެކަމުގެ މަޢުލޫމާތު ލިބޭނެ. އޭރުން، މި ކުދިން ބަލައިގަންނެވިދާނެ އެކުދިންނަށްވެސް. ވަރަށް ގިނަ ދަތިތަކާ ކުރިމަތިވޭ. އަހަރަމެންގެ ދަރިންނަށް، ސްކޫލްތަކުން ވަރަށް ދެރަ ގޮތްގޮތް މެދުވެރިވޭ.
އުއްމު ޞަލާޙް؛ ޑައުން ސިންޑްރޯމް ހުންނަ ކުއްޖެއްގެ މަންނަ

"ދަބްކޭ ނައިޓްސް ވިތު ޑައުންސް ސިންޑްރޯމް ޓްރޫޕް"ގެ ނަމުގައި ނަށާ ގުރޫޕެއް ހެދީ، ޑައުންސް ސިންޑްރޯމްގެ ތަކުލީފުތައް އުފުލަމުންދާ ދަރިންގެ މައިންތަކެއް އެކުވެގެންނެވެ. މަޤްޞަދަކަށް ވީ، ކުދިން އެއްތަންވެލާ، އެކުގައި ތަމްރީނުވެލާ، އަމިއްލަ ނަފުސަށް އޮންނަ އިތުބާރު ވަރުގަދަ ކޮށްދިނުމެވެ.

އަހަރެން ވަރަށް ގަޔާވޭ ދަބްކޭއާ. ދަބްކޭއަށް ޝަޢުޤުވެރިވަނީ އެކީގަ މިއުޅޭ ކުދިންނާ ހެދި. އުއްމު ހާޝިމް، ޓްރެއިނަރަކީ، އެއީ ދަބްކޭ ފަންނުވެރިއެއް.
މުޙައްމަދު ކަފްވީން؛ ދަބްކޭ ޓްރޫޕުގެ މެންބަރެއް

ޑައުންސް ސިންޑްރޯމް ނުވަތަ އާންމުކޮށް ކިއާ ގޮތަށް ދަންނަވާނަމަ، ޑައުން ސިންޑްރޯމްއަކީ އުފެދުމުގައި ހުންނަ އުނިކަމެކެވެ. މިކަމަށް "ޓްރައިސޯމީ 21"އޭވެސް ކިޔައެވެ. އެއީ، 21 ވަނަ  ޖޯޑުގައި 2 ކްރޯމޮސޯމްގެ ބަދަލުގައި 3 ކްރޯމޮސޯމް ހުންނާތީ އެވެ. ކްރޯމޮސޯމް އެއްގައި ހުންނަ އައިބެއްގެ ސަބަބުން އުގެނުމުގައި ނުކުޅެދުންތެރިކަން ކުޑަކުދިންނަށް މެދުވެރި ކުރުވާ އެންމެ އާންމު ސަބަބެއްކަމަށް ބެލެވިފައިވަނީ ޑައުން ސިންޑްރޯމް އެވެ. ޑައުން ސިންޑްރޯމް، މިނަން ދީފައި ވަނީ، މިއުނިކަން ފުރަތަމަ ފަހަރަށް ހޯއްދެވި ޑޮކްޓަރ، ޖޯން ލޭންގޑޮން ޑައުން ގެ ނަމާއި ގުޅުވައިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް