ސަރުކާރަށް ނިސްބަތްވާގޮތަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން ތަފާތު ސްނެޕެއް ކުރައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދިން ކަމުގެ ފުރިހަމަ ހެއްކާއި ގަރީނާ އެބަހުރި ކަމަށް ބުނެ، އަންގާރަ ދުވަހު ފުލުހުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ފާރިސް ހައްޔަރު ކޮށްފާނެ ކަމުގެ އިޝާރާތެއް ފުލުހުން ވަނީ ކޮށްފައެވެ.
މި ޕްރެސް ކޮންފަރެންސާއި ވިދިގެން، ސޯޝަލް މީޑިއާ ޕްލެޓްފޯމް، ސްނެޕްޗެޓްގައި، ފާރިސް ކުރެއްވި ސްނެޕެއްގައި ސަރުކާރުން މިހާރު ގެންގުޅޭ ސިޔާސީ އުކުޅުތަކަށް ފާޑުވިދާޅުވާކަމަށް ދޭހަވާގޮތަށް ފާރިސް ވަނީ، ތަންކޮޅެއް ކްރިއޭޓިވް ވުމަށް ގޮވާލައްވާފައެވެ. ފާރިސް އިތުރަށް ލިޔެފައިވަނީ "ކަލޭމެންގެ ޝޯވ މިހާރު ފޫހި އެއްޗަކަށް" ވަމުންދާ ކަމަށެވެ.
މި ލިޔުންކޮޅާއިއެކު، ފާރިސް ވަނީ ސްނެޕްޗެޓުގައި އެމަނިކުފާނު ރަމްޒުކުރުމަށް ބޭނުންކުރާ ބިޓްމޯޖީގެ ފޮޓޯއެއްވެސް ހިމަނުއްވާފައެވެ. އެ ފޮޓޯގައި ރަމްޒުކޮށްދީފައިވަނީ ފާރިސް ޑޮލަރު ގޯންޏެއް ހިއްޕަވައިގެން ހުންނަވަނިކޮށެވެ.
ސަރުކާރަށް ރައްދުވާގޮތަށް މިފަދަ ސްނެޕެއް ފާރިސް ކުރައްވާފައިވާއިރު، މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފެށީއްސުރެ، ސަރުކާރުން ވަނީ، މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދިން ކަމުގެ ތުހުމަތު އެކި ފަހަރުމަތިން ފާރިސްގެ މައްޗަށް ކޮށްފައެވެ.
ފާރިސްގެ މައްޗަށް ތަކުރާރުކޮށް ރިޝްވަތުގެ ތުހުމަތު ސަރުކާރުން ކުރަމުންދާއިރު، ރިޝްވަތުގެ ފައިސާ ގޯނި ހިއްޕަވައިގެން މެންބަރުންގެ ގާތަށް ހިންގެވިކަމަށް އަމިއްލަފުޅަށް އިއުތިރާފު ވެވަޑައިގެންފައިވާ, ރައީސް ޔާމީންގެ އަރިސް ބޭފުޅެއް ކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއިލްގެ މައްސަލަ ބެލުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ.
އަދި މެމްބަރުންނަށް ފާރިސް ރިޝްވަތުދެއްވި ކަމުގެ ހެކި ހުރިކަމަށް ފުލުހުން ބުނާއިރު، ރިޝްވަތުގެ ފައިސާ ބެއްސެވިކަމަށް އަމިއްލަފުޅަށް އިއުތިރާފު ވެވަޑައިގެން މުޙައްމަދު އިސްމާއިލްގެ މައްސަލަ ނުބަލަން ފުލުހުން ވަނީ ނިންމާފައެވެ.