ކ. މާލެ
|
25 މާރޗް 2023 | ހޮނިހިރު 11:27
ބަޔާންގެ ކޯޗަކަށް ހަމަޖައްސަން އުޅޭ ޖަރުމަނުގެ ތޯމަސް ޓުޗެލް
ބަޔާންގެ ކޯޗަކަށް ހަމަޖައްސަން އުޅޭ ޖަރުމަނުގެ ތޯމަސް ޓުޗެލް
ޓްވިޓަރ
ބަޔާން މިއުނިކް
ޓުޗެލް ބަޔާނާ ހަވާލުވާނީ ދެ އަހަރު ދުވަހަށް، ހޯމަ ދުވަހު ފަރިތަކުރުންތަކަށް
އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް

ބަޔާން މިއުނިކްގެ ކޯޗުކަމާ ޖަރުމަނުގެ ތޯމަސް ޓުޗެލް ހަވާލުވާނީ ދެ އަހަރު ދުވަހަށް ކަމަށް އެ ކުލަބުން ބުނެފި އެވެ.

ބަޔާނުން ވަނީ އެ ކުލަބުގެ ކޯޗުކަމުން ހޫލިއަން ނާގަލްސްމަން ވަކި ކުރުމަށްފަހު ޓުޗެލް އެ މަޤާމަށް ގެނައުމަށް ނިންމައިފަ އެވެ. އެކަމާ ގުޅިގެން ބަޔާނުން ބުނީ، އުމުރުން 49 އަހަރުގެ ޓުޗެލް ބަޔާނާ ހަވާލު ވާނީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް އެ ކުލަބުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އެ ކުލަބުން ބުނީ، މިހާރު ކުރިއަށް ދަނީ އެއްބަސްވުން އެކުލަވާލުމުގެ މަސައްކަތް ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ޓުޗެލް އަށް އެއްބަސްވުން ލިބޭނެ ކަމަށެވެ. އިތުރަށް ބަޔާނުން ބުނީ އަންނަ ހޯމަ ދުވަހު އޮންނަ އެ ކުލަބުގެ ފަރިތަކުރުންތަކަށް ޓުޗެލް ހާޟިރުވާނެ ކަމަށާއި، އެ ދުވަހުން ފެށިގެން ޓީމުގެ ކަންކަން ކުރިއަށް ގެންދާނީ ޓުޗެލްގެ އިރުޝާދުގެ ދަށުން ކަމަށެވެ.

ޓުޗެލް އެންމެ ފަހުން ހުރީ ޗެލްސީގެ ކޯޗުކަމުގަ އެވެ. ނަމަވެސް އެ ކުލަބުގެ އައު ވެރިން ކުލަބާ ހަވާލުވުމަށްފަހު މިދިޔަ އަހަރު ވަނީ ޓުޗެލް މަގާމުން ވަކިކޮށްފަ އެވެ. އޭގެ ފަހުން މިހާތަނަށް ޓުޗެލް ހުރީ އެއްވެސް ވަޒީފާއެއްގައެއް ނޫނެެވެ. ޓުޗެލް ވަނީ މީގެ ކުރިން ޖަރުމަނު ލީގުގެ ތިން ކުލަބަކަށް އިރުޝާދު ދީފަ އެވެ. އެއީ އޮގްސްބާގް، މެއިންޒް އަދި ބޮރޫޝިއާ ޑޯޓްމަންޑު އެވެ. މީގެ އިތުރުން ޓުޗެލް ވަނީ ފްރާންސްގެ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ވެސް އިރުޝާދު ދީފަ އެވެ. ޓުޗެލް އަކީ ޔޫރަޕުގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ތަޖުރިބާ ބޮޑު ކޯޗެކެވެ. ކޯޗެއްގެ ގޮތުގައި ޓުޗެލް ވަނީ މިހާތަނަށް 10 ތައްޓެއް ކާމިޔާބުކޮށްފަ އެވެ. އޭގެ ތެރޭގައި ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބް ވޯލްޑް ކަޕް ހިމެނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް