ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބު އަށް ދިމާވެފައިވާ ސިއްހީ މައްސަލައަކާ ގުޅިގެން އައިޖީއެމްއެޗުން ފަރުވާދީފިއެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް "ރާއްޖެއެމްވީ"އަށް އެކަން ކަށަވަރުކޮށްދެއްވާފައވެެ. އަދި އަދީބު ދައްކާފައިވަނީ ޔުރޮލޮޖިސްޓަކަށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ނަމަވެސް އިތުރު ތަފްސީލެއް އޭނާ ނުދެއްވައެވެ.
އައިޖީއެމްއެޗަށް އަދީބު ގެންގޮސް ޔުރޮލޮޖިސްޓަކަށް ދައްކާފައިވާއިރު، އަދީބަށް ވަނީ ކިޑްނީ މައްސަލައެއް ދިމާވެފަ އެވެ. އަދި އެތެރެ ހަށީގައި ސިސްޓެއް އުފެދިފައިވާއިރު، ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގުލުކޮމާ ޖެހިފައިވާ ކަމަށް ވެސް ޑޮކްޓަރުންނާ ހަވާލާދީ އާއިލާއިންނާއި ގާނޫނީ ވަކީލުން މައުލޫމާތު ދީފައި ވެއެވެ.
މަންޒަރު ދުށް ރާއްޖެ ޓީވީގެ ނޫސްވެރިއަކު ބުނީ ފަރުވާދިނުމަށް ފަހު އަދީބު އަނބުރާ ގެންދިޔައީ ޓީޖެޓީ ސަރަހައްދުން ކަމަށާއި އަދީބު ގެންދިޔަ ވަގު އެ މަގު ބަންދުކޮށްފައިވާ ކަމަށެވެ.
އަދީބަށް އައިޖީއެމްއެޗްގައި ފަރުވާ ދިން ނަމަވެސް އާއިލާ އާއި ވަކީލުން ވެސް ބުނީ ޑޮކްޓަރަށް ދައްކަން ގެންނަ އިރު އެކަމުގެ މައުލޫމާތު ފުލުހުން ނުދޭ ކަމަށެވެ. އާއިލާ އިން ބުނީ އަންގާރަ ދުވަހު ވެސް އަދީބު މާލެ ގެނެސް ލޮލުގެ ޑޮކްޓަރަކަށް ދައްކާފައިވާ ކަމަށެވެ. ނަމަވެސް އަދީބު މާލެ ގެންނަކަމާއި އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކުގައި އިތުރު ތަފްސީލްތައް ކަމާބެހޭ އިދާރާތަކުން ދެމުން ނުދާކަމަށްވެސް އައީލާއިންނާއި ގާނޫނީ ވަކީލުން ވިދާޅުވެއެވެ.
ތަފާތު އެކި މައްސަލަތަކުގައި 33 އަހަރަށް ޖަލު ހުކުމެއް ކުރި ނަމަވެސް އަދީބު އަދިވެސް ހުންނަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫ ޖަލުގައެވެ.
އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރުން ބޭސްފަރުވާ ކުރުމަށް އަދީބު ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް ވެސް އަދީބުގެ އާއިލާއިންނާއި ގާނޫނީ ވަކީލުން މައުލޫމާތު ދީފައި ވެއެވެ. އަދި އަދީބަށް ރާއްޖޭން ބޭސްފަރުވާ ލިބޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި އަދީބުގެ އާއިލާއިންނާއި އަދީބުގެ ގާނޫނީ ވަކީލުން ދައުލަތުގެ ކަމާބެހޭ އިދާރާތަކުގައި "އާދޭސް" ދަންނަވާފައިވީ ނަމަވެސް މިހާތަނަށް އެކަން ހަމަޖެހޭ ގޮތް ވަނީ ނުވެފަ އެވެ.
ސަރުކާރުން ބުނަމުންދަނީ އަދީބު ފިއްލަވާނެތީ ރާއްޖެއިން ބޭރަށް ފޮނުވެން ނެތް ކަމަށެވެ. އަދި އަދީބު އަތުގައި ދައުލަތުގެ ގިނަ އަދަދެއް ފައިސާ ހުރި ކަމަށް ވެސް ސަރުކާރުން ތުހުމަތު ކުރެ އެވެ.