ކ. މާލެ
|
29 މާރޗް 2023 | ބުދަ 20:07
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ޑިމޮކްރަސީ އާލާކޮށް ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް ކުރާ މަސައްކަތްތައް އާކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސް ގޮވާލައްވައިފި
ފިސްކަލް އެކައުންޓަބިލިޓީއާއި ދެފުށް ފެންނަގޮތަށް ކަންކަން ކުރުމަކީ، ޑިމޮކްރަސީއެއް ހަރުދަނާކޮށް ހިންގުމުގައި ކޮންމެހެން މުހިންމު ކަމެއްކަން ފާހަގަކުރެއްވި
ޖުޑިޝަރީ އިސްލާހުކުރުމަކީ ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަން ފާހަގަކުރެއްވި
ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ހިނގާ ޑިމޮކްރަސީއެއް ރަނގަޅަށް ހިންގުމަށްޓަކައި، މިނިވަން މަދަނީ ޖަމްއިއްޔާތަކުގެ މުހިންމު ދައުރު ފާހަގަކުރެއްވި

ޑިމޮކްރަސީއަކީ އަބަދުވެސް އެއަށް ހޭނުމާއި އީޖާދީގޮތްތަކާއި, އާކަންތައްތައް އޭގައި ހިމެނޭ, އަދި އެންމެންގެ އެއްބާރުލުމާއި ބައިވެރިވުން ބޭނުންވާ އެއްޗެއްކަން ފާހަގަކުރައްވައި, ޑިމޮކްރަސީ އާލާކުރުމާއި ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށްޓަކައި ކުރާ މަސައްކަތްތައް އާކުރުމަށް، ބައިނަލްއަގުވާމީ މުޖުތަމައަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ގޮވާލައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން ގޮވައިލެއްވީ، އެމެރިކާގެ ރައީސް ޖޯ ބައިޑެން އިންތިޒާމްކުރައްވައިގެން ބޭއްވެވި "ސަމިޓް ފޮރ ޑިމޮކްރަސީ"ގެ ދެވަނަ ބައްދަލުވުމުގައި ގައުމީ ބަޔާން އިއްވަވަމުންނެވެ. އެގޮތުން ރައީސް ވަނީ، މިހާރުގެ ޖީލުތަކަށާއި އަންނަން އޮތް ޖީލުތަކަށްވެސް އުފާވެރި މުސްތަގުބަލެއް ހޯދައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން އެކުގައި މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

2021 ވަނަ އަހަރު ބޭއްވި މީގެ ފުރަތަމަ ސަމިޓަށްފަހު ރާއްޖެއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވައިލައްވަމުން، ފިސްކަލް އެކައުންޓަބިލިޓީއާއި ދެފުށް ފެންނަގޮތަށް ކަންކަން ކުރުމަކީ ޑިމޮކްރަސީއެއް ހަރުދަނާކޮށް ހިންގުމުގައި ކޮންމެހެން މުހިންމު ކަންތައްތައްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ލޯކަލް ކައުންސިލްތަކުގެ މިނިވަންކަން އިތުރަށް ކަށަވަރުކުރުމަށާއި ޕަބްލިކް ޕްރޮކިއުމަންޓް ޕޮލިސީތަކާއި އޮޑިޓް މެކޭނިޒަމްތައް ހަރުދަނާ ކުރުމަށް، ގާނޫނަށް ދެ އިސްލާހެއް މި ސަރުކާރުން ހުށަހަޅާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން މަސައްކަތްކުރަނީ ޕަރފޯމަންސް ބޭސްޑް ބަޖެޓިންގއާ ދިމާއަށް ދިއުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ޖުޑިޝަރީ އިސްލާހުކުރުމަކީ ވެސް ސަރުކާރުން ވަރަށް އިސްކަންދޭ ކަމެއްކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޖުޑިޝަރީއާމެދު ރައްޔިތުންގެ ހިތްތަކުގައި ކުރިން އޮތް ނުރަނގަޅު ތަސައްވުރު ރަނގަޅުވެ، ކުރިއަށްވުރެ ހަލުވިކޮށް، އަދި ދެފުށް ފެންނަގޮތަށް ކޯޓު މަރުހަލާތައް މިހާރު ކުރިއަށްދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ އިސްލާހާއެކު، ޑިސްޓްރިކްޓް ކޯޓު އުފެއްދުމާއި ސަރކިޓް ކޯޓުގެ ނިޒާމު ތައާރަފުކުރުމުގެ އިތުރުން، ޝަރުއީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާވެ ފަސޭހަވެގެންދާނެކަން ފާހަގަކުރެއްވިއެވެ.

މިންތީގެ ހަމަހަމަކަން ކުރިއެރުވުމަށާއި ނިންމުންތައް ނިންމާ ފަންތީގައި އަންހެނުން ބައިވެރިވުން އިތުރުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން ރައީސް ވަނީ، މިއީ މި ސަރުކާރުން ވަރަށް ބޮޑު ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ދާއިރާއެއްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި، ސުޕްރީމް ކޯޓަށް އަންހެން ފަނޑިޔާރުން އައްޔަންކުރުމާއި، ރާއްޖެއިން ބޭރުގައި ރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތައް ތަމްސީލުކުރުމުގައި ހަމަހަމަކަން ހޯދައިދިނުމާއި، ލާމަރުކަޒީ ނިޒާމުގައި އަންހެން ކައުންސިލަރުންގެ އަދަދު އިތުރުކޮށްފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ސަރުކާރުގެ 2022 ވަނަ އަހަރުގެ ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނަކީ ލާމަރުކަޒީ ނިޒާމާއި ކޯޕަރޭޓް ގަވަނަންސްގެ ދާއިރާއާއި ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާގައި އަންހެނުން ތަމްސީލުކުރާ މިންވަރު އިތުރުކުރުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެއްކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު ހިނގާ ޑިމޮކްރަސީއެއް ރަނގަޅަށް ހިންގުމަށްޓަކައި، މިނިވަން މަދަނީ ޖަމްއިއްޔާތަކުގެ މުހިންމު ދައުރު ފާހަގަކުރެއްވިއެވެ. މަދަނީ ޖަމްއިއްޔާތަކަށް ނުރައްކާ ކުރިމަތިކުރާ ކަންކަމަކީ ރާއްޖޭގެ ހުޅުވައިލެވިފައިވާ މުޖުތަމައަށް ގެއްލުންހުރި ކަންތައްތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި ސަރުކާރުން އިސްނަގައިގެން އެކުލަވާލި، ޖަމްއިއްޔާތަކުގެ ގާނޫނުގެ އަމާޒަކީ ދައުލަތުން އިތުރު މާލީ ވަސީލަތްތައް ފަހިކޮށްދީގެން، މަދަނީ ޖަމްއިއްޔާތައް މާލީ ގޮތުން ބާރުވެރިކުރުވުން ކަމަށެވެ. އަދި އެން.ޖީ.އޯ. ޕޯޓަލް ތައާރަފުކުރުމާއެކު ހުރިހާ މަދަނީ ޖަމްއިއްޔާތަކަށްވެސް އެ ޖަމްއިއްޔާތަކުގެ ގާބިލުކަން އިތުރުކުރުމަށް ބޭނުންވާ މައުލޫމާތާއި ވަސީލަތްތައް ހޯދުމުގެ ގާބިލުކަން އިތުރުވެގެންދާނެކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް