ކ. މާލެ
|
27 މާރޗް 2023 | ހޯމަ 21:02
ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ރިވިއު ކުރަމުންދާ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ރިވިއު ކުރަމުންދާ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން
ޕްލޭނިން މިނިސްޓްރީ
ތިލަމާލެ ބްރިޖުގެ މަސައްކަތް
ބްރިޖުގެ މަސައްކަތްތައް ކުރިޔަށްދާ ގޮތް ޖޮއިންޓް ކޮމިޓީން ބަލައިފި
ޖޮއިންޓް ކޮމިޓީން ބާއްވަމުންދާ ބައްދަލުވުންތަކުގެ 6 ވަނަ ބައްދަލުވުން މިދިޔަ ހަފުތާގައި ވަނީ ބާއްވާފައި

ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތް ރިވިއު ކުރަމުންދާ ޖޮއިންޓް ޕްރޮޖެކްޓް މޮނިޓަރިންގ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ޖޮއިންޓް ކޮމިޓީން ބާއްވަމުންދާ ބައްދަލުވުންތަކުގެ 6 ވަނަ ބައްދަލުވުން މިދިޔަ ހަފުތާގައި ބާއްވާފައިވާކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ. މި ބައްދަލުވުމުގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ. އަދި މަޝްރޫއަށް ފަންޑުކުރާ އެގްޒިމް ބޭންކުގެ އޮފިޝަލުންވެސް ބައިވެރިވެއެވެ.

ކޮމިޓީން ވަނީ ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ސައިޓަށްވެސް ޒިޔާރަތްކޮށް މަސައްކަތްދާ ގޮތް ބަލާފައެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް 24 ގަޑިއިރު ކުރިއަށްދާއިރު، މުހިންމު ބޮޑެތި މަސައްކަތްތައް ކުރިއަށްދަނީ އެފްކޮންސްގެ މެއިން ސައިޓް ކަމަށްވާ ގުޅީފަޅުގައެވެ.

ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާގޮތުން، މިއަހަރުގެ ޑިސެމްބަރު މަހާ ހަމައަށް، މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ބްރިޖުގެ މަސައްކަތް ނިންމާލެވޭނެކަމުގެ ޔަގީންކަން އެފްކޮންސްއިން ވަނީ ދީފައެވެ. އަދި 2024 ވަނަ އަހަރުގެ މެއި މަހު ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމައި، މާލެއާއި ވިލިމާލެއާއި ގުޅީފަޅާއި ތިލަފުށި ގުޅާލެވޭނެކަމުގެ ޔަގީންކަންވެސް އެ ކުންފުނިން ދެއެވެ.

މި މަޝްރޫއުގެ ދަށުން 3 ބްރިޖާއި، ކޯޒްވޭ، އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެ އިތުރުން، ގުޅާލާ ކޮންމެ ރަށަކަށް އަރައި ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިންގ ސަރަހައްދުތައްވެސް ހަދާނެއެވެ.

މުޅި މި މަޝްރޫއަށް 500 މިލިއަން ޑޮލަރު ހޭދަވެއެވެ. މި މަޝްރޫއު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް