Advertisement
ކ. މާލެ
|
5 ޖުލައި 2017 | ބުދަ 11:55
އަދީބުގެ ވަކީލް ސިރާޖް:- އަދީބުގެ ވަކީލް މަހްފޫޒަށް ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި
އަދީބުގެ ވަކީލް ސިރާޖް:- އަދީބުގެ ވަކީލް މަހްފޫޒަށް ވެސް ވަނީ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި
ރާއްޖެއެމްވީ
ކުރީގެ ނައިބު ރައީސް އަދީބު
އަދީބުގެ ދެ ވަކީލުން ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި
ދެ ވަކީލުން ހާޒިރުވާން މިއަދު މެންދުރު ފަހު
އެމީހުން ހާޒިރުވާން އެންގީ އަދީބު އަވަހާރަކޮށްލަން އުޅޭ ކަމަށް ދެކެވޭ ވާހަކައާ ގުޅިގެން

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ގާނޫނީ ވަކީލު މަހުފޫޒު ސައީދާއި މޫސާ ސިރާޖް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ. 

އެ ދެ މީހުން ވެސް އެކަން "ރާއްޖެއެމްވީ" އަށް ވަނީ ކަށަވަރުކޮށްދީފަ އެވެ. އެ ދެ މީހުން ވެސް މިއަދު ފުލުސް އޮފީހަށް ހާޒިރުވުމަށް ހަމަ ޖެހިފައިވަނީ 14.00 ގައެވެ. 

ރާއްޖެއެމްވީއަށް އެެނގިފައިވާ ގޮތުގައި  ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ އަދީބު އަވަހާރަކޮށްލުމަށް ރާވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ފުލުހުނަށް ހުށަހަޅާފައިވާ  ސިޓީއާ ގުޅިގެންނެވެ. އެސިޓީގައި ވިދާޅުވެފައި ވަނީ މުވައްކިލު އަހުމަދު އަދީބު އަބްދުލްޣަފޫރު ދޫނިދޫ ގޮޅީގައި އޮއްވާ އަވަހާރަކޮށްލުމަށް ރޭވުންތަކެއް ކުރިއަށްދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ޕޮލިސް ކޮމިޝަނަށް އެޑްރެސް ކުރައްވާ ވަކީލް ފޮނުއްވި ސިޓީގައި އަދީބު އަވަހާރަ ކޮށްލަން ރާވާ ކަމަށް ލިބިފައިވާ މައުލޫމާތު ސައްހަކަން ކަށަވަރު ކުރައްވައި،  ޚާއްސަ ސަމާލުކަމެއް ދެއްވައި، އެ މައްސަލަ ތަހުގީގު ކޮށްދެއްވުން އެދިފައި ވެއެވެ. އަދި މިފަދަ ކަމެއް މެދުވެރިވިޔަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް އެދިވަޑައިގެންފައި ވެއެވެ. 

އަދީބު އަވަހާރަކޮށްލަން އުޅޭކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުފޫޒު ވިދާޅުވެފައިވާއިރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަޙްލޫފު ވެސް  ވިދާޅުވެފައި ވަނީ އަދީބު ދޫނިދޫގައި ބާއްވާފައި އޮންނަ ނިކަމެތި ހާލު ފެންނަން އޮތް ކަމަށާއި އަދީބު އަވަހާރަކޮށްލަފާނެ ކަމާ މެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

އަދީބު ޖަލުގައި ބަހައްޓައިގެން ޒަހަރު ކަހަލަ އެއްޗެއް ދީގެން، ސިއްހީ ހާލަތު ގޯސްކޮށް މަރާލަފާނެކަމުގެ ކަންބޮޑުވުން އެބަ އޮތް ކަމަށް މަހުލޫފު ވަނީ މީގެ ކުރިން ވެސް ވިދާޅުވެފައެވެ.  އަދީބު ދަނީ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މަހްލޫފް ވަނީ އަދީބު ޖަލުގައި އޮންނެވި މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކުރައްވާފައެވެ. 

އަދީބުގެ ވަކީލުން ވެސް ވިދާޅުވެފައި ވަނީ ޖަލުގައި އޮންނަވަނިކޮށް އަދީބު އަވަހާރަވެދާނެ ކަމަށާއި ފަރުވާ ބޭނުންވާ ކަމަށެވެ. އަދީބަށް ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތިވެ ބޭސްފަރުވާ އަށް ގައުމުން ބޭރަށް ވަޑައިގަތުމުގެ ހުއްދަ ދިނުމަށް ވަނީ އެދިފައެވެ. ނަމަވެސް ސަރުކާރުން ދަނީ އެކަމަށް ދެކޮޅު ހަދަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް