ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފިލައިގެން އުޅުމަށްފަހު އަމިއްލައަށް ފުލުހުންނާ ހަވާލުވި އިބްރާހީމް ފައިހް ނިޒާމުގެ ބަންދަށް 30 ދުވަސް ކްރިމިނަލް ކޯޓުން ދީފިއެވެ.
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މިދިޔަ މަހު 15 ގައި ސ. މަރަދޫފޭދޫ، ރަށްދެބައިގެ އުމުރުން 25 އަހަރުގެ އިބްރާހީމް ފައިހް ނިޒާމް ހޯދަން އިއުލާންކުރިއެވެ. މި މައްސަލައިގައި މަހަކަށްވުރެ ގިނަ ދުވަސްވަންދެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއިރު އޭނާ ހައްޔަރުކުރިޔަ ނުދިނުމަށްޓަކައި ފޮރުވައިގެން ގެންގުޅޭ ކަމަށް ތުހުމަތުކުރެވޭތީ ފަސް މީހަކު ހައްޔަރުކުރިއެވެ. އެކަމާއި ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ވެސް ކުރިޔަށްގެންދިޔައެވެ.
އޭގެފަހުން ފައިހު ވަނީ އަމިއްލައަށް ފުލުހުންނާ ހަވާލުވެފައެވެ. އެއީ މަރޗް މަހުގެ 21 ވީ އަންގާރަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. މިމައްސަލައާ ގުޅިގެން ފުލުހުން ބުނީ ފައިހު ނިޒާމުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށެވެ.
ފައިހް ހޯދަން އިއުލާންކުރީ މާލޭގެ ކެފޭއަކަށް ވަދެ މީހަކު ޒަހަމުކޮށްލި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ.