ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ސަރުކާރުން ސިއްހީ ފަރުވާ ނުދީ ހިފަހައްޓާ މައްސަލައިގެ ތެރެއަށް ބައިނަލްއަގުވާމީ މުޖުތަމައުއިން ވަދެއްޖެކަަމަށް އދ. ޚާއްސަ ރެޕަޓުއާރ ޑރ. އަޙުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީދު މިހެންވިދާޅުވީ، އަންގާރަދުވަހު ކުރައްވާފައިވާ ޓްވީޓެއްގައެވެ. ޑރ.ޝަހީދުވިދާޅުވީ، ވީޕީ އަދީބަށް ސިއްހީ ފަރުވާ ނުދޭތީ، އެ މައްސަލައިގެ ތެރެއަށް ބައިނަލްއަގުވާމީ މުޖުތަމައު ވަދެއްޖެ ކަމަށެެވެ. އަދި އެމައްސަލައިގެ ތެރެއަށް ބައެއް ގައުމުތަކުގެ ސަރުކާރުތަކާއި، ޖަމުއިއްޔަ ޖަމާއަތްތަކުންވެސް ވަދެފައިވާކަމަށެެވެ.
ޑރ. ޝަހީދު ކުރައްވާފައިވާ އިތުރު ޓްވީޓެއްގައި އަދީބަށް ބޭސްފަރުވާ ހަމަޖައްސައި ނުދީ، މަރުވާން ދޫކޮށްލާފައިވާ މައްސަލައިގައި ބަހެއްބުނާނެ އިލްމުވެރިޔަކު ނެތްކަމަށް ވިދާޅުވެ ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ.
އެންމެ އިންސާނަކު ނުހައްގުން މެރުމަކީ، އެންމެން މެރުންފަދަ ކަމަށާ، އެންމެ އިންސާނެއްގެ ފުރާނަ ސަލާމަތްކޮށްދިނުމަކީ މުޅި އިންސާނިއްޔަތު ސަލާމަތްކޮށްދިނުންކަން ޑރ. ޝަހީދު ވަނީ ފާހަގަކުރައްވާފައެވެ.
ޑރ. ޝަހީދު އަންގާރަދުވަހު ކުރެއްވި އެހެން ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ނައިބު ރައީސްކަން ކުރެއްވި ބޭފުޅަކު ބޭސްކޮށްނުދީގެން މަރުވާން ޖެހޭނީ އެންމެހާ ދިވެހި ރައްޔިތުން ގޮތް ހުސްވި ދުވަހަކުން ކަމަށެވެ. އަދި "އިރާދަކުރެއްވިއްޔާ އެހެންނެއް ނުވާނެ" ޑރ. ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވަނީ މީގެ ކުރިން، އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ނުދޭ ކަމަށް ބުނާ މައްސަލަ އދ. އަށް ހުށަހަޅާފައިވާ ކަން ހާމަކުރައްވާފައެވެ. ޑރ. ޝަހީދުވަނީ އަދީބުގެ މައްސަލާގައި އދގެ ސިއްހަތާ ބެހޭ ހާއްސަ ރެޕަޓުއާ ޑރ. ޑެނިއަސް ޕޫރަސްއާއި ބައްދަލު ކުރައްވާފައެވެ. ނަމަވެސް އޭގެ ތަފުސީލެއް ޑރ. ޝަހީދު އަދި ހާމައެއް ނުކުރައްވައެެވެ.
އަދީބަށް ނުރައްކާތެރި ސިއްހީ ހާލަތުތަކެއް ކުރިމަތިވެ ނުރައްކާތެރި ބައްޔެއް ލޮލަށް ޖެހިފައިވާ ކަމަށް އަދީބުގެ އާއިލާއާއި ގާނޫނީ ވަކީލުން ދަނީ ބުނަމުންނެވެ. އެގޮތުން ލޮލުގެ ނުރައްކާތެރި ބައްޔެއް ކަމަށްވާ ގްލުކޯމާ، އަދީބުގެ ލޮލަށް ޖެހިފައިވާ ކަމަށާއި އަދީބުގެ އެތެރެ ހަށީގައި ސިސްޓްތަކެއް އުފެދިފައިވާކަމަށް އަދީބުގެ ގާނޫނީ ވަކީލުން ދަނީ ބުނަމުންނެވެ. އަދި ކިޑުނީގައި ހިލަ އުފެދިފައިވާ ކަމަށްވެސް ގާނޫނީ ވަކީލުން ވަނީ ބުނެފައެވެ.
އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމުގެ ހުއްދައަކަށް ވެސް އާއިލާއިން ވަނީ އެދިފައެވެ.
ނަމަވެސް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ދިނުމަކީ ފިލަން ފުރުސަތު ދިނުން ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އަދީބަށް ބޭނުންވާ ބޭސްފަރުވާ ރާއްޖެއިން ބޭރުން ދިނުމާމެދު ސަރުކާރުން ދެކޮޅު ހަދަމުންދާ މި ދަނޑިވަޅުގައި އަދީބު އަވަހާރަކޮށްލުމަށް ރާވާ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވާކަމަށްބުނެ އޭނާގެ ވަކީލުންގެ ފަރާތުން އެކަން ބަލައިދިނުމަށް އެދި ފުލުހުންނަށް ވަނީ ހުށައަޅާފައެވެ.